މަރިޔަމް ޝަތުރަތު ޝާކިރު، ސްޕެޝަލް އެޑިޔުކޭޓަރ
ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހެއެވެ. 2026 ވަނަ އަހަރަށް ޔުނައިޓެޑް ނޭޝަންސް އިން ކަނޑައަޅާފައިވާ ޝިޢާރަކީ "އޯޓިޒަމް އަދި އިންސާނިއްޔަތުކަން – ކޮންމެ ފުރާނައަކީވެސް އަގުހުރި ފަރާތެއް" މިއެވެ. މީގެ މާނައަކީ އޯޓިޒަމް ހުންނަ ފަރާތްތަކާއެކު، ކޮންމެ އިންސާނަކަށްމެ އެހެން މީހުންނެކޭ އެއްފަދައިން އިޙްތިރާމާއި، އޯގާތެރިކަން އަދި ކުރިއަށްދިއުމުގެ ހަމަހަމަ ފުރުޞަތުތައް ލިބެންޖެހޭނެ ކަމެވެ.
އޯޓިޒަމް އަކީ ހެދިބޮޑުވުމުގައި ދިމާވާކަމުން ކުއްޖާގެ ވާހަކަދެއްކުމަށާއި، އިޖްތިމާޢި ގޮތުން އެހެންމީހުންނާއި ދެތެރޭ އޮންނަ ގުޅުމަށާއި އުޅުމަށް އަންނަ ބަދަލުތަކެކެވެ. އޯޓިޒަމް ހުންނަ ދަރިވަރުންނަށް އާންމު ކްލާސްރޫމްތަކުގައި ޝާމިލްކޮށްގެން ކިޔަވައިދިނުމުން އިޖްތިމާއީ ހުނަރުތަކަށާއި، ވާހަކަދެއްކުމަށް އަދި އުނގެނުމަށް ގިނަ ކުރިއެރުންތަކެއް ލިބޭކަން ދިރާސާތަކުން ހާމަވެއެވެ. ޝާމިލްކޮށްގެން އުނގަންނައި ދިނުމުގެ ސަބަބުން މި ދަރިވަރުންގެ އިތުރުން ކްލާހުގެ ހުރިހާ ދަރިވަރުންނަށްވެސް އޭގެ ފައިދާކުރެއެވެ. މިކަމުގައި އެންމެ މުހިންމީ ދަރިވަރުންގެ ބޭނުންތައް ދެނެގަނެ، ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމެވެ.
އޯޓިޒަމް ހުންނަ ދަރިވަރުން އިޖުތިމާއީ ގޮތުން ބައިވެރިކުރުމުގެ މުހިންމުކަން (Social Inclusion):
އަޅުގަނޑުމެން ކޮންމެ ދަރިވަރަކުވެސް ވަރަށް ތަފާތެވެ. މި ތަފާތު ތަކާއިއެކު އެކަކު އަނެކަކު ބަލައިގަންނަން ދަސްކޮށްދޭންވާނެއެވެ. މިތަފާތުތައް ހުރިހާ ދަރިވަރުންނަށް އަމިއްލައަށް ފަހުމްވާނެ ކަމަށް ނުބަލާށެވެ. ދަރިވަރުންގެ އުމުރާ ގުޅޭގޮތުން، އިންސާނުންގެ ހުންނަ ތަފާތުތަކާއި، އޯގާތެރިކަމާއި، އަދި ކޮންމެ ކުއްޖަކުވެސް ކިޔަވާނީ ތަފާތު ގޮތްގޮތަށްކަން އެހެން ދަރިވަރުންނަށް ސާފުކޮށް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކްލާހުގެ ހަރަކާތްތަކުގައި އެހީތެރިވެދޭނެ އެކުވެރިއަކު ( ބަޑީއެއް ) ހަމަޖައްސައި މި ދަރިވަރު ބައިވެރިކުރަން ބާރުއަޅާށެވެ. ނަމަވެސް، ކަނޑައެޅޭ އެހީތެރިޔާއަށް ދަރިވަރު ހަމައެކަނި ދޫކޮށްނުލައި އެހެން ކުދިންނާއިއެކުވެސް ބައިވެރިކޮށް ބަޑީއެއްގެ ރޯލު އެކި ފަހަރު ކްލާހުގެ އެކި ދަރިވަރުންނަށް ދެވިދާނެއެވެ. އަދި އެހީތެރިވުމުގެ ކުރެވިދާނެ ކަންތައްތައް (މިސާލަކަށް: ވާހަކަ ދައްކާއިރު ސާފު ސީދާ ބަހުރުވަ ބޭނުންކުރުން) ފަދަ ކަންތައްތައް އެހެން ދަރިވަރުންނަށް އުނގަންނައިދެވިދާނެއެވެ.

އިޖުތިމާއީ ހަރަކާތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވިދާނެއެވެ. މިގޮތުން ލިބޭ ހުސް ވަގުތުތަކާއި (އެއް ގަޑި ނިމި އަނެއް ގަޑި އާއި ދޭތެރޭ އަންނަ ވަގުތު- ޓްރާންސިޝަން، އިންޓަވަލް ގަޑި،ނުވަތަ ގްރޫޕް މަސައްކަތްތަކަކީ) އޯޓިޒަމް ހުންނަ ކުދިންނަށް އުނދަގޫ ވަގުތުތަކަކަށް ވެދާނެއެވެ. އެހެންކަމުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭށެވެ:
- ގްރޫޕް މަސައްކަތްތަކުގައި ކޮންމެ ކުއްޖަކު ކުރަންޖެހޭ ކަންކަން ސާފުކޮށް ބުނެދިނުން.
- ކުޅިވަރުތަކުގެ ގަވާއިދުތައް ކުރުކޮށް ބަޔާންކޮށްދިނުން.
- ބޮޑެތި ގްރޫޕްތަކުގެ ބަދަލުގައި ކުދި ގްރޫޕްތަކުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިނުން.
- ދަރިވަރުންނަށް ފަހުމްވާނެ ފަދަ ވަސީލަތެއް (ތަސްވީރު ) ބޭނުންކުރުން
ދަރިވަރު ޝައުގުވެރިވާ ކަންކަމުގެ ތެރެއިން އުނގަންނައިދިނުމާއި ހުނަރުތައް ތަރައްޤީ ކުރުމަށް ބާރުއެޅި ދާނެއެވެ. މިގޮތުން އެހެން ކުދިންނާ ގުޅުން ބަދަހިކުރުވުމަށްޓަކައި އެ ކުއްޖަކު އެންމެ ޝައުގުވެރިވާ ކަންކަން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މިސާލަކަށް، އެ ދަރިވަރަކީ 'ތަފާތު ޤައުމުތަކުގެ ނަންތައް ދަސްކުރުމަށް ލޯބިކުރާ ދަރިވަރެއްނަމަ، ފިލާވަޅުތަކުގެ ތެރޭގައި ނުވަތަ ގްރޫޕް މަޝްވަރާތަކުގައި އެ މައުޟޫއު ހިމަނައިގެން ކުރިއަށް ގެންދެވިދާނެއެވެ.
އިޖުތިމާއީ ހުނަރުތައް ފަރިތަކޮށްދިނުމަށްޓަކައި ހަމައެކަނި އަނގައިން ބުނުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ކުރާނެ ގޮތް ދައްކައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކަންކަމުގައި ވަގުތަށް މަޑުކުރުން ( ޓާން ޓޭކިންގ) ނުވަތަ ވާހަކައެއް ފަށާނެގޮތް ނުވަތަ އެހެން މީހެއްގެ އެހީއަށް އެދޭނެގޮތް ދައްކުވައިދީ ދަސްކޮށްދެވިދާނެއެވެ.
ޢާންމު ކްލާސްރޫމެއްގައި ކިޔަވައިދޭއިރު ސަމާލުކަންދޭންވީ ކަންތައްތައް
- ކްލާހުގައި ދެވޭ އިރުޝާދު ވީހާވެސް ސަރީޙަކޮށް ކުރުކޮށް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ކުރަންޖެހޭ ކަންތައްތައް މަރުޙަލާތަކަކަށް ބަހާލުން. މި ގޮތުން މަސައްކަތް ކުރިއަށް ދާ މިންވަރަކުން އަމިއްލައަށް ޗެކް ކުރެވޭނެފަދަ ލިސްޓެއް ދެވިދާނެއެވެ.
- ދަރިވަރަށް ދަސްކޮށްދިންކަންތައްތައް ފަހުމްވިކަން ޔަގީންކުރަންވާނެއެވެ. (އަމިއްލައަށް ދަރިވަރަށް އެނގޭނެ ކަމަށް ނިންމައިގެން ނުހުރުން).
- ދަރިވަރު ޢާންމުކޮށް ކުރަންޖެހޭކަންތައްތައް ފެންނާނެހެން ޑިސްޕްލޭކޮށްފައި ބެހެއްޓިދާނެއެވެ.
މިފަދަ ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންގެ ހާސްކަން ކުޑަވެ، ކަންކަން ފަހުމްވުމަށް އެހީތެރިވެދެއެވެ.
- ބައެއް ދަރިވަރުންނަށް ފޮޓޯ ނުވަތަ ކުރެހުން ހިމެނޭ ގޮތަށް ޝެޑިއުލް ތައްޔާރުކުރެވިދާނެއެވެ.
- ކަންކަން ކުރާނެ ގޮތުގެ ބައިތައް ތަރުތީބުން ދައްކައިދޭ ޝެޑިއުލްއެއްވެސް ހެދިދާނެއެވެ.
- ވަގުތު ހަމަވާކަން އަންގައިދިނުމުގެ ގޮތުން "ޓައިމަރ" ނުވަތަ "ކައުންޓްޑައުން" އެއް ބޭނުން ކުރެވިދާނެއެވެ.
- ގިނަ ޙަރަކާތްތަކެއް އެއްކަމެއްގައި ހިމެނޭނަމަ "އެކްޓިވިޓީ" ޝެޑިއުލް ބޭނުންކުރެވިދާނެއެވެ.
- ކަމެއްގެ 'ކުރި’، 'މެދުތެރެ' އަދި 'ފަހުން' އަންނަބައިތައް އެނގޭނެ ފަދަ ޝެޑިއުލްވެސް ދަރިވަރަށް ފަހުމްކޮށްދިނުމަށްޓަކައި ބޭނުންކުރެވިދާނެއެވެ. ( ފަސްޓް، ނެކްސްޓް، ދެން)
- އޯޓިޒަމް ހުންނަ ދަރިވަރުންނަކީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކަށް (Routine) މަސައްކަތްކުރަން ލޯބިކުރާ ކުދިންނެވެ. މިހެން ކަމުން ކިޔަވައިދިނުމުގައި އެއްގޮތް އުސޫލެއް ހިފެހެއްޓިދާނެއެވެ.
- އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވުމުގެ ކުރިން ދުރާލައި އަންގައިދެވިދާނެއެވެ. (މިސާލަކަށް: "އިތުރަށް އޮތީ 5 މިނެޓު…")
- އަންނަން އުޅޭ ބަދަލުތަކަށް ދުރާލައި ދަރިވަރު ތައްޔާރުކުރެވިދާނެއެވެ (މިސާލު: ކްލާހުގެ ޓައިމް ޓޭބަލްއަށް ބަދަލެއް އަންނަނަމަ، އެކަމަށް ދުރާލައި ހޭލުންތެރިކުރުވުން)
- ކްލާހުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެވިދާނެއެވެ. މުޅި ކްލާސް ކުރިމަތީގައި ވާހަކަދެއްކުމަކީ ބައެއް ކުދިންނަށް ވަރަށް ދަތިކަމަކަށް ވެދާނެއެވެ. ނުވަތަ ބޮޑު ގްރޫޕެއްގައި މަސައްކަތްކުރުމަކީ ވެސް އަދި އުނދަގޫކަމަކަށް ވެދާނެއެވެ. މިހެން ކަމުން ޗޮއިސް ބޯޑެއް ތައްޔަރުކޮށް އޭގައި އިޚްތިޔާރުކުރެވިދާނެ ކަންތައްތަކެއް ހިމެނިދާނެއެވެ.
- ވާހަކަދެއްކުމުގެ ބަދަލުގައި ލިޔުމުން ޖަވާބުދިނުމަށް އެހީތެރިވެވިދާނެއެވެ. ނުވަތަ ޑިޖިޓަލް ވަސީލަތެއް ބޭނުންކޮށްގެންވެސް ޖަވާބު ދެވިދާނެއެވެ.
- ފުރަތަމަ 2 ކުދިން ހިމެނޭ ގްރޫޕެއްގައި މަސައްކަތްކުރަން ފުރުސަތު ހޯދައިދެވިދާނެއެވެ.
- މަސައްކަތް ނިންމުމަށް ހިމޭން މާހައުލެއް ހަމަޖައްސައިދެވިދާނެއެވެ.
- އިތުރު ވަގުތު ދެވިދާނެއެވެ.
- ކުރާހިތްވާ ކަމެއްކުރަން ކުޑަ ވަގުތުކޮޅެއް ދިނުމަކީވެސް ރަނގަޅުކަމެކެވެ.
- އޯޓިޒަމް ހުންނަ ދަރިވަރުންގެ ހިއްސުތަކުގެ ބޭނުންތަކަށް (Sensory Needs) ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކްލާސްރޫމުގެ ތެރެއަކީ ބައެއް ކުދިންނަށް އުނދަގޫ މާހައުލަކަށް ވެދާނެއެވެ. މިހެން ކަމުން ވީވަރަކުން އަޑުގަދަވުން ކުޑަކުރުމަށް ސަމާލުކަން ދެވިދާނެއެވެ.
- ކުރު ބްރޭކްތައް ނެގުމުގެ ފުރުސަތު ދަރިވަރަށް ދެވިދާނެއެވެ.
- ހިމޭން ނުވަތަ ރައްކާތެރިކަން އިހުސާސްކުރެވޭ ކަނެއް ހަމަޖައްސައިދެވިދާނެއެވެ.
- އަމިއްލަ ނަފްސު ނުވަތަ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް ވަސީލަތެއް ފޯރުކޮށްދެވިދާނެއެވެ. ( މިސާލު: ހެޑްސެޓް، ފިޖެޓް ޓޯއި )
- ދަރިވަރުގެ ކިބައިގައި ހުރި އިތުރު އަދި މޮޅު ހުނަރުތަކަށް އސްކަންދޭންވާނެއެވެ. (މިސާލަކަށް: ޤުރުއާން ހިތުދަސްވުން، ހަނދާންގަދަވުން، އުފެއްދުންތެރިކަން، ނުވަތަ ކަންކަމަށް ފަރުވާތެރިވުން) ދެނެގަނެ، އެކަންކަން ފާހަގަކޮށް ދަރިވަރުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

- މި ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބު ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ގިނަ ފަހަރަށް އުޅުމުން ދައްކުވައިދެނީ ބުނަންބޭނުންވާ ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި މުދައްރިސުން ވިސްނާލަން ވާނެއެވެ.
ދީފައިވާ މަސައްކަތަކީ ދަރިވަރަށް މާ އުނދަގޫ މަސައްކަތެއް ހެއްޔެވެ؟ - މާހައުލުގެ ސަބަބުން ދަރިވަރަށް އުނދަގޫވަނީ ހެއްޔެވެ؟
- ދަރިވަރު އެ މަސައްކަތުން ރެކެން ނުވަތަ ކަމެއް ބުނެދޭން އުޅެނީ ހެއްޔެވެ؟ ނުވަތަ ވަކި އެއްޗެއް ނުވަތަ ކަމެއް ދަރިވަރު ބޭނުންވަނީ ހެއްޔެވެ؟
- ދަރިވަރުގެ އުޅުމުން ފެންނަ ކަންތައްތައް ބަދަލުކުރުމަށް ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓެއް ހެދިދާނެއެވެ. މިއީ ޚުދު މުދައްރިސުންނަށްވެސް ހެދިދާނެ އެއްޗެކެވެ.
- މިގޮތުން ނުރަނގަޅު ބިހޭވިއަރ އެއް ފެންނަނަމަ އޭގެ ބަދަލުގައި ކުރެވިދާނެ ރަނގަޅު ކަމެއް ދަސްކޮށްދެވިދާނެއެވެ.
- މާ އުނދަގޫ ދަޑިވަޅުތަކުގައި ބްރޭކަކަށް އެދޭނެ ގޮތް ދަރިވަރަށް ކިޔައި ދެވިދާނެއެވެ.
- ހިތްހަމަނުޖެހުން ނުވަތަ އުނދަގޫވާކަން ހާމަކުރާނެ ގޮތް ނުވަތަ ވަސީލަތެއް ފޯރުކޮށްދެވިދާނެއެވެ.
- މާ އުނދަގޫ މަސައްކަތެއް ނަމަ ބައެއް ސްޓެޕްތައް ނިންމަން ބުނެވިދާނެއެވެ.
- ރަނގަޅު ކަންތައްތައް ފެންނަވަގުތު ވަގުތުން ހިތްވަރުދޭންވާނެއެވެ.
- ހިތްވަރު ދިނުމުގެ ގޮތުން ކުރާހިތްވާ ކަމެއް، ނުވަތަ އެއްޗެއް ފިލާވަޅު ނިމުމުން ވެސް ދެވިދާނެއެވެ. އެހެން ނަމަވެސް ދަރިވަރު އެންމެ ބޭނުންވާ އެއްޗެއް އަބަދު ލިބެން އޮތުމަކީ އެންމެ ރަނގަޅުކަމެއް ނޫނެވެ.
އަމިއްލަ ނަފްސް މަޑުމައިތިރިކުރުމަށްޓަކައި 'ގުނުން" ނުވަތަ ފުންކޮށް ނޭވާލުން ފަދަ ކަންތައްތައް ދަސްކޮށްދެވިދާނެއެވެ.
advertisment
ހިޔާލު