މޫސާ ނިމާލް
މިއަދުގެ ދުނިޔެއަކީ ހަމައެކަނި ބަދަލުވަމުންދާ ދުނިޔެއެއް ނޫނެވެ. މިއީ އިންސާނީ ތާރީޚު ނުދެކޭފަދަ ބާރުމިނެއްގައި "އިންގިލާބީ" ބަދަލުތަކެއް އަންނަމުންދާ ޒަމާނެކެވެ. އާޓިފިޝަލް އިންޓެލިޖެންސް (AI) ނުވަތަ
މަސްނޫޢީ ވިސްނުން މިއަދު ވަނީ އިންސާނާގެ ބުއްދިއާއި ހުނަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައެވެ. މި ދަނޑިވަޅުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ، އަޅުގަނޑުމެންގެ ދަރިންނަށް މިއަދު މިދޭ ތަޢުލީމަކީ މާދަމާގެ ދުނިޔޭގައި އެކުދިން ސަލާމަތްކޮށްދޭނެ އައްޑަނައެއްތޯ ނުވަތަ އެކުދިންގެ ފަޔަށް އެޅޭ ބޭކާރު ބޭސްގަނޑެއްތޯއެވެ؟
ހިތުދަސްކުރުމުގެ ޒަމާން މާޒީވެއްޖެ
ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ބިނާވެފައި އޮތީ "މައުލޫމާތު ރައްކާކުރުމުގެ" މައްޗަށެވެ. ކުދިން ސްކޫލަށް މި ފޮނުވަނީ ފޮތްތަކުގައި ހުރި ތާރީޚީ ތާރީޚުތަކާއި، ސައިންސްގެ ފޯމިއުލާތައް ހިތުދަސްކުރުމަށެވެ. ނަމަވެސް، ދިރާސީ ނަޒަރަކުން ބަލާއިރު، އެންމެ 0.3 ސިކުންތުގެ ތެރޭގައި އެލް.އެލް.އެމް (Large Language Models) ތަކުން މި ހުރިހާ މައުލޫމާތެއް އިންސާނަކަށްވުރެ މާ ތަފްޞީލުކޮށް ހޯދައިދެއެވެ. މައުލޫމާތު ހޯދުމަކީ މިއަދު "ހުނަރެއް" ނޫނެވެ؛ އެއީ "ވަސީލަތެކެވެ". އެހެންކަމުން، މައުލޫމާތު ހިތުދަސްކުރަން ދަރިވަރުން މަޖުބޫރުކުރުވުމަކީ، ޒަމާނީ އިންޖީނުލީ އުޅަނދުތައް އޮއްވާ، ފައިމަގުގައި ދަތުރުކުރުމުގެ ފަންނު އުނގަންނައިދިނުން ފަދަ ބޭކާރު ކަމެކެވެ.
އުފެއްދުންތެރިކަމާއި ފާޑުކިޔުން: އިންސާނީ ވަންތަކަމުގެ ރޫޙު
އާޓިފިޝަލް އިންޓެލިޖެންސް އަށް މަޒުމޫނު ލިޔެވިދާނެއެވެ. ހިސާބު ނަންބަރުތައް ހެދިދާނެއެވެ. ނަމަވެސް، އޭގެ ޒާތުގައި AI އަކީ "ކްރިއޭޓިވް" އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ކުރިން ހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ބަސްތައް އަންދާޒާކުރާ ނިޒާމެކެވެ. އަޅުގަނޑުމެންގެ ކިޔަވައިދިނުން ބަދަލުކުރަންވީ "Critical Thinking" ނުވަތަ ފާޑުކިޔުމާއެކު ފުންކޮށް ވިސްނުމުގެ ހުނަރަށެވެ. ދަރިވަރުންނަށް ދަސްކޮށްދޭންވީ ކަމެއް އޮތްގޮތަށް ޤަބޫލުކުރުމުގެ ބަދަލުގައި، އެކަމެއްގެ އަސްލު ދެނެގަނެ، އައު ޚިޔާލުތައް އުފެއްދުމަށެވެ. ތަޢުލީމުގެ މަޤްޞަދަކަށް ވާންވީ މެޝިނަކާ ވާދަކުރުމެއް ނޫނެވެ. މެޝިނަށް ނުކުރެވޭނެ "އިޙްސާސާއި، އަމިއްލަވަންތަކަން" ދެއްކުމުގައި ދަރިވަރުން ކުރިއެރުވުމެވެ.

ވަޒީފާގެ ބާޒާރަށް އަންނަ ބޮޑު ބަދަލު
ދުނިޔޭގެ އިޤްތިޞާދީ ފޯރަމްތަކުން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި މިއަދު ހުރި ވަޒީފާތަކުގެ ބޮޑުބައެއް އުވި، މުޅިން އައު ވަޒީފާތަކެއް އުފެދޭނެއެވެ. މި ބަދަލަށް ކުދިން ތައްޔާރުކުރުމުގެ ބަދަލުގައި، އަދިވެސް އަޅުގަނޑުމެން މި އުނގަންނައިދެނީ އިނގިރޭސި އިސްތިޢުމާރުގެ ދުވަސްވަރު އޮތް "ކްލެރިކަލް" މަސައްކަތްތަކަށް ކުދިން ތައްޔާރުކުރާ އުސޫލުންނެވެ. މިއީ ތަޢުލީމެއް ނޫނެވެ؛ މިއީ ސީދާ ސާފު ބަހުން ބުނާނަމަ، ޖީލެއްގެ މުސްތަގުބަލަށް ދެވޭ "ސަބޮޓާޖް" އެކެވެ.
ޒަމާނީ ފެންވަރަށް ސްކޫލްތައް "ރީ-ބްރޭންޑް" ކުރުން
އަޅުގަނޑުމެންގެ ތަޢުލީމީ ބިނާތަކުގެ މުސްތަގުބަލު ބިނާވެފައި އޮތީ ހަމައެކަނި އުސޫލުތަކެއްގެ މައްޗަކަށް ނޫނެވެ. އެއީ މިއަދުގެ ދަރިވަރުންގެ ނަފްސުގައި "އިންސާނީވަންތަކަން" ދިރުވައި އާލާކުރުމުގެ މައްޗަށެވެ. މާދަމާގެ ކާމިޔާބީ މިނެކިރޭނީ އެންމެ މޮޅު އިމާރާތެއް ނުވަތަ އެންމެ ގިނަ ވަސީލަތްތައް ހުރި ސްކޫލަކުން ނޫނެވެ. ނަމަވެސް، ތިރީގައިވާ ތިން އަސާސެއްގެ މައްޗަށް ބިނާވެފައިވާ ތަންތަނުންނެވެ:

• ކިޔަމަންވުމުގެ ބަދަލުގައި "ދެނެގަތުން " (Discerning) :
ބުނާ ކޮންމެ ބަހަކީ ތެދެއްކަމަށް ޤަބޫލުކޮށް، "ލޯމަރާލައިގެން" ތިބޭ ޖީލެއްގެ ބަދަލުގައި، ކަންކަމުގެ ޙަޤީޤަތް ވަކިކޮށް، ހެޔޮނުބައި ދެނެގަތުމުގެ ބާރުވެރިކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދޭ ސްކޫލްތަކެވެ.
• ތަކުރާރުކުރުމުގެ ބަދަލުގައި "އުފެއްދުން "(Creating) :
އެހެން މީހުން ކޮށްފައިވާ ކަންކަން ހަމައެކަނި ނަކަލުކުރުމުގެ ބަދަލުގައި، އަމިއްލަ ޚިޔާލާއި އައު އީޖާދުތަކުން މުޖުތަމަޢަށް މަންފާކުރަނިވި ކަންކަން އުފަންކުރަން ދަސްކޮށްދޭ މަރުކަޒުތަކެވެ.
• ހިތުދަސްކުރުމުގެ ބަދަލުގައި "ފުންކޮށް ވިސްނުން "(Thinking) :
މައުލޫމާތުތަކެއް ސިކުނޑީގައި ރައްކާކުރުމުގެ ބަދަލުގައި، އެ މައުލޫމާތުގެ ބޭނުން ހިފައިގެން މުސްތަގުބަލުގެ ގޮންޖެހުންތަކަށް ޙައްލު ހޯދަން ދަންނަ ބުއްދިވެރި ޖީލެއް ބިނާކުރާ ތަންތަނެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ މިއަދު ފެންނަން ހުރި ނަމަވެސް، މާދަމާގެ ދުނިޔެއަށް ބޭނުމެއް ނެތް، ދުވަސްވީ އާސާރީ ތަކެތި ރައްކާކުރާ "މިއުޒިއަމް" ތަކަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އެއީ އޭ.އައި ގެ ޒަމާނުގައިވެސް އިންސާނާގެ އަގު ވަޒަންކުރަން ދަންނަ، އުފެއްދުންތެރިކަމުގެ ބިންގާ އެޅޭ "ދިރުންހުރި މަރުކަޒުތަކަކަށް" ވާންޖެހެއެވެ. މިއީ ހަމައެކަނި އިޚްތިޔާރެއް ނޫނެވެ؛ މިއީ އަޅުގަނޑުމެންގެ ދަރިންނާއި މުޅި ޤައުމުގެ މުސްތަގުބަލަށްޓަކައި މިއަދު އުފުލަންޖެހިފައިވާ އެންމެ މަތިވެރި އަމާނާތެވެ.
advertisment
ހިޔާލު