މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު)ގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ.
މިދިޔަ މިދިޔަ މަހުގެ 9ވަނަ ދުވަހު ހުޅުވާލި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމުގެ ސުންގަޑި ކުރިން ކަނޑައަޅާފައި އޮތީ އިއްޔެގެ ނިޔަލަށެވެ. ޑިފެންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ، އެ މުއްދަތު މާދަމާގެ 14:00އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިކުރަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވާން އޮންލައިންކޮށް ހުށަހެޅޭނެއެވެ. ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ފުރަތަމަ ނެރުނު އިއުލާނުގައިވެއެވެ.
ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގައި 350 ދަރިވަރުން ބައިވެރިވެ އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުން ޖަނަވަރީ މަހު ވަނީ މާފިލާފުއްޓަށް ފަރިތަކުރުންތަކަށް ފުރާފައެވެ. އެއީ ވެސް 350 ދަރިވަރުންނެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމުރީނުކުރުން ވެސް ހިމެނެއެވެ.
advertisment
ހިޔާލު