ކިޔަވައިދިނުމުގެ ވަރުބަލިކަން: ފިލާވަޅު ނިމުނުއިރު ދަރިވަރު އުނގެނުނު ހެއްޔެވެ؟

މޫސާ ނިމާލް

ކޮންމެ މުދައްރިސަކީވެސް އުުންމީދީ ފެށުމަކުން ދުވަސް ފަށާ މީހެކެވެ. ނަމަވެސް، މުޅި ދުވަހު ކްލާސްރޫމްގައި އަޑުގަދަކޮށް، ފިލާވަޅުތައް ނިންމައި، ހުރިހާ 'ޕްލޭން' ތަކެއް ތަންފީޒުކޮށްފައި ގެއަށްދާއިރު، ހިތަށް ބަރުވެފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟ "ހުރިހާ ކަމެއް ކުރީމެވެ، އެކަމަކު އެއްވެސް ކަމެއް ރަނގަޅަށް ދިޔަހެނެއް ހީއެއް ނުވެއެވެ." މިއީ ގިނަ މުދައްރިސުންގެ އުދާހެކެވެ. މިއީ ތިބާގެ ކިޔަވައިދިނުމުގެ 'ރޫހާ' މެދު ސުވާލު އުފެދޭ ވަގުތެވެ. މި ވަރުބަލިކަމުގެ އަސްލު ދެނެގަތުމަށްޓަކައި، އަންނަނިވި ފަސް ނުކުތާއަށް ފުންކޮށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

1- އިންސާނާ ކިޔަވައިދިނުން: ގަޑިއަށްވުރެ ދަރިވަރު އިސްކުރުން ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ކިޔަވައިދެވެނީ 'ސިލަބަސް' ނިންމުމުގެ އަވަސްއަރުވާލުމުގައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ ބިންގަލަކީ ދަރިވަރުގެ ފުރިހަމަ ކުރިއެރުމެވެ. ޖޯން ހެޓީގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި، އެންމެ މޮޅު ފިލާވަޅަށްވުރެ މުދައްރިސާއި ދަރިވަރާ ދެމެދު އޮންނަ 'ގުޅުން' މާ ބާރުގަދައެވެ.

ދަރިވަރުގެ ނާރުގެ ނިޒާމު ހަމަޖެހި، އޭނާއަކީ ބަލައިގަނެވޭ ކުއްޖެއްކަމުގެ އިހުސާސް ނުކުރެވޭނަމަ، ސިކުނޑި ހުންނާނީ 'ލާރނިންގ މޯޑް' އެއްގައެއް ނޫނެވެ. ތިބާ ކިޔަވައިދިނީ ދަރިވަރުންގެ ގާތުގައެވެ*، އެކުދިންގެ ތެރޭގައެއް ނޫނެވެ. ފުރަތަމަ ދަރިވަރުގެ ހިތް ފަތަހަ ކުރާށެވެ؛ އޭރުން ސިކުނޑި އަމިއްލައަށް ހުޅުވޭނެއެވެ.

2- ރޭވުމަކުން ނިޒާމަކަށް: ހަމައެކަނި ޕްލޭނެއް އޮތުމުން ފުދޭ ހެއްޔެވެ؟ 'ލެސަން ޕްލޭން' އަކީ މަގުޗާޓެކެވެ. ނަމަވެސް 'ސިސްޓަމް' އަކީ އިންޖީނެވެ. ކްލާސްރޫމެއްގައި ހަމަޖެހުން އޮންނަނީ ކަންކަން ރޭވުމާ އެއްގޮތަށް ނުދާ ހާލަތުގައި އަމަލުކުރާނެ ދާއިމީ ނިޒާމެއް އޮވެގެންނެވެ. ޔާކޯބް ކޫނިން ފާހަގަކުރާ 'މޮމެންޓަމް' ނުވަތަ ފިލާވަޅުގެ އޮހުން ދެމެހެއްޓޭނީ، ކޮންމެ ކަމަކަށް މުދައްރިސު އިރުޝާދު ދޭން ނުޖެހި، ކްލާހުގެ މާހައުލުން އެކަންކަން ބުނެދޭނަމައެވެ.

ކުއްޖަކު ގަޑިޖެހިގެން އައުމުން ނުވަތަ ސުވާލެއް ކުރުމުން މުޅި ފިލާވަޅު ހުއްޓުމަކަށް އަންނަނަމަ، ތިބާގެ އަތުގައި އޮތީ ހަމައެކަނި ކަރުދާސްކޮޅެކެވެ. ވަރުބަލިކަން ކުޑަވާނީ އަމިއްލައަށް ހިނގާ 'ސިސްޓަމްތަކެއް' ބިނާކޮށްގެންނެވެ.

3- އަޚުލާގުގެ ފަހަތުގައިވާ 'ހަކަތަ' ދެނެގަތުން ދަރިވަރަކު ފިލާވަޅަށް ސަމާލުކަން ނުދީ ނުވަތަ ނޭދެވޭ އަމަލެއް ހިންގުމަކީ، އޭނާގެ ހިތުގައިވާ އުދާހެއް ބޭރުކޮށްލުމެވެ. މާކް ބްރެކެޓް ފާހަގަކުރައްވާ ގޮތުގައި، ޖަޒުބާތީ ގޮތުން ނުތަނަވަސްވެފައިވާ ސިކުނޑިއަކަށް އުނގެނުމުގެ ގާބިލުކަމެއް ނުލިބެއެވެ.

އަޅުގަނޑުމެން ހަމައެކަނި 'ބިހޭވިއަރ' މެނޭޖްކުރަން އުޅުމަކީ ބަލީގެ އަލާމާތަށް ފަރުވާ ދީފައި ބަލީގެ އަސްލު ދޫކޮށްލުމެވެ. ކްލާހުގެ 'ޓެމްޕަރޭޗަރ' ދެނެގަންނަން ދަސްކުރާށެވެ. ކުދިން ވަރުބަލިވެފައި ތިބިނަމަ، ހަރަކާތެއް ގެންނާށެވެ. އެކުދިންގެ ހިތްހަމަނުޖެހުމުގެ އަސްލަކީ ކޮބައިތޯ ބަލާށެވެ. ކިޔަވައިދިނުމަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ؛ އެއީ 'އެނާޖީ' މެނޭޖްކުރުމެވެ.

4- ހަރަކާތްތެރިވުމާއި ނަތީޖާ ނެރުމުގެ ތަފާތު ބުރަކޮށް މަސައްކަތް ކުރުމަކީ ކާމިޔާބީގެ ކަށަވަރުކަމެއް ނޫނެވެ. ރޮބަރޓް މަރޒާނޯގެ އިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި، ކްލާހުގައި ގިނަ ހަރަކާތްތަކެއް ހިންގުމަކީ އުނގެނުން ހިނގުމެއް ނޫނެވެ. ގިނަ ފަހަރަށް މުދައްރިސުން ވަރުބަލިވަނީ 'މާނައެއް ނެތް' މަސައްކަތްތައް ގިނަކުރުމުންނެވެ.

ކޮންމެ ފިލާވަޅެއް ފަށަންވާނީ ސާފު އަމާޒަކާއެކުގައެވެ. "މި ފިލާވަޅު ނިމޭއިރު، ދަރިވަރުގެ ވިސްނުމަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟" މި ސުވާލުގެ ޖަވާބު ސާފު ނޫންނަމަ، ތިބާ ތިޔަ ކުރަނީ ހަމައެކަނި ވަގުތު ހޭދަކުރުމެވެ. އަމާޒެއް ނެތް މަސައްކަތަކީ ވަރުބަލިކަމުގެ އަސްލެވެ.

ފިލާވަޅު ނިންމާލުން:

ފޮތް ލައްޕާލުމުގެ ކުރިން ގިނަ ފަހަރަށް ފިލާވަޅު ނިމެނީ ބެލް ޖެހުމުންނެވެ. ނަމަވެސް، އުނގެނުމުގެ މަރުހަލާ ފުރިހަމަވަނީ ފިލާވަޅުގެ ފަހު ފަސް މިނެޓުގައެވެ. ރޮބަރޓް ބްޖޯކް ބަޔާންކުރައްވާ ގޮތުގައި، އުނގެނުނު ކަންތައްތައް ހަނދާނަށް ގެނެސް، އަމިއްލަ ނަފްސާ ގުޅުވާލުމަކީ މަޢުލޫމާތު ދާއިމީ ހަނދާނަކަށް ބަދަލުކޮށްދޭ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *