ތޮއްޑޫ ސްކޫލްގައި އެގާރައަށް ކިޔަވަން ފަށައި، ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިފި

ތޮއްޑޫ ސްކޫލް

މަތީ ސާނަވީގެ ގުރޭޑް އެގާރައަށް ވަން ކުދިންގެ ކިޔެވުން މިއަދު ފެށިއިރު، އއ. ތޮއްޑޫ ސްކޫލްގައި ގުރޭޑް އެގާރައަށް ކިޔަވިދޭން ފަށައި އެރަށު ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސައިފިއެވެ.

ގުރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުން އައި ތޮއްޑޫ ސްކޫލްގައި ގުރޭޑް އެގާރަ އުފެއްދީ ރަށުން ބޭރު ހަތަރު ކުދިންނާއެކު ޖުމްލަ ދިހަ ކުދިންނާ އެކުގައެވެ.

އޭލެވެލްގެ ފުރަތަމަ ބެޗަށް މަރުޙަބާ ކިޔެވުމުގެ ގޮތުން ތޮއްޑޫ ސްކޫލުން ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް އެކުދިންގެ ޝަރަފުފައި ބާއްވާފައެވެ.

ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރު މަރިޔަމް ލިއުޝާ ވިދާޅުވީ އެގާރަ އުފެއްދުމަކީ ރައްޔިތުންނާއި އެ ރަށު ރައްޔިތުންގެ އުއްމީދުގައި ކުލަޖެހުން ކަމަށާއި، އެކަމަށް ގިނަ މަސައްކަތްތަކެއް އެ ސްކޫލާއި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކޮށްފައިވާ ކަމަށެވެ.

" މިއީ ކުރެވުނު މަސައްކަތުގެ ނަތީޖާ. ހުސްވި އަހަރަކީ މި ސްކޫލުން އޯލެވެލްގައި އެންމެ މަދުން ކުދިން އިށީން އަހަރު. އެހެންވެ އޭލެވެލްއަށް ކުދިން ހަމަކުރަން ޖެހުނީ ރަށުން ބޭރު ކުދިންނަށް ދިން ފުރުޞަތުގެ ބޭނުން އެކުދިން ހިފުމުން" ލިއުޝާ ވިދާޅުވިއެވެ.

ގުރޭޑް އެގާރައަށް ކިޔަވަން ތޮއްޑޫއަށް އައި ދަރިވަރުންނަށް ޕޮކެޓް މަނީއެއްގެ ގޮތުގައި މަހަކު 1000ރުފިޔާ ދޭން ތޮއްޑޫކައުންސިލުން ވަނީ ނިންމާފައެވެ. މިއާއެކު އެކުދިންނަށް ތިބެވޭނެ އިންތިޒާމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

480 ކުދިން ކިޔަވަމުންދާ ތޮއްޑޫ ސްކޫލްގެ ގުރޭޑް ދިހައެއްގައި މިހާރު 30 ކުދިން ކިޔަވަމުން ގެންދެއެވެ. އެހެންވެ ލިއުޝާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އޭލެވެލްއަށް ކުދިން ހަމަކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *