އަލްޖެބްރާ – ކޮން ހިސާބަކުން ކޮން ހިސާބަކަށް؟

މުޙައްމަދު އިޙްސާން
"އަލްޖެބްރާ ހާދަ އުނދަގުލޭ." "ވާނުވާ ނޭނގޭ އެއްޗެއްމީ." ކިހިނެއް ހަދާނީ މި ވާނުވާ ދެނެގަންނަން؟"
އަލްޖެބްރާއާ ގުޅުވައިގެން ގިނަފަހަރަށް ދަރިވަރުންގެ ފަރާތުން އިވޭ އަޑަކީ މިއެވެ. ގިނަދަރިވަރުންގެ ހިތުގައި އަލްޖެބްރާއާމެދު އުފެދިފައިވަނީ ނުތަނަވަސް ކަމެކެވެ. ގިނަ ބެލެނިވެރިންގެ ފަރާތުން އިވޭ އެއްވާހަކައަކީ އަލްޖެބްރާގެ ސަބަބުން ހިސާބު ޢިލްމުގެ ނަތީޖާ ރަނގަޅުކުރުމަށް ދަތިވާ ވާހަކައެވެ. އަލްޖެބްރާގެ މުހިންމު އަސާސްތައް ފަހުމް ނުވާތީ ދަރިވަރުން ހިތް ނުތަނަވަސްވެ އުޅޭ ވާހަކައަކީވެސް ގިނައިން އިވޭ ވާހަކައެކެވެ. އެހެން ނަމަވެސް އަލްޖެބްރާއަކީ އޭގެ ޒާތުގައި އޮޅުންބޮޅުން ބޮޑު ދެނެގަންނަން އުނދަގޫ އެއްޗެއް ނޫނެވެ. ހިސާބު ޢިލްމުގެ އަސާސީ ވިސްނުމުގެ މައްޗަށް ތަރުތީބުވެފައިވާ، ދެނެގަންނަން ފަސޭހަ ޢިލްމެކެވެ.

އަލްޖެބްރާއަކީ ބަދަލުވަމުންދާ އަދި ޙާލަތާގުޅޭގޮތުން ތަފާތުވާ ޢަދަދުތައް ނުވަތަ އަގުތައް އެކަތި އަނެކައްޗާއި ގުޅޭގޮތާއި އަދި ދެމިގެންދާ ގުޅުން އޮންނަގޮތް ބުނެދީ މި ޢަދަދުތަކާއި އަގުތައް ހޯދައި ބޭނުންކުރުމުގެ ޢިލްމެވެ. މިސާލަކަށް ލޯންޗު ކުއްޔައްދޭމީހާ 1000 ރުފިޔާގެ އިތުރުން ދުއްވާ ކޮންމެ ކިލޯމީޓަރަކަށް 500 ރުފިޔާ ނަގާނަމަ، މިވާހަކަ ބުނެދިނުމުގައި ނުވަތަ ލިޔުމުގައި ބޭނުންކުރާނީ އަލްޖެބްރާއެވެ. އަލްޖެބްރާއަކީ ހަމައެކަނި އަކުރުތަކެއް ނުވަތަ ފާހަގަތަކެއް ހިމެނޭ ޢިލްމެއް ނޫނެވެ. ވިސްނުން ތަރައްޤީކޮށް އުފެއްދުންތެރި އަދި ހުނަރުވެރި ސިކުނޑިތަކެއް ތަރައްޤީކުރުމަށް ބޭނުންކުރެވޭނޭ އާލާތެކެވެ.

ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާ ކުރެވޭ މުޢާމަލާތްތަކަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖޭގައި އަލްޖެބްރާގެ ޙާލަތު ރަނގަޅުކުރަން މަސައްކަތްތަކެއްކުރަން ޖެހޭ ކަމަށް ބެލެވޭ ތިން ދާއިރާއެއް ފާހަގަކޮށްލާނަމެވެ.

ދަރިވަރުންގެ ވިސްނުން:

ފާހަގަކުރެވޭ މިންވަރަކަށް ގިނަ ދަރިވަރުން އަލްޖެބްރާއާ މެދު ނައްސި ވިސްނުމެއް ގެންގުޅޭކަމަށް ބެލެވެއެވެ. މިކަމުގައި އެންމެ ކަންބޮޑުވާ ކަމަކީ ވަރަށް ކުޑައިރުންފެށިގެން މި ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާކަމެވެ. މިހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި އަލްޖެބްރާގެ އަސާސްތައް ބުނެދިނުމުގެ ބަދަލުގައި އިމްތިހާނުން ދަރިވަރުންގެ ނަތީޖާރަނގަޅުކުރުމަށް އަލްޖެބްރާ ތަޢާރަފްކުރާ ހިސާބުންވެސް މަސައްކަތްކުރެވިފައި ހުންނަކަން ފާހަގަވެއެވެ. ގިނަ މަފްހޫމްތައް ބުނެދީ ސަބަބުތައް ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބަދަލުގައި ގަވާއިދު ނުވަތަ "ރޫލް" ގެ ގޮތުގައި ކިޔައިދީ ހިތުދަސްކުރަން ބުނެދީފައި ހުންނަކަމީ ދަރިވަރުންގެ ވިސްނުން އަލްޖެބްރާއާ މެދު ނައްސިވާ ސަބަބެއްކަމަށް ފާހަގަވެއެވެ. އަދި މީގެ އިތުރުން އަލްޖެބްރާ ކިޔަވައިދެމުން އަންނަނީ އިނގެރޭސި ބަހުން ކަމަށްވެފައި ޙާލަތުކިޔައިދޭ ސުވާލު ނުވަތަ ލިޔުންތަކުގައި ބުނެދޭ ވާހަކަ ދަރިވަރުންނަށް ފަހުމްވުމުގައި ދިމާވާ ގޮންޖެހުންތަކަކީވެސް ސަބަބެއްކަމަށް ފާހަގަވެއެވެ.

ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް:

ވަކިން ޚާއްޞަގޮތެއްގައި ހިސާބުފަދަ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ ވަގުތުގައި ސިލަބަސް ނިންމައި ފޮތް ފުރިހަމަކުރުމަށް މުދައްރިސުންނަށް ކުރިމަތިވެފައިވާ ނުފޫޒަކީ ވަރަށްބޮޑު މައްސަލައެއްގެ ގޮތުގައި އަދި ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަލްޖެބްރާ ތަޢާރަފްކުރާ ގްރޭޑްތަކުގައިވެސް ދަރިވަރުން ފުރިހަމަކުރާން ޓެކްސްޓް ފޮތްތަކުގައި ދީފައިވާ މަސައްކަތްތަކާ އެކަމަށް ލިބޭ ވަގުތާ ނުބައްދަލުކަމަށް ފާހަގަވެއެވެ. އަލްޖެބްރާއާމެދު ނައްސި ވިސްނުމެއް އުފެދޭ ސަބަބެއްގެ ގޮތުގައި އުނގަންނައިދިނުމުގައި "ކޮންސެޕްޓް" ކިޔައިދިނުމާއި ސަބަބުތައް ދެނެގަތުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އިމްތިހާނުގެ ނަތިޖާއަށް އިސްކަންދިނުން ހިމެނެއެވެ. އަދި ގިނަފަހަރަށް އަލްޖެބްރާ ފަދަ މަފްހޫމެއް ކިޔަވާދިނުމުގައި ހަމައެކަނި ކިލާހުގައި ހުންނަ ބޯޑާ، ފޮތާ، ވޯކްޝީޓްގެ މައްޗަށް ބަރޯސާވުންވެސް ހިމެނެއެވެ.

ބެލެނިވެރިން:

އަލްޖެބްރާ ފަދަ މަފްހޫމެއް އުނގެނުމުގައި ދިމާވާ ދަތިތަކަށް ގިނަބެލެނިވެރިންނަށް އެހީތެރިނުވެވޭ ކަމީ އަލްޖެބްރާއާ މެދު ފައްސި ވިސްނުމެއް ތަރައްޤީކުރުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. އަދި މީގެ އިތުރުން އެކިއެކި ސަބަބުތަކާހުރެ މުޖުތަމަޢުގައި އަލްޖެބްރާއާމެދު އުފެދިފައިވާ ނައްސި ވިސްނުމަކީ މި ހާލަތު އަނބުރާލުމަށް ބެލެނިވެރިން، މުދައްރިސުން އަދި ސްކޫލްތަކުގެ ވެރިން ކުރާ މަސައްކަތަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

މިހުރިހާ ކަންކަމަށް ނަޒަރު ހިންގާލާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ، އަލްޖެބްރާ އާއިމެދު ވިސްނާވިސްނުން ފައްސި ކުރުމަށް މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިންނަށް ނުހަނު މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމެވެ. އުނގަންނައިދިނުމުގައި ދަރިވަރުންނަށް ފަރިތަ ހާލަތްތަކާ ގުޅުވާލައި ފިލާވަޅުތައް ބައްޓަންކުރުމަކީ މުހިންމުކަމެކެވެ. ވަކި ވަކި މުދައްރިސުންނަށް މިކަންކަން ދެނެގަތުމަކީ ފަހަރުގައި ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ގިނަ މުދައްރިސުން ހިމެނޭ މަޝްވަރާ ގިނަކޮށް ޓެކުނޮލޮޖީގެ މަންސަ އެއްގެ ތެރެއިން ނަމަވެސް މިކަންކަމާމެދު ފިކުރުހިންގައި ވާހަކަދެއްކުމަކީ މުހިންމު ކަމެއްކަމަށް ދެކެމެވެ.

ވަކިން ޚާއްޞަކޮށް "އީކުއޭޝަން" އުނގަންނައިދިނުމުގައި "ރޫލްސް" ބޭނުން ނުކޮށް ތިލަފަތް ހަމަކުރުމުގެ ވިސްނުން "ބެލެންސިންގ" ބޭނުންކުރުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ. އަދި "އިންޑިސެސް" ފަދަ މަފްހޫމެއް އުނގަންނައިދިނުމުގައި "ރޫލްސް" ނުވަތަ "ލޯސް އޮފް އިންޑިސެސް" ބޭނުންކުރުމުގެ އިތުރުން އަބަދުވެސް ހަގީގަތްތައް ތަކުރާރުކޮށް ބުނެދިނުން މުހިންމުކަމުގައި ދެކެމެވެ.

އަލްޖެބްރާގެ މުހިންމު މަފްހޫމްތައް އުނގަންނައި ދިނުމުގައި އަތްލައި ގެންގުޅެވޭ ތަކެތި ބޭނުންކޮށް، ތަފާތު މާޙައުލުތަކުގައި ދަރިވަރުންނަށް މި މަފްހޫމްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ. މިސާލަކަށް ފޮށި، ތިލަފަތް، ތަފާތު ކުރެހުން، އަކަ އަދި އެކި ކުލަކުލައިގެ މާބްލްސް ބޭނުންކުރެވިދާނެއެވެ. އަދި ރާއްޖޭގެ ގިނަ ރައްރަށުގައި ގޮނޑުދޮށުގައި ބައެއް ކްލާސްތައް، ގޮނޑުދޮށުން ލިބެންހުންނަ ތަކެތީގެ އެހީގައި ކުރިޔަށް ގެންދެވިދާނެއެވެ.

އެންމެ ފަހުކަމެއްގެ ގޮތުގައި، ދަރިވަރުންނާ މުޢާމަލާތްކުރުމުގައި މިދެންނެވި ކަންކަމުގެ މައްޗަށް ރިޢާޔަޔްކޮށް ފައްސި ވިސްނުމަކުން އަލްޖެބްރާއާމެދު ވިސްނައިގެން މުޢާމަލާތްކުރުން މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިސާލަކަށް ސުވާލެއް ހައްލުކުރުމަށް ޖުމުލަކޮށް ދަރިވަރުންނަށް އިރުޝާދު ދިނުމުގެ ބަދަލުގައި ދަރިވަރުންނާ އެކު ގުޅިގެން ވަކިވަކި ބައިތައް ހައްލުކޮށް ފަހުން އެމުނި އެކުލެވޭ މާނަހުރި މަސައްކަތެއްގެ ގޮތުގައި ތަރުތީބުކުރުމަށް އިސްކަންދިނުމަކީ ކުރެވިދާނެކަމެއްކަމުގައި ދެކެމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *