ރާމިޒް ސަރގެ ގަލަމުން
(އެއްވަނަ ބައި)
ކިޔުމުގެ ދޭހައަކީ އެސްއެސްސީ ދިވެހި އިމްތިހާނު ކަރުދާހުގައި އެންމެ ގިނަ މާކުސް ކަނޑައެޅިފައިވާ ބައި ކަމަށްވެފައި މިއީ އެހެން ހުރިހާ ބަޔަކަށް ވެސް އޭގެ ސީދާ އަދި ނުސީދާ އަސަރުފޯރާ ބައެކެވެ. އެސްއެސްސީ ދިވެހި އިމްތިހާނުގައި ކިޔުމުގެ ދޭހައަށް 35 މާކުސް އަދި އެޗްއެސްސީ ދިވެހި އިމްތިހާނުގައި ދޭހައަށް 30 މާކުސް ކަނޑައެޅިފައިވާ އިރު، ތަފާތު ދެ ބާވަތެއްގެ ލިޔުމުން 4 ދަރަޖައެއްގެ ސުވާލު ދޭހައަށް ދީފައި ހުރެއެވެ. އެހެންކަމުން ކިޔުމުގެ ދޭހަ ރަނގަޅުކުރުމަކީ އިމްތިޙާންތަކުން މޮޅު ނަތީޖާއެއް ހޯދުމަށް ޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.
ދޭހަކުރުން ރަނގަޅުކުރުމަށް ޓަކައި ތަފާތު އެކި ހުނަރުތައް ބޭނުންކުރެވިދާނެއެވެ. އެގޮތުން ލިޔުން ޕްރިވިއުކުރުމާއި، ހަރަކާތްތެރިކޮށް ކިޔުން ނުވަތަ އެކްޓިވް ރީޑިންގއާއި ބަސްކޮށާރަށް އަހުލުވެރިވުމާއި، މައިގަނޑު ޚިޔާލު ދެނެގަތުމާއި، ބާރުދޭ ތަފްސީލުތައް ދެނެގަތުމުގެ އިތުރުން ފޮރުވިފައިވާ މާނަ ދޭހަކުރަން ފަދަ އުކުޅުތައް ބޭނުންކޮށްގެން ކިޔުމުގެ ދޭހަ ރަގަޅުކުރެވިދާނެއެވެ. މި ލިޔުމަކީ ސިލްސިލާކޮށް ޝާއިޢުކުރުމަށް ހަމަޖެހިފައިވާ ލިޔުމަކަށް ވާތީ މިއަދުގެ ބައިގައި ބަލައިލާނީ ކިޔުމުގެ ދޭހައިގެ ހުނަރުތަކުގެ ތެރެއިން ލިޔުން މުރާޖާކުރުމުގެ (ޕްރިވިއުކުރުމުގެ) ހުނަރަށާއި ހަރަކާތްތެރިކޮށް ކިޔުމުގެ (އެކްޓިވް ރީޑިންގގެ) ހުނަރަށެވެ. ކުރިޔަށް ހުރި ލިޔުންތަކުގައި އެހެންބައިތަކަށް ބަލައިލާނަމެވެ.
ދޭހަކުރުމުގެ ހުނަރުތަކުގެ ތެރެއިން ލިޔުން ޕްރިވިއުކުރުމަކީ ނުވަތަ މުރާޖާކޮށް ބަލައިލުމަކީ، ލިޔުމެއް ފުރިހަމައަށް ކިޔުމުގެ ކުރިން އެ ލިޔުމެއްގައި ހިމެނޭ މައިގަނޑު ކަންތައްތައް ދެނެގަތުމަށް ޓަކައި އެ ލިޔުމަކަށް އަވަސް ނަޒަރެއް ހިންގާލުމެވެ. މިއީ ކިޔާ އެއްޗެއް ދޭހަވުން އިތުރުކޮށްދޭ އަދި ކިޔުމުގެ މަޤްޞަދު ކަނޑައެޅުމަށް އެހީވެދޭ، ލިޔުމުގެ ކުރީގެ ހަރަކާތެކެވެ.
ޕްރިވިއުކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތައް:
- ސުރުޚީ ނުވަތަ ލިޔުމުގެ މައުޟޫޢަކީ ކޮބައިތޯ ބެލުން.
- އަލިއަޅުވާލާފައިވާ މުހިއްމު ލަފުޒުތައް ދެނެގަތުން.
- ފޮޓޯ/ކުރެހުން/މަންޒަރުތަކުން މައުލޫމާތު ހޯދުން.
- މައިގަނޑު ޖުމުލަތަކާއި ވަށައިޖައްސާ ޖުމުލަތައް ކިޔާލުން.
- ފުރަތަމަ އަދި ފަހު ޕެރެގްރާފު ކިޔައި ލިޔުމުގެ އާންމު ޚުލާޞާ ހޯދުން.
ޕްރިވިއުކުރުމަކީ ފޮތެއް ނުވަތަ ލިޔުމެއް ކިޔުމުގެ ކުރިން ހަދާ "މެޕް" އެއް ކަމުގައި ބެލެވޭ އިރު، މިއީ އާންމުކޮށް، ދަރިވަރުން ކުރާ ކަމަކަށް ވެފައި ނެތީ އޭގެ ފައިދާ ނޭނގޭތީކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަގީގަތުގައި ޕްރީވިއުކުރުމަކީ ހީވެސްނުކުރާހާ ފައިދާހުރި ކަމެކެވެ. އެގޮތުން، ޕްރިވިއުކުރުމުން ލިޔުމުގައި ހިމެނޭ މައުލޫމާތުތައް އަވަހަށް ދޭހަވުމަށް މަގުފަހިވެއެވެ. ކިޔަން ފަށާއިރު ލިޔުމާ ބެހޭ ކުރީގެ މައުލޫމާތު (Prior knowledge) އާލާވެއެވެ. ކިޔުމުގެ ސްޕީޑް އަވަސްވެ، މުހިންމު ނުކުތާތައް ފާހަގަކުރަން ވެސް ފަސޭހަވެއެވެ.

ދޭހަކުރުމުގައި އެކްޓިވް ރީޑިންގ ނުވަތަ ހަރަކާތްތެރި ކިޔުމަކީ ލިޔުމެއްގައިވާ މައުލޫމާތުތައް ހަމައެކަނި ކިޔާލުމުގެ ބަދަލުގައި، އެ ލިޔުމާ މެދު ފުންކޮށް ވިސްނައި، އޭގެ މާނަ ދެނެގަތުމަށް ޓަކައި ސިކުނޑި ބޭނުންކޮށްގެން ކުރާ މަސައްކަތެވެ. މީގެ މައިގަނޑު ބޭނުމަކީ ކިޔާ އެއްޗެއްގެ އަސްލު މަގުސަދާއި، އޭގައިވާ މުހިންމު ނުކުތާތައް ފުރިހަމައަށް ފަހުމްވުމެވެ. އެކްޓިވް ރީޑިންގގައި އާންމުކޮށް ބޭނުންކުރާ ބައެއް އުކުޅުތަކުގެ ތެރޭގައި ހިމެނެނީ:
- ސުވާލު އުފެއްދުން: ކިޔަމުންދާ އިރު "މިއީ ކީއްވެ ހިނގި ކަމެއްބާ؟" ނުވަތަ "މީގެ ނަތީޖާއަކީ ކޮބައިބާ؟" ފަދަ ސުވާލުތައް އަމިއްލަ ނަފްސާ ކުރުން.
- ފާހަގަކުރުން (Annotation): ލިޔުމުގެ މުހިންމު ބައިތަކުގައި "ރެހެންދެމުން" ނުވަތަ ކައިރީގައި ކުރު ނޯޓު ލިޔުން.
- ގުޅުވައިދިނުން: ކިޔާ މައުލޫމާތާއި ކުރިން އެނގިފައިވާ ކަންކަމާ ނުވަތަ އަމިއްލަ ތަޖުރިބާއާ ގުޅުވައިގެން ވިސްނުން.
- ޚުލާސާކުރުން: ކިޔައި ނިންމުމަށްފަހު، އޭގައި ބުނާ އެއްޗެއް އަމިއްލަ ބަހުން ކުރުކޮށް ކިޔައިދޭން އެނގުން.
- ލަފާކުރުން (Predicting): ލިޔުމުގެ ކުރިއަށް އޮތް ބައިގައި ވާނޭ ގޮތް ނުވަތަ ދެން އަންނާނެ ވާހަކައެއް ލަފާކުރުން.
ދޭހަކުރުމުގައި އެކްޓިވް ރީޑިންގ ބޭނުންކުރުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ކިޔާ އެއްޗެއް ފުންކޮށް ދޭހަވުމެވެ. އެހެނީ ހަރަކާތްތެރިކޮށް ކިޔުމުން، ލިޔުމުގައި ބުނާ އެއްޗެއްގެ ލަފުޒީ މާނައިގެ ބަދަލުގައި، އޭގެ އަސްލު މަގުސަދާއި ފުން މާނަ ދެނެގަންނަން ފަސޭހަވެއެވެ. މީގެއިތުރުން، ހަނދާނުގައި ހަރުލައްވަން ފަސޭހަވުމަކީ ވެސް އެކްޓިވް ރީޑިންގގެ ފައިދާއެކެވެ. ސަބަބަކީ ސިކުނޑި ބޭނުންކޮށްގެން، ނޯޓު ނަގައި ސުވާލު އުފައްދަމުން ކިޔުމަކީ މައުލޫމާތުތައް ގިނަ ދުވަހަށް ހަނދާނުގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކަށްވުމެވެ. ސަމާލުކަން އިތުރުވުމާއި، ފާޑުކިޔައި ވިސްނުމުގެ ހުނަރު ނުވަތަ ކްރިޓިކަލް ތިންކިންގގެ ހުނަރު ކުރިއެރުމަކީ ވެސް މި އުކުޅުގެ ސަބަބުން ލިއްބައިދޭ ނުހަނު މުހިއްމު ފައިދާތަކެކެވެ. އެކްޓިވް ރީޑިންގގައި ކިޔަމުންދާ އެއްޗަކަށް މުޅި ސިކުނޑި ހުސްކުރަން ޖެހުމުގެ ސަބަބުން، ކިޔާ އެއްޗަކުން ސަމާލުކަން ކުޑަވުމާއި ކަންނެތްވުން ކުޑަކޮށްދެއެވެ. އަދި ލިޔުމުގައިވާ ކަންކަމާ މެދު ސުވާލު އުފައްދައި، އެއީ ތެދު މައުލޫމާތެއްތޯ ނުވަތަ ނޫންތޯ ވަޒަންކުރުމުގެ ގާބިލުކަން އިތުރުވެއެވެ. ހަމައެއާ އެކު، ހަރަކާތްތެރިކޮށް ކިޔުމުގެ ސަބަބުން މައުލޫމާތު ގުޅުވާލަން ފަސޭހަވެ ވަގުތު ސަލާމަތްކުރެވެއެވެ. އެގޮތުން އާ މައުލޫމާތުތަކާއި ކުރިން އެނގިފައިވާ ކަންކަމާ ގުޅުވައިލުމުގެ ސަބަބުން، ކަންކަން ފަސޭހައިން އޮޅުންފިލައި ސިކުނޑީގައި މައުލޫމާތު ތަރުތީބުވެއެވެ. ފުރަތަމަ ފަހަރު ވެސް ފަރުވާތެރިކަމާ އެކު ކިޔުމުން، ފަހުން މައުލޫމާތު ހޯދަން އަލުން މުޅި ލިޔުން ކިޔަންޖެހޭ މިންވަރު މަދުވެ ވަގުތު ސަލާމަތްވެއެވެ.
ކުރުކޮށް ދަންނަވާ ނަމަ، އެކްޓިވް ރީޑިންގއަކީ ކިޔުންތެރިޔާއާއި ލިޔުމާ ދެމެދު ހިނގާ "މުއާމަލާތެއް" ފަދަ ކަމެކެވެ. މީގެ ސަބަބުން، ކިޔާ އެއްޗެއް ހަނދާނުގައި ހަރުލުމާއި، އޭގެ ފުން މާނަ ދެނެގަތުމަށް މާ ބޮޑަށް ވެސް ފަސޭހަވެގެންދެއެވެ.
advertisment
ހިޔާލު