ނިދިބަރުވާ ވަގުތު ކުއްޖާގެ ކަންފަތް ކައިރީގައި މިހެން ބުނެލާ: ދެތިން ހަފްތާއިން ފެންނަ ބަދަލުން ތިބާ ހައިރާންވާނެ!

މޫސާ ނިމާލް

ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެ ބޮޑު އުންމީދަކީ ތަރުބިއްޔަތުގެ މައިދާނުގައި ކާމިޔާބު ހޯދުމެވެ. ދަރިފުޅުގެ ކިބައިގައި ހުންނަ ނޭދެވޭ އާދަތައް ބަދަލުކޮށް، ކިޔެވުމަށް ޝައުގުވެރި، އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުއްޖަކަށް އެކުއްޖާ ހެދުމެވެ. ނަމަވެސް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ދަރިފުޅަށް ނަސޭހަތް ދިނުމާއި، ބައެއް ފަހަރު އަޑުގަދަކޮށް ބަސްބުނުމެވެ. އެކަމަކު ނަފްސާނީ ޢިލްމުވެރިން ބުނާގޮތުގައި، ކުއްޖާގެ އުޅުމަށް ދާއިމީ ބަދަލެއް ގެނެވޭނީ އެކުއްޖާގެ "ނޭނގި ހިނގާ ސިކުނޑި" ނުވަތަ "ލަފްޒީ ނޫން ފުން ސިކުނޑީގެ" ބަޔަށް ނުފޫޒު ފޯރުވައިގެންނެވެ.

މަޝްހޫރު ނަފްސާނީ ފަރުވާކާރެއް އަދި ތަރުބިއްޔަތުގެ މާހިރެއް ކަމަށްވާ ޑރ. ރީރީ ތްރިވޭދީގެ ދިރާސީ ހޯދުންތަކަށް ބިނާކޮށް، ދަރިފުޅުގެ ސިކުނޑި ހެޔޮ ގޮތުގައި އަލުން ބައްޓަން ކުރާނެ ގޮތުގެ ޢިލްމީ މަޢުލޫމާތު މި ލިޔުމުގައި ހިމަނާލާނަމެވެ.

ނޭނގި ހިނގާ ސިކުނޑިއަކީ ކޮބާ؟

އަޅުގަނޑުމެންގެ ސިކުނޑި މަސައްކަތް ކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ "ވިސްނައިގެން ބޭނުންކުރާ ސިކުނޑި" (Conscious Mind) އަދި "ނޭނގި ހިނގާ ސިކުނޑި" (Subconscious Mind) އެވެ. ނޭނގި ހިނގާ ސިކުނޑިއަކީ ހަށިގަނޑުގެ ހުރިހާ ޣައިރު އިޚުތިޔާރީ ހަރަކާތްތަކާއި، އިހުސާސްތަކާއި، އަދި އާދަތައް ރައްކާކުރާ "މައުލޫމާތުގެ ގުދަނެވެ".

ކުޑަކުދިންގެ އުމުރުން 8 ނުވަތަ 9 އަހަރު ވަންދެން ސިކުނޑީގެ މިބައި އޮންނަނީ ވަރަށް ބޮޑަށް ހުޅުވިފައެވެ. މާނައަކީ އެ އުމުރުގައި ކުއްޖާއަށް ފެންނަ ކަންކަމާއި، އިވޭ އަޑުތަކަކީ ސީދާ އެކުއްޖާގެ ޝަޚުޞިއްޔަތު ބައްޓަންކުރާ "ބިންގަލެވެ"

ސިކުނޑީގެ ދޮރު ހުޅުވޭ ހާއްސަ ވަގުތު:

ޢިލްމީ ގޮތުން ބަލާއިރު، ސިކުނޑީގެ ރާޅުތައް އެކި ވަގުތު ހުންނަނީ އެކި މިންވަރުގައެވެ. ހޭލާ ހުންނަ ވަގުތު ސިކުނޑި ހަލުވިކޮށް މަސައްކަތް ކުރި ނަމަވެސް، ނިދެން ފަށާ ވަގުތާއި އަދި މުޅިން ހޭލެވުމުގެ ކުރިން ސިކުނޑި ހުންނަނީ ވަރަށް މަޑުމައިތިރި ހާލަތެއްގައެވެ. މިއީ ސިކުނޑިއަށް މައުލޫމާތު ނެގުމަށް އެންމެ ފަސޭހަ ވަގުތެވެ. މި ވަގުތު ދެވޭ ކޮންމެ އިރުޝާދަކީ ސީދާ ފުން ސިކުނޑީގައި ބަދަލުނުކުރެވޭ ގޮތަށް ރައްކާކުރެވޭނެ މައުލޫމާތެކެވެ.

ދަރިފުޅަށް ހެޔޮ ބަދަލު ގެނައުމަށް ކުރެވިދާނެ ކަންކަން

ނިދާގަޑީގެ ހެޔޮ އިރުޝާދު: ދަރިފުޅު ނިދިބަރުވެ، ފުން ނިންޖަކަށް ދިއުމުގެ ކުރިން އޮންނަ ކުޑަ ވަގުތުކޮޅަކީ ރަންވަގުތެކެވެ. އެ ވަގުތު ދަރިފުޅުގެ ކަންފަތް ކައިރީގައި މަޑުމަޑުން ހެޔޮ ޖުމްލަތައް ބުނެދޭށެވެ.

"ދަރިފުޅަކީ ވަރަށް ކިޔަމަންތެރި، ބަސްއަހާ ކުއްޖެއް."
"ހިސާބު މާއްދާއަކީ ދަރިފުޅަށް ވަރަށް ފަސޭހަ، މަޖާ މާއްދާއެއް."
"ދަރިފުޅު ކޮންމެ ދުވަހަކު ހެނދުނު ވަރަށް އުފަލުން ދަތް އުނގުޅާނެ."
  1. ޖުމްލަތައް ބައްޓަންކުރާނެ ގޮތް: ފުން ސިކުނޑިއަށް "ނޫން" ނުވަތަ "ނު" މި ބަސްތަކެއް ނޭނގެއެވެ. މިސާލަކަށް "ދަރިފުޅު ރުޅި ނާަންނާށޭ" ބުނުމުގެ ބަދަލުގައި ބުނަންވާނީ "ދަރިފުޅަކީ ވަރަށް ކެތްތެރި، ހިތްހެޔޮ ކުއްޖެއް" މިހެންނެވެ. އަދި އަބަދުވެސް ޖުމްލަ ހުންނަންވާނީ މިހާރު ހިނގަމުންދާ ކަމެއްގެ ގޮތުގައެވެ.
  2. އަމިއްލަ އަޑުން އަޑު ރެކޯޑްކުރުން: ކިޔަވާ ކުދިންނަށް ނުވަތަ ފުރާވަރުގެ ކުދިންނަށް މި އުކުޅު ބޭނުންކުރެވިދާނެއެވެ. ދަރިފުޅު ހަނދާން ބަހައްޓަން ބޭނުންވާ ފިލާވަޅެއް ނުވަތަ ޅެމެއް، ދަރިފުޅުގެ އަމިއްލަ އަޑުން ރެކޯޑްކޮށްފައި ނިދާފައި އޮންނަ އިރު މަޑުމަޑުން އިވޭނެ ގޮތް ހަދާށެވެ. މިއީ ދަސްކުރުމުގެ ބާރު އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ.
ދިވެހި މާހައުލުގައި މިކަމުގެ މުހިންމުކަން

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ފަހަރަށް ފެންނަނީ ކުއްޖާގެ ނުބައި އާދައެއް ފާހަގަވުމުން، އެކަމަކާ ދިމާލަށް ނޭދެވޭ ބަސްތައް ބުނެވޭ ތަނެވެ. "ދަރިފުޅު ތީ ވަރަށް ކަންނެތް ކުއްޖެއް" ނުވަތަ "ދަރިފުޅަށް ތިޔައީ ނުވާނެ ކަމެއް" ފަދަ ބަސްތަކަކީ ކުއްޖާގެ ސިކުނޑީގައި ނޭދެވޭ ގޮތަށް ބަހައްޓާލެވޭ "ފައިލްތަކެކެވެ". އޭގެ ނޭދެވޭ އަސަރު ކުއްޖާގެ މުޅި އުމުރަށް ކުރާނެއެވެ.

މީގެ ބަދަލުގައި، މަތީގައި ބަޔާންކުރި ޢިލްމީ އުކުޅު ބޭނުންކޮށްގެން ދެތިން ހަފްތާ ވަންދެން މަސައްކަތް ކޮށްފިނަމަ، ކުއްޖާގެ އުޅުމަށް ހައިރާންކުރުވަނިވި ހެޔޮ ބަދަލެއް އަންނާނެއެވެ. މިއީ ހަމައެކަނި ކުދިންނަށް އޮތް ކަމެއް ނޫނެވެ. ބޮޑެތި މީހުންގެ ކިބައިގައި ހުންނަ ބިރުވެރިކަމާއި ނޭދެވޭ އާދަތައް ބަދަލުކުރުމަށްވެސް މިއީ ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ އެންމެ ކާމިޔާބު އެއް ފަރުވާއެވެ.

ތަރުބިއްޔަތަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. އެއީ ކުއްޖާގެ ހިތާއި ސިކުނޑީގެ އެންމެ ފުނަށް ފޯރުކޮށްދޭންޖެހޭ ހަކަތައެކެވެ. މިރޭ ދަރިފުޅު ނިދަން އޮށޯތުމުން، ލޯތްބާއެކު އެކުއްޖާގެ ސިކުނޑިއަށް ހެޔޮ މެސެޖުތަކެއް ދީގެން ދަރިފުޅުގެ މުސްތަޤުބަލު އުޖާލާކުރަން ފަށްޓަވާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *