އެލައިޑް އިންޝުއަރެންސް އިން ކުރިއަށްގެންދާ ”އައިފޯން ޑްރޮޕް ގިވްއަވޭ“ އާ ގުޅުވައިގެން ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެލައިޑުން މިއަދު ބުނީ، ”އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ“ގެ ބައިވެރިންނަށް އަމާޒުކޮށްގެން ގޫގުލް ފޯމެއް ފުރުމަށް މެސެޖުކުރަމުންދާ ކަމަށެވެ. މައުލޫމާތު ހޯދުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ފޭކް އެކައުންޓްތަކަކާ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވުމަށް އެލައިޑުން ވަނީ އިލްތިމާސްކޮށްފައެވެ.
”އައިފޯން ޑްރޮޕް ގިވްއަވޭ“ގައި ބައިވެރިވާ ފަރާތްތަކުން ގޫގުލް ފޯމެއް ފުރުމަށް ނުވަތަ ބޭރުގެ އެއްވެސް ލިންކަކަށް އަމިއްލަ މައުލޫމާތު ހިއްސާކުރުމަށް އެދި ނުރަސްމީ ފަރާތްތަކުން ފޮނުވާ މެސެޖުތަކަކީ އެކުންފުންޏާ އެއްވެސް ގުޅުމެއް ހުރި މެސެޖުތަކެއްނޫން ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑުން ބުނެފައިވާ ގޮތުގައި، ”އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ“ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތެއް ކުރިއަށްދާނީ ހަމައެކަނި އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv މެދުވެރިކޮށެވެ.
އަދި އެކުންފުނިން ބުނީ، ޝައްކުކުރެވޭ މިފަދަ އެއްވެސް މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަކަށް އިޖާބަ ދިނުމުގެ ބަދަލުގައި އެ އެކައުންޓެއް ރިޕޯޓްކުރުމަށްފަހު ވީ އެންމެ އަވަހަކަށް އެލައިޑަށް އަންގައިދިނުމަށެވެ.
އިތުރު މައުލޫމާތާއި ސައްހަ މައުލޫމާތު ހޯދުމަށް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv ފޮލޯ ކުރުމަށް އެ ކުންފުނިން އެދިފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
advertisment
ހިޔާލު