ރާއްޖޭގެ ކަނޑުފަޅުތަކުގެ ސާފުތާހިރުކަމާއި ދިރުންތައް ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ހިންގާ "ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" މަޝްރޫއުގެ މަސައްކަތްތައް ފެށުމަށް ބާއްވާ ވޯކްޝޮޕާއި، މި މަޝްރޫއު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި މަޝްރޫއު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން މައުލޫމާތު ދޭ ގޮތުގައި، މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށްވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ "ޖީއީއެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެކައްޗެވެ. މި ބައިނަލްއަގުވާމީ ޕްރޮގްރާމަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިސްވެ އޮވެ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އެހެނިހެން ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގާ މަސައްކަތެކެވެ.
މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ކަނޑުތަކުގައި އޮކްސިޖަން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެއްގަމުން ކަނޑަށް ބޭރުވާ ނައިޓްރޯޖަން އާއި ފޮސްފަރަސް ފަދަ ކަނޑު ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމެވެ. މިގޮތުން ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތްތަކުންނާއި، ރަށްރަށުގެ ނަޖިސް ބޭރުކުރާ ނިޒާމުތަކުން ކަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް "ސޯސް-ޓޫ-ސީ" ނުވަތަ ފެށޭ ތަނުން ފެށިގެން ކަނޑާ ހަމައަށް ހުރި މައްސަލަތައް ހައްލުކުރުމުގެ އުސޫލުތައް ގެންގުޅެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:
ގައުމީ ފެންވަރުގައި "ނޭޝަނަލް ނައިޓްރޯޖަން އެކްޝަން ޕްލޭން" އެއް އެކުލަވާލުން.
ނަޖިސް ރީސައިކަލްކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އުފައްދާ ނިޒާމެއް ގާއިމުކުރުން.
"ނައިޓްރޯ ފައިނޭންސް" މެދުވެރިކޮށް އަމިއްލަ ދާއިރާ އާއި އާންމު ރައްޔިތުން ގުޅިގެން ތިމާވެށީގެ މަސައްކަތްތަކަށް ފައިސާ ހޯދޭނެ މަގު ފަހިކުރުން.
ކަނޑުގެ ދިރުންތަކަށް ކުރާ އަސަރު ދެނެގަތުމަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ގާއިމުކުރުން.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫއު ތަންފީޒުކުރަނީ ޔޫ.އެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިންނެވެ. އަދި މި މަސައްކަތް އަމަލީގޮތުން ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ޔޫ.ކޭ ސެންޓަރ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެންނެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްވުމުގެ އިތުރުން، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރާނެ ކަމަށް އެމް.އެން.ޔޫ އިން ބުނެއެވެ.
advertisment
ހިޔާލު