އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި އެމަނިކުފާނު ލިޔުއްވާފައިވަނީ، މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމަށާއި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި އެއަމާޒަށް ވާޞިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަން ރައީސް ޑރ. މުއިއްޒު ލިޔުއްވާފައިވެއެވެ.
މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން ކަމަށާއި ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަން ރައީސް ވިދާޅުވެފައިވެއެވެ.
މާރޗް މަހުގެ 21 ވަނަ ދުވަސް ދުނިޔޭގައި ފާހަގަކުރަމުން ދަނީ ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ.
advertisment
ހިޔާލު