2005ގެ އުކުޅުތަކުން "ޖެން-ޒީ" މައިތިރިއެއް ނުކުރެވޭނެ: ތަޢުލީމީ އޮއިވަރު ބަދަލުކޮށްލަންޖެހޭ 10 ހުނަރު

މޫސާ ނިމާލް

މިއަދުގެ ކްލާސްރޫމްތަކުން ފެންނަ މަންޒަރު މީގެ ދިހައަހަރު ކުރިއާ އުޑާއި ބިމާހާ ތަފާތެވެ. ކަޅުބޯޑާއި ފޮތްތަކަށްވުރެ ބޮޑަށް، ދަރިވަރުންގެ ދުނިޔެ ބިނާވެފައިވަނީ އަތުގެ އިނގިލި ކުރީގައިވާ "ސްކްރީން" ތަކަށެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ވެސް މިއަދު ތިބީ "ޖެން-ޒީ" (1997-2012 އާ ދެމެދު އުފަންވި ކުދިން) އެވެ. މިއީ "ޑިޖިޓަލް ނޭޓިވްސް" ނުވަތަ އުފަންވީއްސުރެ ޓެކްނޮލޮޖީގެ ފުން ކަނޑަށް ފަރިތަވެފައިވާ ޖީލެކެވެ.

މި ކުދިންނަށް ކިޔަވައިދިނުމުގައި އަދިވެސް 2005 ވަނަ އަހަރުގެ ބޯދާ އުސޫލުތައް ބޭނުންކުރާނަމަ، އެކުދިންގެ ސަމާލުކަން ކްލާސްރޫމުން ގެއްލި، "އޮފް" ވެއްޖެކަން ޔަޤީނެވެ. އެކުދިންނަކީ ހަމައެކަނި މަޤާމުގެ ނުފޫޒަށް ބޯލަނބާނެ ބައެއް ނޫނެވެ. އެކުދިން ބޭނުންވަނީ އިޚްލާޞްތެރިކަމާއި، މުހިންމުކަމާއި، އަދި ހަލުވި، ދުނިޔެއާ ގުޅޭ ތަޢުލީމެކެވެ .

ތަޢުލީމީ މާހިރު އިފްރެ ޓޮމް ސެމިއުލް ފާހަގަކުރައްވާ ގޮތުގައި، ކިޔަވައިދިނުމުގެ ބާރުވެރިކަން އަލުން ހޯދުމަށްޓަކައި ޓީޗަރުން އަންނަނިވި 10 ހުނަރު އަށަގަންނުވަން ޖެހެއެވެ

  • ސަމާލުކަން "އިންޖިނިއަރ" ކުރުން ކްލާސްރޫމް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، މިހާރު ބޭނުންވަނީ ދަރިވަރުންގެ ސަމާލުކަން "ދަމައިގަތުމެވެ". ފިލާވަޅު ފަށާއިރު "ހިމޭންވޭ" ބުނުމުގެ ބަދަލުގައި، ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަ ފަދަ ވަރުގަދަ "ހޫކް" އެއް ބޭނުންކުރާށެވެ. ކުއްޖާގެ ވިސްނުން ކޮޅަށް ޖަހާލާނެ ފަދަ ސުވާލަކުން ނުވަތަ ޙަޤީޤީ ދިރިއުޅުމުގެ ބިރުވެރި ނުވަތަ އުންމީދީ މިސާލަކުން ފިލާވަޅު ފަށާށެވެ.
  • ޒބާރުވެރިކަމަށްވުރެ "އީކިއު"އިސްކުރުން ޖެން-ޒީގެ ކުދިންނަށް "ފޭކް" ބާރުވެރިކަން ވަގުތުން ދެނެގަނެވޭނެއެވެ. ހަޅޭއްލެވުމާއި ބިރުދެއްކުމަކީ އެކުދިން އިތުރަށް ބަސްނާހާނެ ސަބަބެކެވެ. އޭގެ ބަދަލުގައި އެކުދިންގެ ނަފްސާނީ ހާލަތު ދެނެގަނެ، އެކުދިންނަށް އިހުތިރާމްކޮށް، އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމުން ކިޔަވައިދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
  • "މައިކްރޯ-ލާނިންގ" ނުވަތަ ކުރުކޮށް ކިޔަވައިދިނުން ދިގު ލެކްޗަރުތަކަކީ މި ޖީލަށް ކެތްކުރެވޭނެ އެއްޗެއް ނޫނެވެ. ފިލާވަޅުތައް 3 ނުވަތަ 5 މިނެޓުގެ ބައިތަކަށް ބަހާލާށެވެ. ކިޔަވައިދިނުމަށްފަހު ވަގުތުން ހަރަކާތެއް ނުވަތަ ސުވާލެއް ކުރިމަތިކުރުވައި، "ލާނިންގ ބްލޮކްސް" ތަކަކަށް ފިލާވަޅު ބައްޓަންކުރާށެވެ.
  • ގުޅޭ މައުޟޫޢުތައް ބޭނުންކުރުން "މި ދަސްކޮށްގެން އަހަންނަށް ކުރާނީ ކޮން ފައިދާއެއް؟" މިއީ ކޮންމެ ދަރިވަރެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. ހިސާބު ޢިލްމު ކިޔަވައިދޭއިރު، ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސް ޗާޖު ނުވަތަ އޮންލައިން ވިޔަފާރީގެ މިސާލު ބޭނުންކުރާށެވެ. ފިލާވަޅު އެކުދިންގެ ދިރިއުޅުމާ ގުޅުވާލަދިނުމަކީ ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ.
  • ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުން ހިފުން ހަމައެކަނި ޕަވަރޕޮއިންޓް ސްލައިޑެއް ދެއްކުމަކުން ނުފުދެއެވެ. ދަރިވަރުންގެ ފޯނާއި ޓެބްލެޓްތަކަކީ ހަމައެކަނި ކުޅޭ އެއްޗަކަށް ނުހަދައި، އެއީ އުނގެނުމުގެ ވަސީލަތަކަށް ހަދާށެވެ. ކަހޫޓް ފަދަ ގޭމްތަކާއި އިންޓަރެކްޓިވް ޕޯލްތަކުން ކްލާސްރޫމް ދިރުވާލާށެވެ،

  • ވަގުތުން ފީޑްބެކް ދިނުން މިއީ "އިންސްޓަންޓް ގްރެޓިފިކޭޝަން" ނުވަތަ ވަގުތުން ނަތީޖާ ބޭނުންވާ ޖީލެކެވެ. ހަފްތާއެއް ފަހުން ކަރުދާސް މާކްކޮށްފައި ދިނުމަށްވުރެ، މަސައްކަތް ކުރަމުންދާއިރު ދަރިވަރުގެ ކައިރިއަށް ގޮސް ދޭ އިރުޝާދާއި ހިތްވަރު މާ އަގުބޮޑެވެ
  • ވާހަކަ ދެއްކުމުގެ ފަންނު މީހުން ހަނދާން ހުންނަނީ މަޢުލޫމާތެއް ނޫނެވެ، ހަނދާން ހުންނަނީ އެ މަޢުލޫމާތަކުން އިހުސާސް ކުރެވުނު ގޮތެވެ. ކޮންމެ ފިލާވަޅަކީ ވެސް ފެށުމެއް، މެދެއް އަދި ނިމުމެއް އޮތް ޝައުގުވެރި ވާހަކައަކަށް ހަދާށެވެ.
  • ހަކަތަ މެނޭޖްކުރުން ޓީޗަރުގެ އަޑުގެ ރާގާއި، ހަރަކާތްތަކާއި، މޫނުމަތީގެ ކުލަވަރަކީ ކްލާހުގެ "ވައިބް" ކަނޑައަޅާ އެއްޗެކެވެ. ފޫހިވެފައި ހުންނަ ޓީޗަރެއްގެ ކްލާހުގައި ކުދިން ތިބޭނީ ނިދާފައެވެ. ތިމާގެ ހަކަތަ މަތިކޮށް، ކުދިންގެ ޖޯޝް ދަމަހައްޓާށެވެ.
  • އޯގާތެރިކަމާއެކު އިންތައް ކަނޑައެޅުން މިނިވަންކަން ބޭނުންވިޔަސް، ކުދިންނަށް މަގުދައްކައިދޭނެ އުސޫލުތަކެއް ބޭނުންވާނެއެވެ. ނަމަވެސް އެ އުސޫލުތަކަކީ ކީއްވެ ހަދާފައިވާ އެއްޗެއްކަން އެކުދިންނަށް ބުނެދޭންޖެހެއެވެ. "އަހަރެން ބުނީތީ ކުރާށޭ" ބުނުމުގެ ބަދަލުގައި، އެކަމުގެ ފައިދާ ވިސްނައިދޭށެވެ.
  • އަބަދުވެސް އައު ކަންކަން ދަސްކުރުން ދުނިޔެ ބަދަލުވާ ހަލުވިމިނުގައި، ޓީޗަރުންނަކީ ވެސް ދަރިވަރުންނަށް ވާންޖެހެއެވެ. އައު ޓްރެންޑްތަކާއި، އައު އުކުޅުތައް ދަސްކޮށް، އަމިއްލަ ނަފްސު "ރީ-އިންވެންޓް" ކުރުމަކީ މިއަދު އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ތަޢުލީމީ ދާއިރާގައި ދެމިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން މިއަދުގެ ޒުވާން ޖީލު ބިނާކުރުމުގައި، އަޅުގަނޑުމެން ވިސްނުން ބަދަލުކުރަން ވެއްޖެއެވެ. ޖެން-ޒީ އަކީ ބަސްނާހާ ބައެއް ނޫނެވެ. އެކުދިންނަކީ ތަފާތު ގޮތަކަށް އުނގެނުމަށް ބޭނުންވާ ބައެކެވެ. 2005 ގެ އުސޫލުތައް ދޫކޮށްލައި، 2026 ގެ ހަލުވި ދުނިޔެއަށް އަޅުގަނޑުމެންގެ ކިޔަވައިދިނުން ބައްޓަންކުރަމާ ހިނގާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *