ލަންދޫ ސްކޫލްގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކާއި ބެލެނިވެރިއަކު އެރަށު ވަށައިގެންވާ މަގުގައި ގަސް އިންދައިފިއެވެ. އިންދި ކޮންމެ ގަހެއްގެ ކައިރީގައި އެކުއްޖެއް، ނޫނީ ބެލެނިވެރިޔާގެ ނަން ފެންނާނެހެން ކުޑަ ބޯޑެއް ވަނީ ހަރުކޮށްފައެވެ.
ލަންދޫ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އެ ސްކޫލްގެ ލީޑިންގ ޓީޗަރު ޔޫސުފު އަބްދުއްރަހީމް ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިހާތަނަށް 420 ގަސް އިންދާފައިވާ ކަމަށެވެ. އެއީ އެ ސްކޫލްގައި ކިޔަވަމުންދާ 210 ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ނަމުގައި އިންދި ގަސްތައް ކަމަށެވެ.

ގަސް އިންދުގެ ޕްރޮގްރާމަކީ ލަންދޫ ވަށައިގެން މަގެއް ހަދަން ގިނަ އަދަދެއްގެ ގަސްތައް ކަނޑަށް ޖެހުމުން، އެމަގަށް ފެހިކަމާއި ރީތިކަން ގެނައުމަށް އެރަށު ކައުންސިލާ ގުޅިގެން ލަންދޫ ސްކޫލްގެ އެންވަޔަރަމަންޓް ކުލަބުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޔޫސުފު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން އިންދީ މައު އަޅާ ގަސްތަކެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރުއްއިންދަން ނިންމާފައިވާއިރު، ތިން ވަނަ ފިޔަވަހީގެ ދަށުން އިންދާނީ އޮއްޓަރާއި ފައިދާ ހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބަބުކޭލާއި މަދާއި ކުއްޅަވަކެވެ.
މައު އަޅާ ގަހުގެ ގޮތުގައި އިންދީ ބޯގަންވިލާއާއި ކަނީރު، އަދި ހިތިގަހެވެ.

" މަގު ފެށޭ ހިސާބުން މި ފެށީ ބޯގަންވިލާއިން. ދެން ކަނީރުގަހުގެ އިތުރުން ހިތިގަސް" ޔޫސުފު ވިދާޅުވިއެވެ.
ޔޫސުފު ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން ދޮން ރުއް އިންދަން ނިންމާފައިވާއިރު، ކޮންމެ ދަރިވަރަކާއި އެ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ނަމުގައި ރުކެއް އިންދާނެ ކަމަށެވެ.

" ގަހެއް އިންދުމަކުން ނުފުދޭ. އެހެންވެ ކައުންސިލާ ގުޅިގެން އިންދާ ކޮންމެ ގަހެއް ނޫނީ ރުކަކީ އެކުއްޖެއް ނޫނީ ބެލެނިވެރިޔާގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅީ. އޭރުން އެކުއްޖެއް ނޫނީ ބެލެނިވެރިޔާގެ ޒިންމާއެއް އެއީ ފެންދީ ބެލެހެއްޓުން" ޔޫސުފު ތަފްސީލް ކޮށްދެއްވިއެވެ.
ޔޫސުފު ވިދާޅުވީ ވަކި މުއްދަތެއްގެ ތެރޭގައި އިންދި ގަސްތައް ރޯވެއްޖެނަމަ އިންދި ދަރިވަރަކަށް ޚާއްޞަ ބެޖެއް ދޭނެ ކަމަށެވެ. އަދި ކުލާސްތަކުގެ މެދުގައި އެ ވާދަވެރިކަން ބޮޑުކޮށް ކުލާސްތަކަށް ވެސް ބެޖް ދޭން ނިންމާފައިވާ ކަމަށެވެ.
ލަންދޫ ސްކޫލްގައި 210 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު