ރައްޒާޤު ފާހަގަކުރެއްވީ، ތަމްރީނުވުމަށްފަހު ޚިދުމަތާ ގުޅޭ ނަރުހުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން

ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުން ދަސްވެނިވުމަށް މިއަދު ހެނދުނު ބޭއްވި ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ރައްޒާޤު ވިދާޅުވީ، ތަމްރީނުވާ ނަރުހުން ޚިދުމަތަށް ނުކުތުން މަދުވުމުގެ ކަންބޮޑުވުން އޮތްއިރު، ޚިދުމަތާ ގުޅުމަށްފަހު ވަޒީފާގައި ދެމިތިބޭ ނަރުހުންގެ އަދަދު ނިސްބަތް ދަށްކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ރައްޒާޤު ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، ދިވެހި ނަރުހުން ހޯދަން ހުޅުވާލުމުން އެކަށީވެންވާ ވަރަށް ނަރުހުން ނުލިބުނު ކަމަށެވެ. އެހެންވެ ރާއްޖެއިން ބޭރުން 75 ނަރުހުން ރެކްރޫޓް ކުރަން ޖެހުނު ކަމަށެވެ.

"މިއީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުންވާ ކަމެއްނޫން" ދިވެހި ނަރުހުން ނުލިބޭކަން ފާހަގަކުރައްވައި ރައްޒާޤު ވިދާޅުވިއެވެ.

ނަރުހުންގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ނަރުހުންގެ ޚިދުމަތުގެ އަގުވަޒަންކޮށް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށާއި ނަރުސްކަމަކީ އިންސާނިއްޔަށްތައްޓަކައި ކުރެވޭ މަތިވެރި މަސައްކަތަކަށްވާއިރު، އެއީ އިންސާނުންގެ ފުރާނަޔާއި ގުޅިފައިވާ ޚިދުމަތެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ނަރުސްކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުން މާދަމާ ޚިދުމަތަށް ނިކުންނައިރު މުހިންމުވާ ކަމަށެވެ.

ދެން އޭނާ ފާހަގަކުރެއްވީ، ފުރަތަމަ ޑިގްރީއަށްފަހު ވަކި ޚާއްސަ ދާއިރާތަކުން ތަމްރީނުވެ ސްޕެޝަލައިޒްވާ ނަރުހުން ނިސްބަތުން މަދުވުމުގެ ކަންބޮޑުވުމެވެ.

"ފަންނީ ތަމްރީނުތަކުގެ ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރާ މިންވަރު މަދުވުމަކީ މި ފަންނު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް" ރައްޒާޤު ވިދާޅުވިއެވެ.

" އަމިއްލަ ހުނަރާއި އަމިއްލަ ޤާބިލްކަން އިތުރުކުރުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ މުހިންމު މަސައްކަތެއް. ސްޕެޝަލައިޒްވެގެން ޚިދުމަތް ދިނުމުގެ އަޒުމް ހުރިހާ ނަރުހުން ވެސް ކަނޑައަޅަން ޖެހޭ"

ނަރުސްކަން ކިޔަވައިގެން ޚިދުމަތާ ގުޅޭ ނަރުހުންގެ އަދަދު މަދުކަމަށް ރައްޒާޤު ފާހަގަކުރެއްވިއިރު، އެމްއެންޔޫއިން މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުންނަކީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ނާސިންގއިން ދަސްވެނިވި ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *