މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި ޚާއްޞަ އެސަމްބްލީއެއް ބާއްވައިފިއެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލް ވަނީ ލޯންޗްކޮށްފައެވެ.
މިއަދު ހެނދުނު މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި އެސެމްބްލީގައި ޑރ. އިސްމާއިލް ވިދާޅުވީ، ދުނިޔެ މިދަނީ ބަދަލުވަމުން ކަމަށާއި ޓެކްނޮލޮޖީގެ އައު ޒަމާނަކަށް ދުނިޔެ މިވަނީ ބަދަލުވެފައި ކަމަށެވެ. ދުނިޔެ މިދަނީ އާ ރާސްތާތަކަށް ކަނޑައްތު ކުރަން ތައްޔާރުވަމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ރަސްމީ ތައުލީމު ފެށުނު ބިނާއަކީ ނަމޫނާ ރޯލް މޮޑެލަކަށް ވާންވާނެ ކަމަށާއި ތައުލީމީ ނިޒާމު ކުރިއަރުވައި އަންނަން އޮތް ޖީނަލަށް ވާޞިލްކޮށްދިނުމާއި އައު ކަންތައްތައް ތަޢާރަފު ކުރުމުގައި މަޖީދިއްޔާ ސްކޫލު ވާން ޖެހެނީ ނަމޫނާއަކަށެވެ.

"މަޖީދިއްޔާ ވާން ޖެހޭނީ އެހެން ހުރިހާ ސްކޫލްތަކެއް ބަލާ ރޯލްމޮޑެލަކަށް. ގިނަގުނަ ފިލާވަޅުތަކެއް ލިބިގެންދާނެ ތަނަކަށް" ވަޒީރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މި އަހަރު މި ވަނީ ފަށާފައި ކަމަށާއި އެ ގޮތުން ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ" ފަށާފައިވާ ކަމަށެވެ. "ބިންގާ"އަކީ ދަރިވަރުންގެ ހިތްތަކުގައި ކުލުނުވެރިކަމާއި އެހެން މީހުންނަށް އިހްތިރާމް ކުރުމާއި އަދި ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިންނާއި މުޖްތަމައުގައި އެހީތެރިކަން ބޭނުންވާ އެންމެގައި ބޭފުޅުންނަށް ކުލުނާއި އިޙްތިރާމާއި ގަދަރާއި އެކުދިންގެ ހިތްތަކުގައި އަމިއްލަ ނަފުސަށް އިތުބާރު ޤާއިމް ކުރުން ފަދަ އެތައް ސިފަތަކެއް އެކުލަވާލެވިފައިވާ ގޮތަށް އެއް އަހަރު ދުވަހަށް ބައްޓަން ކުރެވިފައިވާ ޕްރޮގްރާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، މަޖީދިއްޔާގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން އޭރިއާ ނަގައި އެތަނުގައި މަޖީދިއްޔާގެ 100 އަހަރު ރަމްޒުކޮށްދިނުމަށްޓަކައި އަޅާ ޚާއްޞަ ބިނާގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެންމެން އެކީގައި މަސައްކަތް ކުރާނީ 100 އަހަރު ފުރެންވާއިރަށް އެ ބިނާގެ މަސައްކަތް ނިންމައި ހުޅުވައި، ޓެކްނޮލޮޖީގެ އައު މަރުހަލާއަކަށް ކިޔެވުން ބައްޓަން ކުރެވިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެކަން ކުރައްވާނެ ކަމަށެވެ.
މަޖީދިއްޔާއަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު