ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ އިތުރަށް 6000 ރުފިޔާގެ އަލަވަންސެއް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އަދި ރާއްޖޭގައި ކިޔަވައި ދަރިވަރުން ކިޔަވާ ޤައުމެއްގައި ހުރުމާއި ކެއުމާއި އެހެނިހެން އަސާސީ ޚަރަދުތަކަށް ސްޓައިޕެންޑްގެ ގޮތުގައި ދޭ ފައިސާގެ ތަފުޞީލު މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށެވެ.
ސްޓައިޕެންޑްގެ ގޮތުގައި ދޭ ފައިސާއަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން ގެންދާ ކަމަށް މީގެ ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެމަކު މިހާތަނަށް އެ ބަދަލު ގެނެސްފައެއް ނުވެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑްގެ އިތުރުން އެލަވަންސެއް ދޭން ހަމަޖެއްސީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވަން ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
މިއަދު ގެޒެޓް ކުރި އުޞޫލުގައި ބުނެފައިވާ ގޮތުން ހައި އެޗީވާސް ސްކޮލަރޝިޕް ލިބެނީ، ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ. ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމް (ޤިސްމު) ގައި ކިޔަވަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗްއެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން "އޭ " ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއް ވެސް އޮންނަން ޖެހެއެވެ.
ހައި އެޗީވާސް ސްކޮލަރޝިޕް ދެނީ ފުލްޓައިމްކޮށް ކިޔަވަން 3 ނޫނީ 4 އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި ހަ އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީގެ ބެޗްލާސް ޑިގްރީއެއް ފުރިހަމަ ކުރުމަށެވެ. އަދި 3 ނޫނީ 4 އަހަރު ދުވަހުގެ ތެރޭގައި ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށެވެ.
advertisment
ހިޔާލު