މުބާރާތް ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން، ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ ފަރާތްތަކަށް
މި އަހަރު ބާއްވާ ޤައުމީ ޤުރްއާން މުބާރާތަށް ބޮޑު ބަދަލެއް ގެނެސް، މުބާރާތުގެ ޤަވާއިދު އާންމުކޮށްފިއެވެ.
ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތައް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
މި އަހަރު ގެނައި ބަދަލާއެކު ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.
ޤައުމީ ޤުރްއާން މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ:
- މުބާރާތުގެ އޮޑިޝަން ބުރު
- މުބާރާތުގެ ސެމީ ފައިނަލް ބުރު
- މުބާރާތުގެ ފައިނަލް ބުރު
އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.
ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.
ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ.

މުބާރާތުގެ ވަނަތައް
ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.
މުބާރާތުގެ ޢުމުރުފުރާތައް:
6 އަހަރުން ދަށް
8 އަހަރުން ދަށް
10 އަހަރުން ދަށް
12 އަހަރުން ދަށް
14 އަހަރުން ދަށް
16 އަހަރުން ދަށް
20 އަހަރުން ދަށް
26 އަހަރުން ދަށް
ހާފިޒުން
ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
advertisment
ހިޔާލު