ޢަބްދުﷲ ނަޞީޙް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ތައުލީމީ ނިޒާމުތައް ބިނާވެފައިވަނީ އިންސާނާގެ ބުއްދިވެރިކަމާއި، އިލްމީ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން އިލްމީ ނަތީޖާތަކަށާއި، ފާސްވާ މިންގަނޑުތަކަށް ބޮޑު ސަމާލުކަމެއް ދެވޭއިރު، އިންސާނާގެ ތަރައްގީގައި ހިމެނޭ އެހާމެ މުހިންމު އެހެން ބައެއް ކަމުގައިވާ އިޖުތިމާއީ އަދި ނަފްސާނީ ހުނަރުތައް ވަނީ ދޫކޮށްލެވިފައެވެ. ނަމަވެސް، ފަހަކަށް އައިސް "ސޯޝަލް އެންޑް އިމޯޝަނަލް ލާނިންގ" (އެސް.އީ.އެލް) ނުވަތަ އިޖުތިމާއީ އަދި ނަފްސާނީ ދަސްކުރުމަކީ ފުރިހަމަ ތައުލީމެއްގެ ކޮންމެހެން ބޭނުންތެރި، އެހެނަސް އަޅާނުލެވި އޮތް ބައެއްގެ ގޮތުގައި ވަނީ ބަލައިގަންނަން ފަށާފައެވެ. މިއީ އަމިއްލަ އިހުސާސްތައް ދެނެގަނެ، އެކަންކަން މެނޭޖުކުރުމާއި، އެހެންމީހުންނާ އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ޒިންމާދާރު ނިންމުންތައް ނިންމުމަށް ބޭނުންވާ އިލްމާއި ހުނަރުތައް ދަސްކޮށްދޭ މުހިންމު ބައެކެވެ. މިއީ އިލްމީ އުނގެނުމާއި އަމަލީ ދިރިއުޅުމުގެ ކާމިޔާބީ ގުޅުވައިދޭ މުހިންމު ބުރިޖެކެވެ.
އިޖުތިމާއީ އަދި ނަފްސާނީ ދަސްކުރުމުގެ ބިންގާ އެޅިފައިވަނީ ނަފްސާނީ އިލްމާއި ތައުލީމީ ތިއަރީތަކުގެ މައްޗަށެވެ. މީގެ މައިގަނޑު އަސާސަކީ އުނގެނުމަކީ ހަމައެކަނި ބުއްދީގެ މަސައްކަތެއް ނޫން ކަމާއި، އެއީ ނަފްސާނީ އިހުސާސްތަކާވެސް ގުޅިފައިވާ ކަމެއްކަން ދެނެގަތުމެވެ. އަމާންކަމެއް ނެތް ނުވަތަ އެކަނިވެރިކަން އިހުސާސްކުރަންޖެހޭ މާހައުލެއްގައި ދަރިވަރުންނަށް އެންމެ ފުރިހަމައަށް އުނގެނުމެއް ނުލިބޭނެއެވެ. އިންސާނާގެ ނަފްސާނީ ހާލަތަކީ އޭނާގެ ސަމާލުކަމަށާއި، ހަނދާނަށާއި، އުނގެނުމުގެ ޝައުގުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، މިއީ ތައުލީމީ މަންހަޖުގެ ތެރެއަށް އިތުރުކުރާ ބައެއްގެ ބަދަލުގައި، މިއީ ފުރިހަމަ އުނގެނުމަކަށް ބޭނުންވާ އަސާސީ ބަހާއެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އިޖުތިމާއީ ހުނަރުތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ކިޔެވުމުގެ ނަތީޖާވެސް ބޮޑުތަނުން ރަނގަޅުވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިފަދަ ހުނަރުތައް ނުލިބޭ ދަރިވަރުންނާ އަޅާބަލާއިރު، މި ހުނަރުތައް ލިބިފައިވާ ދަރިވަރުންގެ ނަތީޖާ 11 އިންސައްތަ އިތުރަށް ރަނގަޅެވެ. މީގެ އިތުރުން، ދަރިވަރުންގެ އަހުލާގީ މައްސަލަތަކާއި، ނަފްސާނީ ބަލިމަޑުކަން ކުޑަކުރުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދެއެވެ.
މި އުނގެނުމުގެ އެންމެ މުހިންމު އެއް ބައަކީ އަމިއްލަ ނަފްސު ދެނެގަތުމެވެ. މީގެ ތެރޭގައި އަމިއްލަ އިހުސާސްތަކާއި، ގާބިލުކަމާއި، ބަލިކަށިކަން ދެނެގަތުން ހިމެނެއެވެ. މިކަމުގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމަށާއި، ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައިވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ހުނަރު އަށަގަނެއެވެ. ކިޔެވުމަށް ކިތަންމެ މޮޅު ދަރިވަރަކަށް ވީނަމަވެސް، މިފަދަ ނަފްސާނީ ހުނަރުތައް ނެތްނަމަ އަމަލީ މައިދާނުގައި ކާމިޔާބު ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ހަމައެއާއެކު، އެހެންމީހުންގެ އިހުސާސްތައް ދެނެގަތުމާއި، ތަފާތު ވިސްނުންތަކަށް އިހުތިރާމްކުރުމުގެ ހުނަރަކީ މިއަދުގެ ތަފާތު މުޖުތަމައުތަކުގައި ވަރަށް ބޭނުންތެރި ކަމެކެވެ. މުާމަލާތްކުރުމާއި، އެކަކު އަނެކަކަށް އެއްބާރުލުން ދިނުމާއި، މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ހުނަރުތަކަކީ ހަމައެކަނި ސްކޫލް ދައުރަށް ބޭނުންވާ ކަންކަމެއް ނޫނެވެ. މިއީ މުސްތަގުބަލުގެ ވަޒީފާގެ މައިދާނާއި އާއިލީ ދިރިއުޅުމަށްވެސް ކޮންމެހެން ބޭނުންވާ އަސާސީ ސިފަތަކެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިހާރުވެސް ވަނީ މި ހުނަރުތައް އެ ގައުމުތަކުގެ ތައުލީމީ މަންހަޖުގައި ހިމަނާފައެވެ. މިސާލަކަށް ފިންލޭންޑް، ކެނެޑާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކިޔެވުމުގެ ނަތީޖާގެ އިތުރުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އިސްކަމެއް ދެއެވެ. މި ގައުމުތަކުން ދެކޭގޮތުގައި އިލްމީ ކުރިއެރުމާއި ނަފްސާނީ ތަރައްގީއަކީ ވަކިނުކުރެވޭނެ، އެކަތި އަނެކައްޗަށް ބަރޯސާވާ ދެ ކަމެވެ.
މިކަން ހާސިލުކުރުމުގައި މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު ވަރަށް ބޮޑެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކައި، އެކަކު އަނެކަކަށް އިހުތިރާމްކުރާ މާހައުލެއް ބިނާކުރާ ބައެކެވެ. ނަމަވެސް، މަންހަޖުތައް ބިނާވެފައިވާ ގޮތުންނާއި، އިމްތިހާނުތަކަށް ދެވޭ ބޮޑު ސަމާލުކަމުގެ ސަބަބުން މިފަދަ ހުނަރުތައް ދަސްކޮށްދިނުމަށް ގިނަ ފަހަރަށް ވަގުތާއި ވަސީލަތްތައް މަދުވެއެވެ. މިއީ ނިޒާމީ ގޮތުން ބަދަލުތަކެއް ގެނެސްގެން ހައްލުކުރަންޖެހޭ ކަމެކެވެ.
މިއަދުގެ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި، ޓެކްނޮލޮޖީއާއި އިޖުތިމާއީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހަމައެކަނި އިލްމީ މައުލޫމާތުން ފުދޭކަށް ނެތެވެ. ކޮންމެ މީހަކީވެސް ކަންކަމަށް ހޭނޭ، ހިތްވަރުގަދަ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވާންޖެހެއެވެ. އިޖުތިމާއީ އަދި ނަފްސާނީ ދަސްކުރުމަކީ 21 ވަނަ ގަރުނުގެ ދަރިވަރުންނަށް އެންމެ ބޭނުންވާނެ ހަތިޔާރެވެ.
ނިންމާލަމުން ދަންނަވާނަމަ، އިޖުތިމާއީ އަދި ނަފްސާނީ ދަސްކުރުމަކީ ތައުލީމީ ނިޒާމުގެ ތެރެއިން ދޫކޮށްލެވެން ނެތް މުހިންމު ބައެކެވެ. އިލްމީ އުނގެނުމާއި ނަފްސާނީ ތަރައްގީ އެއްކޮށްލުމުން ނޫނީ ފުރިހަމަ އިންސާނަކު ބިނާއެއް ނުކުރެވޭނެއެވެ. ތައުލީމީ ނިޒާމުތައް ތަރައްގީވަމުން އަންނައިރު، ހަމައެކަނި ފޮތީގެ އިލްމަށްވުރެ ބޮޑަށް، އަހުލާގީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުގަދަ، އޯގާތެރި އަދި ޒިންމާދާރު ޖީލެއް ބިނާކުރުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ.
advertisment
ހިޔާލު