މަތީ ސާނަވީއަކީ ދަރިވަރުންގެ މިއަދުގެ ހާލަތާއި މާދަމާގެ ހުވަފެންތަކާ ދެމެދު އެޅޭ ފާލަމެއް: އެޑިއުކޭޝަން މިނިސްޓަރު

ޑރ އައިޝަތު އަލީ
ޑރ އައިޝަތު އަލީ: މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނަށް ހަދާންކޮށްދެއްވި

މަތީ ސާނަވީއަކީ ދަރިވަރުންގެ މިއަދުގެ ހާލަތާއި މާދަމާގެ ހުވަފެންތަކާ ދެމެދު އެޅޭ ފާލަމެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގައި ފުރަތަމަ ފަހަރަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން އެ އަތޮޅު ކެޔޮދޫ ސްކޫލްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މަދަރުސީ ތައުލީމުގެ އެންމެ ފަހު މަރުހަލާ، ރަށެއްގައި ތައާރަފު ކުރެވުމަކީ އެރަށަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ ރަށެއްގެ ތަހުޒީބަށާއި، މީހުންގެ އުޅުމަށް އަންނަ ތަރައްގީ ކަމަށެވެ. އަދި  އެކަމުން އިޝާރާތް ކުރަނީ ވ. އަތޮޅާއި ކެޔޮދޫގެ މުސްތަގުބަލް ފަހިވެފައި ފާގަތިކަމެވެ.

މިނިސްޓަރު ވިދާޅުވީ، އޯލެވެލް ނިންމާލުމަށްފަހު ކިޔަވަން ރަނގަޅީ އޭލެވެލް ހޭ، ނޫނީ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ފައުންޑޭޝަން ކޯހެއް ހެދުން ތޯ، ގިނަ ބަޔަކު ސުވާލުކުރައްވާ ކަމަށެވެ.

" ތަގުދީރުގެ ދީލަތި ކަމުން މިހާތަނަށް އައިއިރު، އަޅުގަނޑަށް ވަނީ ކިޔެވުމުގެ ހުރިހާ މަރުހަލާއެއް ކަނޑައްތު ކުރެވިފައި. އަޅުގަނޑުގެ ތައުލީމީ ޙަޔާތުން އެންމެ މަންފާ ކުރި މަރުޙަލާއަކީ ކޮބާހޭ މީހަކު އަހައިފިނަމަ ބުނެވޭނީ އެއީ މަތީ ސާނަވީއާއި ފުރަތަމަ ޑިގްރީއަށް އަޅުގަނޑު ކިޔެވި ދުވަސްވަރުކަން" މިނިސްޓަރު ވިދާޅުވިއެވެ. "

މިނިސްޓަރު ވިދާޅުވީ އެ ދެ މަރުޙަލާއަކި ކުއްޖެއްގެ ވިސްނުން ފާގަތިވެ ކަންކަމާމެދު ފުންކޮށް ވިސްނަން ދަސްވާ މަރުހަލާ ކަމަށާއި، މަތީ ސާނަވީ ކާމިޔާބުކަމާއެކު ނިންމާލެވުމުން، ދަރިވަރުންނަށް ފަހެލި ފައްސި ފުރުޞަތު ތަކެއް ފަހިވާކަމަށެވެ.

" އެއީ އެއީ އުޖާލާ މަންޒަރުތަކެއް ފެންނަ ކުޑަދޮރުތަކެއް ހުޅުވޭ ކަމެއް. އެއީ ދަރިވަރުންގެ މިއަދުގެ ހާލަތާއި މާދަމާގެ ހުވަފެންތަކާއި ދެމެދު އެޅޭ ފާލަމެއް" ކެޔޮދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ޖަލްސާގައި މިނިސްޓަރު ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވަން ފެށީ ހަ ދަރިވަރުނާ އެކުގައެވެ. މި އަހަރުގެ ތެރޭގައި އެ ސްކޫލްގެ އިތުރުން ތޮއްޑޫ ސްކޫލާއި ދާންދޫ ސްކޫލްގައި ވަނީ މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *