މުދައްރިސުންނާއި ބެލެނިވެރިން: ދަރިވަރުގެ ކާމިޔާބީގެ ދެ ތަނބު: ހަގީގީ ބައިވެރިންތަކެއްތަ؟

މޫސާ ނިމާލް

ކުއްޖެއްގެ ތައުލީމީ ހަޔާތަކީ ހަމައެކަނި ފޮތްތަކަކާއި އިމްތިހާނުތަކެއް ނޫނެވެ. އެއީ އުއްމީދުތަކުން ފުރިގެންވާ ދިގު ދަތުރެކެވެ. މި ދަތުރުގެ އަމާންކަމާއި ކާމިޔާބީ ބިނާވެފައިވަނީ އެ ދަތުރުގެ ދެ ފަޅީގައި ތިބި ދެ ފަރާތުގެ މައްޗަށެވެ. އެއީ މުދައްރިސުންނާއި ބެލެނިވެރިންނެވެ. އާންމުކޮށް އިވޭ ވާހަކައަކީ މި ދެފަރާތުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ވާހަކައެވެ. ނަމަވެސް، އިލްމީ ދިރާސާތަކާއި ދުނިޔޭގެ ތަޖުރިބާކާރުން ބުނަނީ މުޅިން ތަފާތު ވާހަކައެކެވެ. މުދައްރިސުންނަކީ ބެލެނިވެރިންނާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ނޫނެވެ. އެއީ ބެލެނިވެރިންގެ ކޮނޑާއި ކޮނޑު ޖައްސައިގެން، ދަރިވަރުގެ މުސްތަގުބަލު ބިނާކުރަން ތިބި އެންމެ ގާތް ބައިވެރިންނެވެ.

ދިރާސީ ނަޒަރަކުން: ގުޅިގެން މަސައްކަތްކުރުމުގެ މަންފާ

ތައުލީމީ ދާއިރާގެ މަޝްހޫރު ދިރާސާވެރިޔާ ޖޯން ހެޓީ (2023) އޭނާގެ ދިރާސާތަކުގައި ފާހަގަކުރައްވާ ގޮތުގައި، ދަރިވަރެއްގެ އުނގެނުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއް ކަމަކީ "ހޯމް-ސްކޫލް ޕާޓްނަޝިޕް" ނުވަތަ ގޭތެރެއާއި ސުކޫލުގެ ގުޅުމެވެ. މި ގުޅުން ހަރުދަނާވުމުން ދަރިވަރުންގެ ފަރާތުން ފެންނަ ބައެއް ހެޔޮ ބަދަލުތައް ތިރީގައި އެވަނީއެވެ.

  • އަކަޑެމިކް ކުރިއެރުން:

ގޭގައި ކިޔެވުމަށް ބާރުއަޅާ، މުދައްރިސާ ގަވާއިދުން ވާހަކަދައްކާ ބެލެނިވެރިންގެ ކުދިންގެ ނަތީޖާ، އެހެން ކުދިންނަށްވުރެ 30 އިންސައްތަ މަތިވާކަން ދިރާސާތަކުން ދައްކައެވެ.

  • ނަފްސާނީ ހަމަޖެހުން:

މުދައްރިސާއި ބެލެނިވެރިޔާއާ ދެމެދު އިހުތިރާމް އޮންނަކަން ކުއްޖާއަށް އިހުސާސްވުމުން، ސުކޫލަށް އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެ، ނަފްސާނީ ނުތަނަވަސްކަން ކުޑަވެއެވެ.

ދިވެހިރާއްޖޭގެ މާހައުލު: ސަގާފީ ރޫހާއި އާ ގޮންޖެހުންތައް

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ބަލާއިރު، އަޅުގަނޑުމެންގެ ސަގާފަތަކީ "އެންމެން ގުޅިގެން" ކަންކަން ކުރުމުގެ ސަގާފަތެކެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 2025 ވަނަ އަހަރުގެ "ޖޮއިންޓް ސެކްޓަރ ރިވިއު" އިން ދައްކާގޮތުގައި ދިވެހި މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން މިހާރު ވަނީ ޑިޖިޓަލް ވަސީލަތްތަކާއެކު އާ މަރުހަލާއަކަށް ގޮސްފައެވެ.

ނަމަވެސް، މި ދަތުރުގައި ބައެއް ހުރަސްތައް އެބަހުއްޓެވެ.

  • ވަގުތުގެ ދަތިކަން:

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން، ގިނަ ބެލެނިވެރިން (ޚާއްޞަކޮށް ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތައް) ތިބީ ދަރިންނާ ދުރުގައެވެ. މީގެ ސަބަބުން "ފިޒިކަލް" ގުޅުން ކުޑަވެ، މުވާސަލާތު ކުރުމަށް އޮންނަ ފުރުސަތު ހަނިވެއެވެ.

  • ވައިބަރ ގްރޫޕްތަކުގެ ތޮއްޖެހުން:

މައުލޫމާތު ބަދަލުކުރުމަށް ފަސޭހަވިޔަސް، ގިނަ މެސެޖުތަކުގެ ސަބަބުން މުދައްރިސުންނާއި ބެލެނިވެރިންނަށްވެސް ނަފްސާނީ ބުރައަކަށް މިކަން ވެއެވެ.

  • ޒިންމާ ދޫކޮށްލުން:

ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ކުއްޖާ ސުކޫލަށް ފޮނުވުމުން އެހިސާބުން ބެލެނިވެރިޔާގެ ޒިންމާ ނިމުނީ ކަމަށެވެ. މިއީ ދަރިވަރުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

"ކޮނޑާއި ކޮނޑު ޖައްސައިގެން" – ކުރިއަށް ދާނެ މަގު

އިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، މި ގުޅުން ހަރުދަނާކުރުމަށް ތިރީގައިވާ ކަންކަމަށް އަމަލުކުރުން މުހިންމެވެ.

1- މުދައްރިސުންނަށް- "ޕޮޒިޓިވް ޕޭރަންޓްގެ ފަސްޓް" ސިޔާސަތު

މުދައްރިސުން ބެލެނިވެރިންނަށް ގުޅާނީ ހަމައެކަނި ކުއްޖާ ކަމެއް ގޯސްކޮށްކުރުމުން ކަމަށްވާނަމަ، އެ ގުޅުން އޮންނާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭގެ ބަދަލުގައި، ކުއްޖާ ކުރާ ކުދިކުދި ރަނގަޅު ކަންކަން ހިއްސާކޮށް، "ޕޮޒިޓިވް ރިލޭޝަންޝިޕް" އެއް ބިނާކުރުން މުހިންމެވެ.

2- ބެލެނިވެރިންނަށް: ގޭތެރޭގެ އުނގެނުމުގެ މާހައުލު

ސުކޫލުގައި އުނގަންނައިދޭ ފިލާވަޅުތަކަށްވުރެ، ގޭތެރޭގައި ދަރިވަރަށް ދެވޭ ވަގުތާއި، ދެއްކޭ ހިތްވަރުގެ ބަސްތައް މާ މުހިންމެވެ. މުދައްރިސަށް އިހުތިރާމްކުރާ ބެލެނިވެރިޔާގެ ކުއްޖާ، މުދައްރިސަށް އިހުތިރާމްކުރަން ދަސްކުރާނީ އަމަލުންނެވެ.

3- ސުކޫލުތަކަށް: ލުއި ފަސޭހަ ނިޒާމެއް

ރިސޯޓްތަކުގައި ނުވަތަ ދުރުގައި އުޅޭ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ބައިވެރިވެވޭނެ ބައްދަލުވުންތަކާއި، ފަސޭހައިން ބަލާލެވޭނެ "ޕްރޮގްރެސް ރިޕޯޓް" ނިޒާމެއް ގާއިމްކުރުމަކީ މިއަދުގެ ދުނިޔޭގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކުއްޖާގެ ކާމިޔާބީގެ ތަޅުދަނޑި އޮތީ މުދައްރިސާއި ބެލެނިވެރިޔާގެ އަތުގައެވެ. މި ދެފަރާތަކީ އެކަކު އަނެކަކާ ވާދަވެރި، ނުވަތަ އެކަކު އަނެކަކަށް ފާޑުކިޔަން ތިބޭ ދެ ބައެއް ނޫނެވެ. އެއީ ދަރިވަރުގެ ހަޔާތް ބާއްޖަވެރިކުރުމަށް ތިބި އެއް ޓީމެކެވެ. ދިވެހިރާއްޖޭގެ ތައުލީމީ އުދަރެސް އުޖާލާވާނީ، އަޅުގަނޑުމެންގެ މުޖުތަމައުގައި މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިންގެ ގޮތުގައި އަތާއި އަތް ގުޅާލައިގެން މަސައްކަތް ކޮށްގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *