އިބްރާހިމް ރާމިޒު
ދޭހަކުރުމުގެ އުކުޅުތަކުގެ ތެރެއިން ބަސްކޮށާރަށް އަހުލުވެރިވުމަކީ ކިޔާ އެއްޗެއް ފަހުމްވުމަށް އޮތް އެންމެ މުހިންމު އެއް ބަހާއެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް ބަސްކޮށާރަށް އަހުލުވެރިވުމުގެ ހުނަރަކީ ހަމައެކަނި، ލަފުޒުގެ މާނަދެނެގަތުމެއް ނޫނެވެ. ބަސްކޮށާރަށް އަހުލުވެރިވުމަށް ޓަކައި ދަސްކުރަން ޖެހޭ ގުޅުންހުރި އެހެން އުކުޅުތަކެއް ވެސްވެއެވެ.
ޝައްކެއް ވެސް ނެތް ގޮތުގައި ދޭހަކުރުން ރަނގަޅުކުރުމަށް ޓަކައި ކުރަން އޮތް އެންމެ މުހިއްމު އެއް ކަމަކީ ލަފުޒުތަކުގެ މާނަ ދެނެގަތުމެވެ. އެގޮތުން، ލަފުޒުތަކުގެ ސީދާ މާނައާއި، މުނާސަބަތުން ދޭހަވާ މާނަ ނުވަތަ ކޮންޓެކްސްޓުން ދޭހަވާ މާނަ ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން، ބަސްކޮށާރަށް އަހުލުވެރިވުމަށް އެއްމާނަ ދޭހަވާ ލަފުޒާއި އިދިކޮޅު މާނަދޭހަވާ އިދިލަފުޒުތައް ވެސް ދެނެގަންނަން ޖެހެއެވެ. އަދި، ލަފުޒުގެ ކިއްސަރު ނުވަތަ ލަފުޒު އުފެދިފައިވާ ގޮތް ވެސް އެނގެންޖެހެއެވެ. ލަފުޒުގެ ކުރިއަށް ނުވަތަ ފަހަތަށް އަކުރުތައް އިތުރުކޮށްގެން މާނައަށް އަންނަ ބަދަލުތައް ފާހަގަކުރަން އެނގޭނީ އޭރުންނެވެ. ހަމަމިއާ އެކު، ލަފުޒުގެ ކިއްސަރަށް އަންނަ ބަދަލާ އެކު ބަހުގެ މާނައާއި ބަހުގެ ގިންތިއާއި ފަންތިއަށް އަންނަ ބަދަލުތައް ވެސް އެނގެންޖެހެއެވެ. މިވަރަކުން އަދި ފަރަކުނުޖެހެއެވެ. ލަފުޒުތަކުގެ ގުޅުން ދެނެގަތުމަކީ ވެސް ބަސްކޮށާރަށް އަހުލުވެރިވުމުގެ ޝަރުތެކެވެ. އެހެންކަމުން،އެއް ލަފުޒާއި އަނެއް ލަފުޒާ އޮންނަ ގުޅުން ދެނެގަންނަން ނޭނގޭ ނަމަ، ބަސްކޮށާރަށް އަހުލުވެރިވުމުގެ ހުނަރު އަށަގަނެފައިވާ ކަމަކަށް ނުބެލެވޭނެއެވެ.
ސާނަވީ އަދި މަތީ ސާނަވީ ދިވެހި އިމްތިހާނުތަކުގައި ދަރިވަރުންނަށް ދިމާވާ މައިގަނޑު އެއް މައްސަލައަކީ ވަގުތަށް ކަރުދާސް ނުނިމުމެވެ. ބަސްކޮށާރަށް އަހުލުވެރިވުމަކީ މި މައްސަލަ ހައްލުކުރުމަށް ބޭނުންކުރެވިދާނެ މުޖައްރިބު "ފަންޑިތައެކެވެ". މީގެ ސަބަބުން ދޭހަވުން އަވަސްވެ އިންތިހާއަށް ވަގުތު ސަލާމަތްވެއެވެ. ސަބަބަކީ، ލަފުޒުތައް ދަންނަ ނަމަ، ލިޔުމެއް ކިޔާ އިރު، ކޮންމެ ލަފުޒަކާ މެދު މާ ބޮޑަށް ވިސްނަން ނުޖެހި، މުޅި ޖުމުލައިގެ މާނަ އަވަހަށް ފަހުމުވުމެވެ. ފަސޭހައިން ތަޞައްވުރުކުރެވުމަކީ ވެސް ބަސްކޮށާރަށް އަހުލުވެރިވުމުގެ ފައިދާއެކެވެ. މުއްސަނދި ބަސްކޮށާރެއް އޮތުމުން، ލިޔުންތެރިޔާ ސިފަކޮށްދޭ މަންޒަރު ނުވަތަ ޚިޔާލު ސިކުނޑީގައި ކުރަހާލަން ފަސޭހަވެއެވެ. މީގެ އިތުރުން، އިތުބާރު ބޮޑުވުމަކީ ވެސް އުނދަގޫ ލިޔުންތަކާއި ފޮތްތައް ކިޔައި ދޭހަކުރުމުގެ ގާބިލުކަން އިތުރުވެ، ކިޔުމަށް ހުންނަ ޝައުގުވެރިކަން މާ ބޮޑަށް ވެސް އިތުރުވާ ކަމެކެވެ. ގިނަ ލަފުޒުތައް އެނގުމަކީ ލިޔުމާއި ވާހަކަދެއްކުމުގައި ޚިޔާލުތައް މުއްސަނދިކޮށް ފާޅުކުރުމަށް ލިބޭ ބާރެކެވެ. އަދި ހަމަ އެހެންމެ، މާނަ އޮޅުންނުފިލައި ލަފުޒުތައް ދެނެގަތުމަށް ވެސް ފަސޭހަވެއެވެ. އެހެނީ ބަސްކޮށާރަށް އަހުލުވެރި މީހަކަށް، ލިޔުމެއްގައިވާ ނުދަންނަ ލަފުޒެއްގެ މާނަ ވެސް، އެ ލަފުޒުގެ ވަށައިގެން ހުރި ލަފުޒުތަކަށް ބަލައިގެން އަންދާޒާކުރަން ފަސޭހަވެއެވެ.

އިމްތިހާނުގައި އާންމުކޮށް އަންނާނީ ވަކި ބަހެއްގެ ބަސްކޯޅިއެއްގެ މާނަ ހޯދާށެވެ. މިފަދަ ހާލަތްތަކުގައި އެ ބަހެއްގެ ނުވަތަ ބަސްކޯޅީގެ މާނަ ނޭނގުނަސް، ޖުމުލައިގެ ތެރޭގައި އެ ލަފުޒެއް ނުވަތަ ލަފުޒުތައް ބޭނުންކޮށްފައިވާ ގޮތުން މާނަ ދެނެގަނެވިދާނެއެވެ.
މިސާލު:
"ރަށުގެ އެންމެން ހެން އޭނާއަށް އިތުބާރުކުރާ ސަބަބަކީ އޭނާއަކީ ތެދުވެރި، އަމާނާތްތެރި މީހަކަށްވާތީއެވެ." މި ޖުމުލައިގައި ދަށު ރޮނގު ދަމާފައިވާ ބަސްކޯޅީގެ މާނަ ލިޔާށެވެ.
މި ޖުމުލައިގައިވާ 'އަމާނާތްތެރި' މި ބަހުގެ މާނަ ދެނެގަތުމަށް ޖުމުލައިގެ ކުރީ ބަޔަށް ބަލައި، ވިސްނުން ހިންގަން ޖެހެއެވެ. ޖުމުލައިގެ ކުރީބައިގައި ވަނީ އެއީ "އެންމެން އިތުބާރު ކުރާ" އަދި "ތެދުވެރި" މީހެއް ކަމަށެވެ. ވީމާ ވިސްނަންވީ އެންމެން އިތުބާރުކުރާ ތެދުވެރި މީހަކަށް ވާނީ ކޮންކަހަލަ މީހެއްތޯއެވެ. އެފަދަ މީހަކު ހަމަ ޔަގީނުން ވެސް ވާނީ ހަވާލުކުރާ ތަކެއްޗަށް ރައްކާތެރިވާ، އިތުބާރު ހިފޭ މީހަކަށެވެ. ވީމާ "އަމާނާތްތެރި މީހަކަށްވާތީއެވެ"، މި ބަސްކޯޅީގެ މާނައަކީ ހަވާލުކުރާ ތަކެއްޗަށް ރައްކާތެރި ތެދުވެރި މީހާއެވެ.
އިމްތިހާނުތަކުގައި ބަސްކޮށާރުގެ ހުނަރު ބޭނުންކުރާނީ އެ ލަފުޒެއްގެ ކުރިއަށާއި ފަހަތަށް ހުރި ލަފުޒުތަކަށް ބަލައިގެން، މުޅި ޖުމުލައިން ދޭހަވާ މާނަ ހޯދުމަށެވެ. ބަސްކޮށާރަކީ ދޭހަކުރުމުގެ ބިންގަލެވެ. މި ބިންގާ ވަރުގަދަވި ވަރަކަށް ކިޔާ އެއްޗެއްގެ ފުންމިނަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވެއެވެ.
advertisment
ހިޔާލު