ސަރުކާރުގެ ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ތައާރަފު ކުރި "ކުރި" ޕޯޓަލް" އާ ގުޅޭ މައުލޫމާތު ސެޝަނެއް މާދަމާ ހެނދުނު ބާއްވަން ނިންމައިފިއެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ސެޝަން އޮންނާނީ މާދަމާ ހެނދުނު 9ން ފެށިގެން 12 އަށް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ.
މިއީ، މި މަހު 3ވަނަ ދުވަހު ތައާރާފު ކުރި "ކުރި" ޕޯޓަލްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
އެ ވުޒާރާއިން މިރޭ ދަރިވަރު ނޫހަށް މައުލޫމާތުދިން ގޮތުގައި މާދަމާ ހެނދުނު ބާއްވާ ސެޝަނުގައި ދޭނީ، ސްކޮލަރޝިޕަށް ހުށައަޅާ ދަރިވަރުން، ޕްރޮފައިލް ތައްޔާރުކުރުމާއި އެޕްލިކޭޝަން ހުށައެޅުމާއި ސްކޮލަރޝިޕްތަކަށް ހޮވުމަށްފަހު ދަރިވަރުން ކުރަން ޖެހޭ ރިކްއެސްޓްތައް އެ މިނިސްޓްރީއަށް ކުރާނެ ގޮތުގެ މައުލޫމާތެވެ.
މިފަދަ އިތުރު ސެޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ވެސް އެ ވުޒާރާއިން ވަނީ ރާވާފައެވެ.
ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ނިޒާމަކަށް "ކުރި" ޕޯޓަލް ވާނެ ކަމަށް އެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ. "ކުރި" ޕޯޓަލް ނިޒާމުގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުން ހަރުދަނާވެ ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލާލެވި ސްކޮލަރޝިޕްތަކަށާއި ފަންޑިން ސްކީމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް މި ނިޒާމުން ނިމުން ގެނުވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
advertisment
ހިޔާލު