މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިންތިޒާމް ކުރާ މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމުގެ އުޞޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މި އަހަރު ސަރުކާރުން ކަނޑައަޅާފައިވާއިރު، މި މައުރަޒު ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 ން 31އަށެވެ.
މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު، މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި އިތުރު މަޢުލޫމާތު އެ ކޯޕްރޭޝަންގެ 3305555 ހޮޓްލައިނުން ސާފުވާނެއެވެ.
މިއަހަރުގެ މައުރަޒުގައި 13 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭއިރު، 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވެއެވެ.
މައުރަޒުގައި ބައިވެރިކުރާ ތަކެތި ބައިވެރިކުރާ ފަރާތަކީ އެ ތަކެތި އުފެއްދި ފަރާތަށް ވުމާއި، ޕްރިފެބްރިކޭޓްކޮށްގެން ނުވަތަ އޯޑަރކޮށްގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އުފެއްދުމެއް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ އުފެއްދުންތެރިންގެ މައުރަޒުގައި ބައިވެރިކޮށް އާންމުންނަށް ދައްކާފައިވާ އުފެއްދުމެއް ވެސް ބައިވެރިއެއް ނުކުރެވޭނެއެވެ.
ބިސީސީން ބުނެފައި ވަނީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މައުރަޒުގެ ތެރެއިން، އެކި ބާވަތްތަކުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް މިއަހަރުވެސް ގާއިމުކުރެވޭނެ ކަމަށެވެ.
advertisment
ހިޔާލު