ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ދަރުބޫދޫ ސްކޫލުން ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ.
އެސެމްބްލީގެ ކަންތައްތައް އިންތިޒާމްކުރުމުގައި އިސްކޮށް ހުންނެވި ދަރުބޫދޫ ސްކޫލްގެ މުދައްރިސް މުޙައްމަދު އަބްދުއްޝަކޫރު ވިދާޅުވީ ޤައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ އެސެމްބްލީގައި ހުރިހާ ދަރިވަރުންނާއި ސްކޫލްގެ ސްޓާފުން ބައިވެރިވީ ގައުމީ ހެދުމުގައި ކަމަށެވެ.
" އަޅުގަނޑުމެން ބެލެނިވެރިންނަށް އެންގީ މިއަދު އެސެމްބްލީއަށް ޤައުމީ ހެދުމެއްގައި ދަރިވަރުން ފޮނުވައި ދޭން. މުދައްރިސުންނާއި ސްޓާފުން އައީވެސް ގައުމީ ކުލަތައް ހިމެނޭ ހެދުމުގައި. މީގެ ބޭނުމަކީ ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި ޖެއްސުން" ޝުކޫރު ވިދާޅުވިއެވެ.
ދަރުބޫދޫ ސްކޫލުން ކުރިއަށް ގެންދިޔަ އެސެމްބްލީގައި ވަނީ ސާފްޗެމްޕިއަންޝިޕާ ގުޅޭ މައުލޫމާތު ދަރިވަރުންނާ ހިއްސާކޮށްފައެވެ. ޤައުމީ ޓީމު ގުޅޭ ވަގުތު ޓީމަށް ހިތްވަރު ދިނުމަށް ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވުމަށް އެ ސްކޫލުން ވަނީ އެދިފައެވެ.
" މިފަދަ ހަރަކާތުގެ ސަބަބުން އެހެން ސްކޫލްތަކަށް ވެސް ނަމޫނާއަކަށްވެ، ޤައުމީ ކަމެއްގެ ގޮތުގައި މިކަން ދެކި، ޤައުމީ ލޯބި ދަރިންގެ ހިތްތަކުގައި އާލާކުރުމަށް ބާރު އެޅިގެންދޭ" ޝުކޫރު ވިދާޅުވިއެވެ.
އެސެމްބްލީއަށްފަހު، ޤައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްޞަ ބޯޑްތަކެއް ހިފައިގެން ހުރެ ފޮޓޯ ނެގުމުގެ ހަރަކާތެއް އެ ސްކޫލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދަރުބޫދޫ ސްކޫލްގައި 125 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު