ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކާނަމަ މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، މާހައުލެއްގައި: ތައުލީމާ ބެހޭ ވަޒީރު

ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައި ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ތައުލީމީ ދާއިރާގެ އެކިކަންކަމާ މެދު މަޝްވަރާކުރެވުނު ކަމަށާއި އެއީ ކުރިން ދަންނަ މީހެއް ނޫން ކަމަށެވެ. ނަމަވެސް، ފޯނުން ދިމާވެ ދެކެވުނު ވާހަކަތަކުގައި ސްކޫލްތަކުގައި ބުލީ ކުރާވާހަކަ އޭނާ ދެންނެވި ކަމަށެވެ. މި މައުޟޫގައި އަޅުގަނޑު އޭނާއާ ދެއްކި ވާހަކައިގެ ހުލާސާއެއް ވަޒީރު ވަނީ އިތުރަށް ތަފުސީލުކޮށްދެއްވާފައެވެ.

ވަޒީރު ވިދާޅުވީ، ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއް ކަމަށާއި ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދަނީ ނުހަނު ނޭދެވޭ މަންޒަރުތައް ކަމަށެވެ. އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ ނޭދެވޭ އާދަތައް ނަކަލުކޮށް، އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވާ ކަމަށެވެވެ.

ފޭސްބުކުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި "މުނިފޫހިފިލުވުން" ކަމުގައި ވެއްޖެ ކަމަށެވެ. އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށެވެ.

"މިއީ ދިވެހި ކޮންމެ ފަރުދަކު މިކަމާމެދު ފުންކޮށް ވިސްނާ، އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް" ތައުލީމާ ބެހޭ ވަޒީރު ލިޔުއްވާފައިވެއެވެ.

ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން، މުޖުތަމައާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށާއި މިއަހަރު ކުރިއަށް ގެންދާ "ބިންގާ" ޕްރޮގްރާމަކީ މިފަދަ މަސައްކަތެކަން ލިޔުއްވާފައިވެއެވެ.

ބިންގާ ޕްރޮގްރާމް ސްކޫލްތަކުން ވަރަށް ފުރިހަމައަށް ގެންދާކަން ފާހަގަކޮށް، ދަރިވަރުންނަށާއި މުދައްރިސުންނަށް ތައުލީމާ ބެހޭ ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ.

އަހަރެމެންނަކީ މުސްލިމުންނަށްވީއިރު، އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އަހަރެމެންގެ އެންމެ ބޮޑު ޒިންމާ ކަމަށާއި މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ދުލުންނާއި އަތުން ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ތަކުރާރުކޮށް ކުދިންނަށް ބުނެދީ އަދި ރިވެތި ނަމޫނާ އެކުދިންނަށް ބަހާއި އަމަލުން ދައްކަންޖެހޭކަން ވެސް ވިދާޅުވެފައިވެއެވެ.

ބުލީކުރުން ހުއްޓުވޭނީ އަޅުގަނޑުމެންގެ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށް ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވެފައި ވަނީ، ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *