-
މީޓަރުން ފެށިގެން 15 މީޓަރާ ދެމެދުގެ 12 އަހަރުގެ ޑާޓާ އެމްއެންޔޫއާ ހިއްސާކުރީ ޓްރިފްޓްވުޑް މޯލްޑިވްސްއިން
ރާއްޖޭގެ ކަނޑުގެ ފިނިހޫނުމިން ދައްކައިދޭ އެންމެ ބޮޑު ޑާޓާސެޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ފިޝާރީޒް އެންޑް އޯޝަންސައިންސްއަށް ލިބިގެން ދިޔުމަކީ ކަނޑުގެ ދިރުންތަކާއި ކަނޑުގެ މާހައުލާ ގުޅޭ ގޮތުން އެ ފެކަލްޓީން ކުރަމުންދާ ދިރާސާތަކަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ.
ޓްރިފްޓްވުޑް މޯލްޑިވްސްއިން ވަނީ ގދ. ހަޑަހާ ރިސޯޓް 2012 ވަނަ އަހަރު ހަދަން ފެށީއްސުރެ 2024 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަނޑުގެ މާހައުލާ ބެހޭ މުހިންމު ޑާޓާތަކެއް އެއްކޮށްފައެވެ. އެރަށުގައި ޤާއިމް ކޮށްފައިވާ ޒަމާނީ ރިސަރޗް ލެބޯޓްރީތަކުގެ އެހީގައި، ކަނޑުގެ 5 މީޓަރުން ފެށިގެން 15 މީޓަރު ފުން ސަރަހައްދުގެ ޑާޓާ އެ ކުންފުނިން ވަނީ ރައްކާކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި މިފަދަ މަސައްކަތެއް މިހާ ގިނަ ދުވަހު ކުރި ފުރަތަމަ ފަހަރެވެ.
ކަނޑުގެ މާހައުލުގެ ޑާޓާ ހިއްސާކުރުމުގެ އިތުރުން ހަޑަހާގައި އެމްއެންޔޫގެ ދަރިވަރުން ތަމްރީނު ކުރުމުގެ ގޮތުން އެމްއެންޔޫއިން ވަނީ ޓްރިފްޓްވުޑް މޯލްޑިވްސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަސަދު ޢަލީއެވެ.
ތިމާވެއްޓާއި ކަނޑުތަކުގެ ދިރުންތަކާ ގުޅޭ އެތައް ރިސަރޗެއް މިހާރު ވެސް އެމްއެންޔޫއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރަމުންނެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާނެ މީހުން ބިނާކުރުމާއި ރާއްޖެއިން ބޭރުގެ ތަފާތު ޔުނިވަރސިޓީތަކާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުގެ އެތަކެއް ދިރާސާތައް ކުރަމުން އަންނައިރު ގުދުރަތީ މާހައުލާ ގުޅުން ހުރި ޑާޓާތަކަކީ ދިރާސާތަކަށް ވަރަށް މުހިންމު ވަޞީލަތެވެ.

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތް ރާއްޖޭގައި ރިސާރޗް ކެޕޭސިޓީ އިތުރުކޮށް، ޕްރެކްޓިކަލް ޓްރެއިނިންގ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޑޭޓާ ޑްރައިވިން ކްލައިމެޓް ރިސަރޗްތަކަށް އެހީތެރިވުމެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ މާސްޓާސް އަދި ޕީއެޗްޑީ ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ރިސާޗް ފެސިލިޓީސްތަކާއި، ޓޫލްސް އަދި އިކުއިޕްމަންޓްތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ދަރިވަރުންގެ ރިސާޗް ސްކިލްސް އިތުރުކުރުމަކީ އެމްއެންޔޫ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެ ޔުނިވަސިޓީން ދަނީ އަމިއްލަ އަދި ބައިނަލްއަގުވާމީ ރިސާޗް އިންސްޓިޓިއުޓްތަކާއި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކާއި ރިސޯޓް ބޭސްޑް މެރިން ލެބޯޓްރީތަކާ އެކު ޕާޓްނަރޝިޕް ގާއިމް ކުރަމުންނެވެ. މި ކޮލަބްރޭޝަންތަކުގެ ސަބަބުން ބޭސިކް ލެބް މަސައްކަތުން ފެށިގެން ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއި ތަޖުރިބާކާރުންނާ ގުޅިގެން ހިންގާ މެރިން އަދި ރީފް އިކޯސިސްޓަމްގެ އެޑްވާންސް ސްޓަޑީޒްތަކާ ހަމައަށް ތަފާތު ރިސާޗް ސެޓިންގްސްތަކުގައި ޕްރެކްޓިކަލް ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ރެސިލިއަންޓް ރީފްސް، ރީފްސްކޭޕާސް އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ފަދަ ތިމާވެށީގެ ޖަމިއްޔާތަކާ ވެސް އެމްއެންޔޫ އިން ދަނީ ގުޅުން ބަދަހިކުރަމުންނެވެ. މި އެމްއޯޔޫގެ ދަށުން ދަރިވަރުންނަށް ސްޓްރަކްޗަރޑް ރިސާރޗް ޕްލޭސްމަންޓްތަކާއި، ހޭންޑް އޮން ޓްރެއިނިންގ ފުރުސަތުތަކާއި، ޕްރޮފެޝަނަލް ލެބޯޓްރީ މާހައުލުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ހަޔަޓް ބްރޭންޑްގެ ދަށުން ހިންގާ ގިނަ ރިސޯޓްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.
ޓްރިފްޓްވުޑް މޯލްޑިވްސްގެ ޑައިރެކްޓަރު، ޝާހީނާ އަލީ ދަރިވަރު ނޫހަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ މާހައުލުގެހާލަތު ދައްކުވައިދޭ ޓާޑާތަކަކީ އެއީ ބޭރުގެ އެތައް ޔުނިވަރސިޓީތަކުން ވެސް ބޭނުންވި ޓޭޑާތަކެއް ކަމަށާއި އެމްއެންޔޫއާ އެ ޑާޓާތައް ހިއްސާކުރުމުގެ ބޭނުމަކީ އެ ޔުނިވަރސިޓީގެ އޯޝަން ސައިންސް ފެކަލްޓީއަކީ ދުނިޔޭގެ ފެންވަރުގެ ދިރާސާ ކުރާނެ ތަނަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ.
"އޯޝަން ސައިސް ފެކަލްޓީއަށް މި ޑާޓާ ބޭރުގެ ފަރާތްތަކަށް ވިއްކައިގެންނާއި ދިރާސާތަކަށް ބޭނުންވާ މާލީ އެހީވެސް ހޯދޭނެ" ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޑައިވަރު ޝާހީނާ ވިދާޅުވިއެވެ.
advertisment
ހިޔާލު