ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މި އަހަރުގެ ފުރަތަމަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު، ދަސްވެނީންނަށް ގޮވާލެއްވީ އިލްމުގެ ބޭނުމަކީ ކަންކަމާމެދު ވިސްނައި ފިކުރު ހިންގައި މުރާލި އޯގާތެރި ބަޔަކަށްވުމަށެވެ.
އެމްއެންޔޫގެ ދަރިވަރުން ދަސްވެނިވުމުގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި، އެމަނިކުފާނުގެ ވާހަގަފުޅުގައި ފުރަތަމަ އިޝާރާތް ކުރެއްވީ، ޤައުމީ ޔުނިވަރސިޓީ މިއަދު ދެކެމުންދާ ކުރިއެރުމާއި އިލްމީ ގޮތުން އުސްމިންތަކަށް ދަތުރުކުރަމުން މުރާލީ ކަމުގެ މައްޗަށެވެ.
ދަސްވެނީންނަށް މުހިންމު ތިން ކަމެއް ޑރ، ޝަހީމް ހަނދާންކޮށްދެއްވިއެވެ. ފުރަތަމަ ކަމަކަށް ވިދާޅުވީ އިލްމްގެ ބޭނުމެވެ. އޭނާ ވިދާޅުވި ގޮތުގައި، އިލްމްގެ ބޭނުމަކީ ކަންކަމާމެދު ވިސްނައި ފިކުރު ހިންގުމެވެ. ފިކުރު ހިންގަން މިޖެހެނީ އެކަމެއްގެ އަދުލާއި ހަމައާއި އިންސާފަށް ރަނގަޅު ގޮތުގައި ވާޞިލްވުމަށްޓަކައެވެ. ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ކަންކަމާމެދު ވިސްނައި ފިކުރު ހިންގަން އިލްތިމާސް ކުރައްވާފައިވާކަން ބަޔާން ކުރައްވައި ވަޒީރު ވިދާޅުވިގޮތުގައި، ބުއްދި ހިމާޔަތްކޮށްފައި ވަނީ ވެސް ވިސްނުން ހިންގުމުގެ ވަޞީލަތަކީ އެއީކަމަށްވާތީ ކަމަށާއި ވިސްނައި ފިކުރު ކުރުމަކީ އެއްޖީލުން އަނެއްޖީލަށް އިލްމީގޮތުން ކުރިއެރުންތަކާއެކު ވާސިލްކޮށްދޭ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، އިލްމް ލިބިފައިތިބި މީހުންނަކީ މުރާލި ބަޔަކަށް ވާން ޖެހޭނެއެވެ. މަސްއޫލިއްޔަތެއްގެ ތެރޭގައި މުރާލިކަމާއެކު ހޭދަކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ނަބީ އިރުޝާދުގައި ވެސް އެކަން އޮތްގޮތްކަން ބަޔާންކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ދަސްވެނިވުމަށްފަހު އެންމެ ބޭނުންވާ ވަޒީފާ ފުރަތަމަ ނުލިބިދާނެކަމަށެވެ. ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށާޢި އޭގެ ބަދަލުގައި ތިރިން ފެށިގެން މައްޗައް ފެށުމުން ގިނަ ތަޖުރިބާތައް ލިބިގެންދާނެ ކަމަށެވެ.
"މިއަދު ކުރަންޖެހޭ ކަމެއް މާދަމާއަށް ލަސްނުކުރުން. މިއަދު ކުރަން ޖެހޭ ކަންކަން މިއަދަ ކުރުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން. އަދި ތިމާގެ ހަޔާތް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުން. މިކަންތައްތަކަކީ ހަނދާނުން ކައްސާލައިގެން ދާންޖެހޭނެ ކަންތައްތަކެއް ނޫން" ދަސްވެނީންނަށް ޑރ. ޝަހީމް ވިދާޅުވެދެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، އިލްމް ލިބިފައިތިބި މީހުންނަކީ ވަރަށް އޯގާތެރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އިހުސާންތެރިވުމާއި އޯގާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ އައިޑެންޓިޓީކަން ބަޔާން ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހިތްދަތިކަމެއް ލިބިފައިވާ މީހާގެ ހިތަށް އުފާވެރިކަން ވެއްދުމަކީ އަޅުކަމެއް ކަމަށާއި ހެޔޮބަސް ބުނުމަކި ވެސް އަޅުކަމެއް ކަމަށެވެ.
ނިންމާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދަސްވެނިވެގެންދާ ދަރިވަރުން އެ ދަރިވަރުން ދަސްވެނިވި އިލްމީ ކިއްލާއާއި ގާތް ގުޅުމެއް ބާއްވަން ވާނެ ކަމަށެވެ. އަދި ވިދާޅުވީ، އުންމީދާއެކީ މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެކަމަށާއި މާދަމާ އޭގެ ތެރެއިން ކުއްޖަކު ރައީސަށް. ނުވަތަ ބޮޑު ވަޒީރަކަށް. ނޫނީ ވަޒީރަކަށް ވެދާނެ ކަމަށެވެ.
advertisment
ހިޔާލު