ގްރޫޕް ޗެޓްތަކުގައި ހިމެނުމަކީ ނުރައްކަލެއް: ކޮރެއާގެ ދަރިވަރުން ޑިޖިޓަލް މާހައުލާ ދުރުވަނީ

ދެކުނު ކޮރެއާގެ ސްކޫލް ދަރިވަރުންގެ މެދުގައި ހަދާފައި ހުންނަ ގްރޫޕް ޗެޓްތަކުން ދުރުހެލިވުމަށް ބެލެނިވެރިންނާއި މާހިރުން ބާރުއަޅަން ފަށައިފިއެވެ.

މިއީ އޮންލައިންކޮށް ހިންގާ ގަނާކުރުމުގެ މައްސަލަތަކުގައި ނޭނގި ނަމަވެސް ބައިވެރިވެ، މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ފޯރަފާނެތީ ކުރަން ފެށި ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅޭގޮތުން ނެރެފައިވާ އިންޒާރުތަކުގައި ބުނެފައިވަނީ، ގްރޫޕް ޗެޓެއްގައި އެހެން ކުއްޖަކަށް ފުރައްސާރަ ކުރަމުންދާ ވަގުތު، އެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި ބަލަން ހުރުމަކީ ނުވަތަ "ހެހެ" ފަދަ ކުރު ޖަވާބެއް ދިނުމަކީވެސް ގަނާކުރުމަށް ހިތްވަރުދޭ ކަމެއްގެ ގޮތުގައި މިހާރު ބެލެވޭ ކަމަށެވެ.

ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ގަނާކުރުމުގެ އަމަލެއް ހިނގާ ތަނެއްގައި ހުރެ، އެކަން ހުއްޓުވަން މަސައްކަތް ނުކުރުމަކީ އެ ކަމުގައި ބައިވެރިވުން ކަމަށް މާނަކުރުމުގެ ޖާގަ އެގައުމުގެ ގާނޫނުތަކުގެ ތެރެއިން އޮވެއެވެ.

މި މައްސަލަ އިތުރަށް ސީރިއަސްވެފައިވަނީ، ދެކުނު ކޮރެއާގެ ޔުނިވަރސިޓީތަކަށް ކުދިން ވައްދާއިރު ސްކޫލް މާހައުލުގައި ހިންގާފައިވާ ގަނާކުރުމުގެ ރެކޯޑުތަކަށް ބޮޑަށް ބަލަން ފެށުމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްކޫލް މާހައުލުގައި ގަނާކުރުމުގެ ރެކޯޑު އޮތް ކުދިންގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ ކުދިންނަށް ޔުނިވަރސިޓީތަކުން ފުރުސަތު ގެއްލިފައިވެއެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިން މިހާރު އިސްކަންދެނީ އެއްވެސް މައްސަލައެއްގެ ތެރެއަށް ވަދެވިދާނެ ފަދަ މާހައުލުތަކުން ދަރިން ދުރުހެލިކުރުވުމަށެވެ.

ކޮރެއާގެ ބައެއް ޕްރައިމަރީ ސްކޫލްތަކުގެ ދަރިވަރުން ކްލާސްތަކުގެ ތެރޭގައި ގްރޫޕް ޗެޓް ހެދުން ޓީޗަރުން އަންނަނީ މަނާކުރަމުންނެއެވެ. ސައިބަރ ބުލީއިން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާތީ މިއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި މުސްތަގުބަލު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތަޢުލީމީ ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *