ޑރ. އާސިޔަތު މުޙައްމަދު ދީދީ
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، ދިވެހި އަންހެނުން ހޯދަމުންދާ ކާމިޔާބީތަކާއި އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ. ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ދައުރު ބޮޑު ނަމަވެސް، ސިޔާސީ އަދި ނިންމުންތައް ނިންމާ އިސް މަގާމުތަކުން އަންހެނުން ފެންނަ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. މިކަމުގެ ސާފު ހެއްކަކީ، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 93 ގޮނޑީގެ ތެރެއިން އަންހެނުންނަށް ލިބިފައިވަނީ އެންމެ 3 ގޮނޑި (3.2 އިންސައްތަ) ކަމަށް ވުމެވެ. ހަމައެއާއެކު، 20 ވަޒީރުން ހިމެނޭ ކެބިނެޓުގައި ތިއްބެވީ އެންމެ 2 އަންހެން ބޭފުޅުންނެވެ.
މި ތަފާސްހިސާބުތަކުން ހާމަވަނީ، އަންހެނުންގެ ހުނަރާއި ގާބިލުކަން ސާބިތުވެފައިވީ ނަމަވެސް، ސިޔާސީ އަދި އިސް މަގާމުތަކުގައި އެކަނބަލުންނަށް އޮތް ފުރުސަތުތަކުގެ ފަރަގު އަދިވެސް ބޮޑުކަމެވެ. މެދުފަންތީގެ ވަޒީފާތަކުގައި އަންހެނުން ގިނަ ނަމަވެސް، ސިޔާސަތުތައް ކަނޑައަޅާ ފެންވަރުގައި އެކަނބަލުންގެ ހިއްސާ ކުޑައެވެ. މިއީ ތައުލީމީ އަދި ހުނަރުވެރި އަންހެނުން ނެތިގެން ދިމާވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޖުތަމައުގައި އަށަގަނެފައިވާ ބޯދާ ވިސްނުންތަކާއި، ނޭނގި ނަމަވެސް ގެންގުޅެވޭ ނުރަނގަޅު ތަސައްވުރުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކެކެވެ. ފިރިހެނުންނާ އެއްވަރަށް، ނުވަތަ އެއަށްވުރެ އިތުރަށް ގާބިލުކަން ހުރި ނަމަވެސް، މިފަދަ ހުރަސްތަކުގެ ސަބަބުން އަންހެނުންގެ ކުރިއެރުމަށް ވަކި ހިސާބަކުން ހުއްޓުން އާދެއެވެ.
ކޮންމެ އިންސާނަކީވެސް އަމިއްލަ ޒާތުގައި ގާބިލިއްޔަތާއި، ހުނަރުވެރިކަމާއި، ކަންކަން ހާސިލުކުރުމުގެ ފަންވަރު ލިބިގެންވާ މީހެކެވެ. މި ހަގީގަތަކީ އަންހެނަކަށް ވީތީ ބަދަލުވާނެ ކަމެއް ނޫނެވެ. އެހެންކަމުން، އަންހެނުން މިއަދު އެދެނީ މުޖުތަމައުން މި ހަގީގަތް ބަލައިގަނެ، އެކަނބަލުންނަށްވެސް ހައްގުވާ ހަމަހަމަ ފުރުސަތުތައް ފަހިވެފައި އޮތުމަށެވެ. އަދި އެ ފުރުސަތުތަކުގެ ކުރިމަތީގައި އެއްވެސް ފަރާތަކުން ނުވަތަ އިޖުތިމާއީ އޮނިގަނޑެއްގެ ތެރެއިންވެސް ހުރަސްތަކެއް ކުރިމަތިނުވުމަށެވެ.
އަންހެނުން އެދެނީ ޖިސްމާނީ ގޮތުން ފިރިހެނުންނާ އެއްވަރުވުމަކަށް ނޫނެވެ. އެކަނބަލުން އެދެނީ ފިކުރީ ގޮތުން ހަމަހަމަ ފުރުސަތުތަކެއް ލިބުމަށެވެ. އަންހެނެއް ނުވަތަ ފިރިހެނެއްތޯ ބެލުމެއްނެތި، ހަމައެކަނި ގާބިލުކަމަށް ބަލައި ފުރުސަތުތައް ހުޅުވާލުމަށެވެ. އެކަނބަލުންނަކީ ތައުލީމާއި ހުނަރުގެ ގޮތުން ފުރިހަމަ ކާމިޔާބީތައް ހޯދުމުގެ ފަންވަރު ހުރި ބައެކެވެ. އެކަނބަލުން ބޭނުންވަނީ އިންސާފުވެރި ފުރުސަތުތަކާއި، ފިރިހެނުންނެކޭ އެއްފަދައިން ކަންކަމުގައި އިސްނަގައި، ގޮތް ނިންމުމުގެ ބާރުވެރިކަން މުޖުތަމައުން ބަލައިގަތުމެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު ތަސައްވުރުތަކާ ދެކޮޅަށް ތެދުވެ، އަންހެނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އަންހެނުންނަށް ބާރުވެރިކަން ދީ، އެކަނބަލުން ކުރިއަށް ދިއުމަށް އެއްބާރުލުން ދިނުމަށާއި، އިންސާނާގެ ހުނަރާއި ގާބިލުކަމަށް އިހުތިރާމުކުރާ މުސްތަގުބަލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. އެހެނީ، އަންހެނުންނަށް ލިބޭ ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެކެވެ. އަންހެނުންގެ ދުވަހުގެ ހަމައެކަނި ތަހުނިޔާ ކިޔުމުގެ ބަދަލުގައި، އަމަލީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނައުމުގެ ނިޔަތުގައި މިދުވަސް ފާހަގަކުރަމާ ހިނގާށެވެ.
advertisment
ހިޔާލު