ކޮންމެ ގައުމެއްގެވެސް އެންމެ އަގުބޮޑު ރައުސްމާލަކީ އެ ގައުމެއްގެ އަންނަން އޮތް ޖީލެވެ. ތަހުޒީބީ މުޖުތަމައުތަކުގައި "ޖީލެއް ބިނާކުރުން" މާނަކުރަނީ ހަމައެކަނި ފޮތްތަކުން އުނގަންނައިދޭ އިލްމަކަށް ނޫނެވެ. އެއީ އުޅުމާއި ގުޅުމުގެ ތެރެއިން އުފަންކުރުވާ ރީތި އަހުލާގާއި، ހަރުދަނާ ސަގާފަތާއި، ދީނީ ބިންގަލުގެ މައްޗަށް ބިނާވާ "ތަރުބަވީ" ބޮޑު މަޝްރޫއެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ކަމެއް ގޯސްވުމުން އެކަކު އަނެކަކަށް އިނގިލި ދިއްކޮށް، ޒިންމާއިން ރެކުމުގެ ސަގާފަތެވެ.
ޒިންމާއަކީ "ވަކި ބައެއްގެ" އިމުން ބޭރު ކަމެއް
އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެންމެ ބޮޑު ކުށްހީއަކީ ދަރިން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި ގޭގެ ހަތަރު ފާރުގެ އެތެރޭގައި ނުވަތަ ސްކޫލްގެ ގޭޓުން އެތެރޭގައި އޮތް ކަމެއް ކަމަށް ގަބޫލުކުރުމެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ކުއްޖެއްގެ ޝަހުސިއްޔަތު ބިނާވުމުގައި މުޖުތަމައުގެ ތަފާތު "އޭޖެންޓުން" ނުވަތަ ބައިވެރިންގެ ދައުރު އިންތިހާއަށް ބޮޑެވެ.
މައިންބަފައިންގެ އޯގާތެރިކަމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލެވެ. މުދައްރިސުންގެ އިލްމީ އިރުޝާދަކީ އެ ކުއްޖާގެ ވިސްނުމުގެ ތޫނުފިލިކަމެވެ. އަދި ދޮށީއުމުރުގެ މީހުންގެ ތަޖުރިބާއަކީ ހަޔާތުގެ ތަފާތު އޮއިވަރުތަކުގައި ސާބިތުވެ ހުރުމަށް ލިބޭ އައްޑަނައެކެވެ. މިއިން ކޮންމެ ބައެއްގެ ދައުރު މަދުވިޔަސް، އެ ބިނާކުރާ ޖީލުގެ ފުރިހަމަކަން ގެއްލިގެންދެއެވެ.
ކުށްދެއްކުމުގެ ސަގާފަތުން "އަމަލީ އަތްތަކަކަށް"
"އެއީ މަގޭ ދަރިއެއް ނޫނޭ" ނުވަތަ "އެއީ މަގޭ ކަމެއް ނޫނޭ" ބުނެ މަގުމަތިން ފެންނަ ނޭދެވޭ ކަންކަމަށް ފުރަގަސްދިނުމަކީ މިއަދު އަޅުގަނޑުމެންނަށް އޮތް އިޚްތިޔާރެއް ނޫނެވެ. މިއަދު އަޅާނުލާ ދޫކޮށްލެވޭ ކޮންމެ ކަމަކީ މާދަމާ މުޅި މުޖުތަމައު ބަނަކޮށްލާނެ ތޫފާނެކެވެ.
އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން ޖެހިފައިވަނީ "ކުށްދެއްކުމުގެ" ބަދަލުގައި "ހައްލު ހޯދުމުގެ" މިސްރާބަށެވެ. މުއައްސަސާތަކުގެ ނިޒާމީ އެހީތެރިކަމާއި، ޒުވާނުންގެ ހަކަތަ އެއް އަމާޒަކަށް މިސްރާބު ކުރަންޖެހެއެވެ. ކުލަބު ޖަމިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކުން އިޖުތިމާއީ މި ބޮޑު މަސައްކަތުގައި ބައިވެރިވެ، "އިޖުތިމާއީ ޒިންމާ" އުފުލަން ޖެހެއެވެ.
އަމާޒަކީ އެކުވެރި، ހެޔޮލަފާ ޖީލެއް: އެއް މިސްރާބަކަށް އަތްގުޅާލުން
މާދަމާގެ އުޖާލާ މުސްތަގުބަލަކަށް އަޅުގަނޑުމެން ކުރާ އުންމީދުތަކުގެ ހަގީގީ ކުލަޖެހޭނީ، އެކުވެރިކަމާއި ހެޔޮލަފާކަމުގެ ސިފަތަކުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަތިވެރި އަޒުމާ ދިމާލަށް މިސްރާބު ޖަހައިގެންނެވެ. މިއީ ހަމައެކަނި ޝިއާރަކުން ނުވަތަ ދޫމަތީ ބަހަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޅި މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއެއް އެއް ފިކުރަކަށް ބުރަވެ، އެއް އަމާޒަކަށް ފައިތިލަ ސާބިތުކޮށްގެން މެނުވީ ހާސިލުކުރެވޭނެ ނަތީޖާއެއް ނޫނެވެ. ކޮންމެ ފަރުދަކީވެސް ތިމާގެ އަމިއްލަ ނަފްސަށްވުރެ މުޖުތަމައުގެ މަސްލަހަތު އިސްކުރާ، އަދި ކޮންމެ ކަމެއްގައިވެސް އިސްނަގައިގެން ޒިންމާ އުފުލާ މީހަކަށް ވާންޖެހެއެވެ.
"މިއީ އަހަރެމެންގެ ޒިންމާއެކޭ" ބުނާ މުރާލި ރޫހެއް މުޖުތަމައުގައި އާލާކޮށް، ކުޑަކުދިންނަށް އޯގާތެރިކަމުގެ އަތެއް ދިއްކުރާއިރު، ދޮށީ އުމުރުގެ މީހުންގެ ހިކުމަތްތެރި އިރުޝާދުތަކުގައި ހިފަހައްޓާނެ ފަދަ އިހުތިރާމުގެ ސަގާފަތެއް އަލުން ދިރުވަންޖެހެއެވެ. މިފަދަ ބަދަހި ގުޅުމެއްގެ ތެރެއިން އުފެދިގެން އަންނަ "އަހަރެމެން" ނޭ ކިޔޭ އިޖުތިމާއީ ފޭރާމަކީ، ވަކިވަކި ފަރުދުންގެ ބާރަށްވުރެ މާ ވަރުގަދަ އަދި ނުފޫޒުގަދަ ބާރެކެވެ. މުޖުތަމައުގެ ބަދަހިކަމުގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ރައްކާތެރިކަމާއި ލޯބި ލިބި، އެކުދިންގެ ކިބައިގައި ހުރި ހުނަރުތައް ފުރިހަމައަށް ތަރައްގީވުމުގެ ފުރުސަތު ފަހިވެގެންދާނީ، އެކަކު އަނެކަކަށް އެހީތެރިވާ، އެކަކު އަނެކަކުގެ ކާމިޔާބީގައި އުފާކުރާ، ހަގީގީ އިސްލާމީ އަދި ދިވެހިވަންތަ ރީތި ސިފަތަކުން ފުރިގެންވާ ޖީލެއް ބިނާކޮށްގެންނެވެ.
މިއަދު އަޅުގަނޑުމެން އިންދާ ހެޔޮލަފާ އޮށް، މާދަމާގެ ހިޔާބޮޑު ގަހަކަށް ވާނީ އެންމެން އެކުގައި އެ ގަހަށް ފެންދީ ބަލަހައްޓައިގެންނެވެ. ޖީލެއް ބިނާކުރުމަކީ މުޅި ރަށެއް، މުޅި ގައުމެއް ގުޅިގެން ކުރަންޖެހޭ "އިޖުތިމާއީ އާރާސްތުކުރުމެކެވެ". ކޮންމެ މީހަކީވެސް އެމީހެއްގެ ހިއްސާ މިކަމުގައި އޮތްކަން ގަބޫލުކުރާ މީހަކަށް ވަމާ ހިނގާށެވެ. އެއީ މާދަމާގެ އުޖާލާ ޖީލަށްޓަކައެވެ. ތިމާގެ އަމިއްލަ ނަފްސާއި އަދި އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަނުގެ މުސްތަގުބަލަށްޓަކައެވެ.
advertisment
ހިޔާލު