ކިޔަވަން ދޫކުރާ ލޯނުގެ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ

2.5 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ އިތުރު ގެރަންޓަރއެއް ހުށައަޅަން ޖެހޭ

ކިޔަވަން ދޫކުރާ ލޯނުގެ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު މިއަދު ގެޒެޓް ކޮށްފިއެވެ.

މިއަދު އާންމު ކުރި އުޞޫލުގައި ބުނެފައިވާ ގޮތުން ކިޔަވަން ލޯނަށް އެދޭ ކޮންމެ ފަރާތަކަށް ވެސް ހުށައަޅާ ޕްރޮގްރާމުގައި ކިޔެވުމަށް ލޯނުގެ ގޮތުގައި ޓޮޕްއަޕް ލޯނާ ނުލައި އެންމެ ގިނައިން ދޫކުރެވޭނެ ޖުމްލަ އަދަދަކީ 2.5 މިލިއަން ރުފިޔާއެވެ. ޓޮޕްއަޕް ލޯނުގެ ގޮތުގައި ދޫކުރާ ހަތްލައްކަ ރުފިޔާއާއެކު މި އަދަދު އިތުރުވާނީ 3.2 މިލިއަން ރުފިޔާއަށެވެ. މި ފަދަ ހާލަތެއްގައި ލޯން ދޫކުރާނީ ލޯނަށް ކުރިން ހުށައެޅި ގެރެންޓަރގެ އިތުރުން އެ ޝަރުޠު ހަމަވާ އިތުރު ގެރެންޓަރ ހުށައެޅުމުންނެވެ.

އެ އުޞޫލުގެ ދަށުން ފުރުޞަތު ދޭނީ ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި އެ އޮތޯރިޓީން ގަބޫލުކުރާ ޕުރޮގުރާމެއްގައި ފުލްޓައިމްކޮށް ކިޔެވުމަށެވެ.

ލޯނުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެނީ، ދިވެހިރާއްޖޭގައި ހުރެގެން ކިޔެވުމަށާއި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރުން ކިޔަވަން ތިބުމަށް ރައްކައުތެރިކަމަށް ކަނޑައަޅާ ޤައުމުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.

މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ  16 އަހަރު ފުރިފައިވާ، ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި މަރުކަޒަށް ހާޒިރުވެގެން ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްގައި ކުރިއަށް ގެންދާ ޕޮރޮގުރާމެއްގައި ފުލްޓައިމްކޮށް ކިޔެވުމަށެވެ. އެއީ، އެމްކިޔުއޭގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ މިންގަނޑުތަކަށް ހުރި ޕްރޮގުރާމުތައް ނުވަތަ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގުރާމްތަކުގެ އިތުރުން މެޑިކަލް ސްޕެޝަލައިޒޭޝަން ފެލޯޝިޕް ޕުރޮގުރާމް ތަކެވެ.

ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުޞަތު ދެނީ، ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމެއްގައި ކިޔެވުމަށާއި ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށެވެ.

ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޖުމުލަ ފައިސާ ޕުރޮގުރާމު ނިމޭ ތާރީޚުން ފެށިގެން ލަސްވެގެން 7ވަނަ މަހުން ފެށިގެން ކަނޑައެޅިފައިވާ އެކައުންޓަކަށް އަނބުރާ ދައްކަން ފަށަން ޖެހެއެވެ. ޕުރޮގުރާމު ނިމޭ ތާރީޚުކަމުގައި ބަލާނީ ތަޢުލީމު ހާސިލުކުރާ މަރުކަޒުން ދޫކޮށްފައިވާ ޕުރޮގުރާމު ފެށޭ ތާރީޚާއި ނިމޭ ތާރީޚު ނުވަތަ ޕުރޮގުރާމުގެ މުއްދަތު އެނގޭނޭހެން ދޫކޮށްފައިވާ އަން ކޮންޑިޝަނަލް އޮފަރ ނުވަތަ ޕްލޭސްމަންޓް ލެޓަރގައި އެ ޕުރޮގުރާމު ނިމޭނެކަމަށް ބަޔާންކޮށްފައިވާ ތާރީޚެވެ.

ލޯން ފައިސާ ދައްކަން މި އުޞޫލުގައި ކަނޑައަޅާފައި ވަނީ 30 މަހާއި 240 މަހާ ދެމެދުގެ މުއްދަތެކެވެ. 50،000 ރުފިޔާއާއި 100،000 ރުފިޔާގެ ލޯން ދައްކަން ދީފައި ވަނީ 66 މަސް ދުވަހެވެ. 500،000 ރުފިޔާއާއި 1،000،000 މިލިއަން ރުފިޔާގެ ދެމެދުގެ ލޯން ދައްކަން ދީފައި ވަނީ 230 މަސްދުވަހެވެ. 1،000،000 އާއި 1،500،000 މިލިއަނާ ދެމެދުގެ ލޯން ދައްލަން ޖެހެނީ 235 މަސްދުވަހެވެ. ޓޮޕްއަޕް ލޯން ހިމަނައިގެން 2.3 މިލިއަން ރުފިޔާ ހަމައަށް ދޫކުރާ ލޯނުތައް ދައްކަން ޖެހެނީ 240 މަސްދުވަހުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *