ރަނާއި ރިއްސާއި ޖަވާހިރަށްވުރެ އިންސާނީ ވަޞީލަތްތަކުގެ އަގުބޮޑުކަމަށް ތައުލީމާއި، މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވިދާޅުވެއްދެއްވީ މީގެ 15 އަހަރުކުރިން ވިދާޅުވި ފޮތެއްގައި ފާހަގަކުރައްވާފައިވާ ހާދިސާއެކެވެ.
އެއީ، އަމީރުލް މުއިމިނީން އަސްހާބު ބޭފުޅުންނާއެކު އިންނެވި ބައްދަލުވުމެއްގައި ކަން ހިނގިގޮތުގެ ވާހަކަކަން ބަޔާން ކުރައްވައި، އެ ބައްދަލުވުމުގައި އެކުގައި ތިއްބެވި ބޭފުޅުންނަށް އުމަރުގެ ފާނު ވިދާޅުވިކަމަށް އެ ފޮތުގައި ލިޔުއްވާފައިވަނީ، "ދުޢާއެއް ކޮށްބަލާށޭ ނުވަތަ ކޮންމެވެސް އެދުމެއް ކޮށްބަލާށޭ. މިހާރުގެ ބަހުރުވައިން ނަމަ ކޮންމެވެސް ވިޝްއެއް ކޮށްބަލާށޭ" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
" އެ ހިނދު އެކުގައި ތިއްބެވި އަސްހާބު ބޭކަލުންގެ ތެރެއިން އެއް ބޭކަލަކު ވިދާޅުވީ ތިމަންނަ އެދެނީ މި ގެ ފުރެންދެން ރަން ހުރިނަމައޭ، އަނެއް ބޭކަލަކު ވިދާޅުވި ތިމަންނާ އެދެނީ ތިމަންނަމެން މި ތިބަ ގެ ފުރެންދެން ޖަވާހިރު ހުރިނަމައޭ"
ވަޒީރު ވިދާޅުވީ، އުމަރުގެފާނާ ހަމައަށް އައީމާ އެމަނިކުފާނު ވިދާޅުވީ، ތިމަންކަލޭގެފާނު އެދެނީ އަބޫއުބައިދާފަދަ މުސްހަބު ފަދަ ބޭކަލުންނާއިގެން ފުރިފަ އޮތުން ކަމަށެވެ. މިއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ ވަރަށް އިބުރަތްތެރި ވަރަށް މުހިންމު ފިލާވަޅެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އުމަރުގެފާނު އެ ދެންނެވި ވާހަކައިގެ ފުންމިން ވަރަށް ބޮޑު ކަމަށެވެ. އެ ވިދާޅުވި ބަސްފުޅުން ރަމްޒުކޮށްދެނީ ރަނާއި ރިއްސާއި ޖަވާހިރަށްވުރެ އިންސާނީ ވަޞީލަތްތަކުގެ އަގުބޮޑުކަމަށެވެ.

"އެ ބަސްފުޅުން އެނގިގެން ދަނީ، ގައުމާއިގެން ކުރިއަށްދާނެ ހުނަރުވެރި ދީންވެރި އަމާނާތްތެރި ކެރޭ ބައެއްކަން" ދަސްވެނީންނަށް އިޝާރާތްކުރައްވައި ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީން ﷲގެ ވާގިފުޅާއެކުގައި އަޅުގަނޑުމެން އެންމެން އުއްމީދުކުރަނީ ތަމްރީނުކޮށްދެނީ ކިޔަވައިމިދެނީ އަދި މި ޔުނިވަރސިޓީގެ ސަނަދު ހާޞިލްކޮށްގެން ދަސްވެނިވަނީ މި ޔުނިވަރސިޓީގެ ހިޔާވަހިކަމުން ނުކުތް ހުރިހާ ދަރިވަރުންނަކީ އަޒުމާއި ނިޔަތުގައި ޤައުމާއިގެން ކުރިއަށްދާނެ ދަރިވަރުން ކަމުގައި ވުމަކީ އެންމެންގެ އެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުން ދަނީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކުލަހަކަށް ވަކި ވަގުތުތަކެއްގައި ދަރިވަރުން އައިސް ލެކްޗަރާއިންނާއި ފަންނުވެރި ބޭފުޅުން ދަރިވަރުންނާއެކު ހޭދަކުރެއްވި ވަގުތަކީ މުހިންމު ވަގުތެއްކަމަށެވެ. ފިލާވަޅުތަކަށްވުރެ މާ އަގުހުރި ވާހަކަތަކެއް ދެކެވިފައި ހުންނާނެ ކަމަށާއި ފާސްވި ސަނަދަށްވުރެ މާ އަގުބޮޑު ފިލާވަޅުތައް އެ ލެކްޗަރާރުންގެ ކިބައިން ލިބިދީފައިވާނެ ކަމަށެވެ.
ނިންމާލައްވަމުން ޑރ. އިސްމާއިލް ވިދާޅުވީ، އެދެނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި ޤައުމު ބިނާކުރުމުގައި ކުރިއަށްދާ ބަޔަކަށް ވުމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ދަންފަޅި ޚާއްޞަ ކުރީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ދަރިވަރުންނަށެވެ.
advertisment
ހިޔާލު