"މިއީ ދިހަ ބުރީގެ އިމާރާތްތަކެއް އެޅުމަށްވުރެ މި ރަށަށް {ފެރިދޫއަށް} ލިބުނު މާ ބޮޑު ތަރައްޤީއެއް. މިއީ ފާއިތުވި 11 އަހަރަށްފަހު މުދިމުންގެ މައްސަލައަށް ލިބިގެން ދިޔަ ދާއިމީ ހައްލެއް" ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވެ ދަސްވެނިވި އއ. ފެރިދޫގެ ހަތަރު ޒުވާނުންނަށް ނިސްބަތްކޮށް އެރަށު ކައުންސިލުގެ ރައީސް އިސްމާއިލް ޝާހް ދަރިވަރު ނޫހަށް މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ.
އެ ޒުވާނުން މިއަދު އެދަނީ ފުރިހަމަ ކުރި ޚަޠީބު ކަމުގެ ކުރު ކޯހަށްފަހު މުޅިރަށަށް ނަމޫނާ ދައްކަމުންނެވެ. ކުޑަކުޑަ ރަށަކުން ފެނިގެންދިޔަ އެ ނަމޫނާ މިދިޔަ ހުކުރު ދުވަހު ފެނިގެން ދިޔައީ މާލޭގެ މިސްކިތްތަކުންނެވެ. ހުރިހާ މިސްކިތެއްގައި ވެސް އިމާމުވެ ހުކުރުކުރީ ޒުވާން ޚަޠީބުންނެވެ. އެ ކުދިން ދައްކައިދިނީ ހުނަރުވެރިކަމެވެ. އެކަމަށް އޮތް ޝައުޤުވެރިކަމެވެ. ސުލޫކާއި އިސްލާމީ ރިވެތި އަޙްލާޤެވެ. ހުކުރު ނަމާދަށް ދިޔަ އެތައް ބަޔަކު އެ ކުދިންނަށް ތައުރީފު ކުރީ އެހެންވެއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ފުރުޞަތު ދިނީ، އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 10ން މަތީގެ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުޙްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ބުރެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ. މިހާތަނަށް 503 ޒުވާން ޚަޠީބުންގެ ގޮތުގައި ތަމްރީން ކޮށްފިއެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ޙާޞިލް ކުރި މުހިންމު ލަނޑުދަނޑިއެކެވެ. ނަތީޖާއަކީ މިސްކިތަށް ލޯބިޖެހި ނަމާދު އޭގެ ވަގުތުގައި ކުރާނެ ބަޔަކު އުފެދިގެން ދިއުމެވެ.

ޒުވާން ޚަޠީބުން ދަސްވެނިވުމަށް އެންމެ ފަހުން ބޭއްވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައި ވަނީ، އެ ޕްރޮގުރާމުން ޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދަމަހައްޓާނެ ކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ، އެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއް ކަމަށެވެ.
" ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް. މިކަމުގެ މަތީގައި އަބަދަށް ދެމިތިބުމާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ނުހަނު ބޭނުންތެރިކަމެއް" އެ ރަސްމިއްޔާތުގައި ޒުވާން ޚަޠީބުންނަށް ވަޒީރު ޑރ. ޝަހީމް ނަސޭޙަތެއްގެ ގޮތުގައި ވިދާޅުވިއެވެ.

ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށާއި މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށް ވެސް ޑރ. ޝަހީމު ވިދާޅުވެފައިވެއެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމުގެ އަމާޒަކަށް އޮތީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން 1000 ޒުވާން ޚަޠީބުން ތަމްރީނު ކުރުމެވެ. އޭގެ ފޮނިމީރުކަން ރާއްޖޭގެ ކޮންމެ ރަށަކުން ލިބުމެވެ. މި އަމާޒު ހާޞިލްކުރަން ބަލާއިރު، އެ ޕްރޮގްރާމުގައި ބައިވެރިވާން ތިބި ކުދިންގެ އަދަދު މަދެއް ނޫނެވެ. އުމުރު ހަމަނުވަތީ އިންތިޒާރުގެ ކިޔުގައި ތިބި ކުދިން ވެސް މަދެއް ނޫނެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު 1:31 ގައި ވަޒީރުގެ ފޭސްބުކު ޕޭޖުގައި، ބޮޑު ތަކުރުފާނު ވިދާޅުވެފައިވާ ވަރަށް ކުރު މުހިންމު މެސެޖެއް ޕޯސްޓް ކުރިއެވެ. އެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ. "މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީމަ" އެވެ.
މި ޕޯސްޓަށް އެތައް ބަޔަކު ޝުޢޫރުފާޅުކުރިއެވެ. އެކަމަށް ތައުރީފުކޮށް އޮއްސާލިއެވެ.
އެއީ ވަރަށް ބޮޑު ތެދެކެވެ. މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީފައެވެ.
ޝުއޫރުފާޅުކުރި މީހުން އެދުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ. ނެރޭ ޚަޠީބުންގެ އަދަދު އިތުރު ކުރުމަށެވެ.
ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަމްރީނު ކުރާ ކޮންމެ ޒުވާން ޚަޠީބެއްގެ ފަހަތުން އެތައް ޚަޠީބުން ނުކުންނާނެއެވެ. ނަތީޖާއަކަށް ވާނީ އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ވިދާޅުވިހެން، ލިބޭނީ ދިހަ ބުރީގެ އިމާރާތަކުން ލިބޭ ތަރައްޤީއަށްވުރެ ބޮޑު ތަރައްޤީއެކެވެ. ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ދަމަހައްޓާނެ މޭސްތިރިންނެވެ.
advertisment
ހިޔާލު