1447 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މިއީ، ފިޠުރު ޢީދު ދުވަހުގެ އުފާ، މާލޭގައި ތިބޭ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ޙަރަކާތް ކުރިއަށް ދާނީ އީދު ދުވަހު (މާދަމާ) ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ބުނީ، މި ޙަރަކާތުގެ ތެރެއިން ކުދިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ތަފާތު މަޖާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ ކަމަށެވެ. މި ޙަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް، ހަދިޔާއެއް ދޭން ވަނީ ނިންމާފައެވެ.
މި ޢީދު ޙަރަކާތަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ޢީދުގެ ފޯރި ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު