މިއަދުގެ ދިވެހި މުޖުތަމައަށް ބަލާލާއިރު، ގިނަ މައިންބަފައިންނަށް ކުރެވޭ އެންމެ ބޮޑު އެއް ކުށްހީއަކީ ދަރިފުޅު ގޭގެ ބޭރަށް ނުގޮސް، ކޮޓަރީގައި ހުރުމަކީ އެއީ އެންމެ ބޮޑު ރައްކާތެރިކަން ކަމުގައި ގަބޫލުކުރެވުމެވެ. ނަމަވެސް، ޓެކްނޮލޮޖީގެ މި ޒަމާނުގައި، "ކޮޓަރީގެ ހަތަރު ފާރު" މިވަނީ މުޅި ދުނިޔެއަށް ހުޅުވިފައިވާ ދޮރަކަށް ވެފައެވެ. ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "Adolescence" އިން ދައްކުވައިދޭ ހަގީގަތްތަކަކީ، ކޮންމެ ދިވެހި ބެލެނިވެރިއަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ފަދަ އިލްމީ އަދި ދިރާސީ ފިލާވަޅުތަކެކެވެ.
ފަރުދާގެ ފުރަގަސް: ގޭގެ ތެރެއަށް ވަދެފައިވާ ނުރައްކާ
މައިންބަފައިންނަށް ހީވަނީ ދަރިފުޅު ކޮޓަރީގައި އޮތީ ރައްކާފތެރިކަމާއެކު ކުޅޭށެވެ. ނަމަވެސް، އަތުގައި އޮތް ފޯނަކީ އެއްވެސް ހުރަހެއް ނެތް، އަނިޔާވެރިކަމާއި، ބަދުއަޙުލާޤީ ކަންކަމާއި، ދީނީ އަދި އާދަކާދަތަކާ ހިލާފު ފިކުރުތައް އޮހެމުންދާ އިމެއް ނެތް ކަނޑެކެވެ. ދަރިފުޅު ކޮޓަރީގައި އިންނައިރު، އޭނާގެ ސިކުނޑިއަށް ވަންނަމުންދަނީ ކޮން ފަދަ ނުބައި އެއްޗެއްތޯ ބެލުމަކީ މިއަދު ކޮންމެ މީހެއްގެ މައްޗަށް އޮތް ބޮޑު ޒިންމާއެކެވެ.
ނަފްސާނީ ހަނގުރާމަ: ގަނާކުރުމާއި އޭގެ ހިތި ނަތީޖާ
ނަފްސާނީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، ގަނާކުރުމަކީ ނުވަތަ ފުރައްސާރަކުރުމަކީ ކުއްޖާގެ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ ނުރައްކާތެރި އެއް ކަންތަކެވެ. ސްކޫލް މާހައުލުގައާއި ބޭރުތެރެއިން ނުވަތަ ފޯނުގެ ޒަރީއާއިން ކުރިމަތިވާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ކުއްޖާގެ ހިތުގައި އުފެދޭ ފޮރުވިފައިވާ ރުޅިވެރިކަން، ކޮންމެވެސް ދުވަހަކުން ނުރައްކާތެރި ގޮތަކަށް ބޭރުވެދާނެއެވެ. އިސްލާމްދީނުގައިވެސް މީހުންނަށް މަލާމާތްކުރުމާއި ދިމާކުރުން ހަރުކަށިކޮށް ނަހީކުރައްވާފައިވަނީ މިފަދަ އިޖުތިމާއީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކުން މުޖުތަމައު ސަލާމަތްކުރުމަށެވެ.
ފުރާވަރުގެ ސިކުނޑި: އިލްމީ ނަޒަރަކުން
އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، އިންސާނާގެ ސިކުނޑީގެ ބުއްދިވެރި ނިންމުންތައް ނިންމާ ބައި މުޅިން ފުރިހަމަވަނީ އުމުރުން 25 ނުވަތަ 27 އަހަރުގައެވެ. ނަމަވެސް އިހުސާސްތަކާއި ކުއްލި އާވިގަނޑު ނުވަތަ އުދާސްތައް ކޮންޓްރޯލްކުރާ ބައި ހުންނަނީ މާ ކުރިން ތަރައްގީވެފައެވެ. މީގެ މާނައަކީ، ފުރާވަރުގެ ކުއްޖަކީ ކިތަންމެ ވިސްނުންތޫނު ކުއްޖަކަށް ވިޔަސް، ކުއްލިއަކަށް އަންނަ އާވިގަނޑެއްގައި ނުވަތަ ޖަޒުބާތެއްގައި ކުރެވޭ ކަމެއްގެ ނަތީޖާ ފުންކޮށް ވަޒަންކުރުމުގެ ގާބިލުކަން އެ ކުއްޖާގެ ސިކުނޑީގައި ހަށިގަނޑުގެ އުފެދުމުގެ ގޮތުންވެސް ފުރިހަމައެއް ނުވެއެވެ. ވުމާއެކު، އެ ކުދިންނަށް ބެލެނިވެރިންގެ މަގުދައްކައިދިނުން މި އުމުރުގައި އިންތިހާއަށް ބޭނުންވެއެވެ.
އެންމެ ބޮޑު ހުސްކަން: އިހުސާސްތަކުގެ ގުޅުން
ދަރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ރީތި ހެދުމާއި، އެންމެ ފަހުގެ ފޯނު ހޯދައިދިނުމަކީ އެއީ މޮޅު ތަރުބިއްޔަތެއް ކަމަށް ބެލުމަކީ ބޮޑު ކުށެކެވެ. ފިލްމީ ސިލްސިލާއިން ފެނުނު އެންމެ ބޮޑު ފިލާވަޅަކީ، ކުއްޖާއަށް ހުރިހާ މާއްދީ ތަކެއްޗެއް ލިބުނު ނަމަވެސް، މައިންބަފައިންނާ ދެމެދު އޮންނަންޖެހޭ އިހުސާސްތަކުގެ ގާތްކަން ނެތުމުން ދިމާވި ހިތާމަވެރި ހާދިސާއެވެ.
މައިންބަފައިންނަކީ ދަރިންގެ އިހުސާސްތައް އަޑުއަހާ، އެކުދިންގެ ހިތްހަމަނުޖެހުންތަކާއި ބިރުވެރިކަން ހިއްސާކުރާނެ ރައްކާތެރި ބަނދަރަކަށް ވާންޖެހެއެވެ. ދަރިފުޅު ދެރަވެފައި ހުންނަ ވަގުތު، އެކަން ހަމައެކަނި ސަކަރާތަކުން ނުވަތަ އެހެން ކަމަކަށް ސަމާލުކަން އަނބުރާލައިގެން ނިންމާލުމުގެ ބަދަލުގައި، އެ އިހުސާސްތަކާ ކުރިމަތިލާން ދަސްކޮށްދޭންޖެހެއެވެ.
ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެކުދިން ބޮޑުވަނީ ހަމައެކަނި އިސްކޮޅުންނެއް ނޫނެވެ. އެކުދިންގެ ސިކުނޑިއާއި ހިތް ބޮޑުވަމުން އަންނަނީ އަޅުގަނޑުމެން ދޭ ލޯތްބާއި، ވަގުތާއި، އިރުޝާދުގެ މައްޗަށެވެ. ދަރިފުޅު ކޮޓަރީގައި އިންނަ އިންނުމަކީ ރައްކާތެރިކަމެއް ކަމަށް ބަލައި ފަރުވާކުޑަނުކުރައްވާށެވެ. އެކުދިންގެ ފޯނުގެ ދިރިއުޅުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިވެ، ލޯތްބާއެކު ގާތް ގުޅުމެއް ބޭއްވުމަކީ މިއަދުގެ ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ.
advertisment
ހިޔާލު