އުންމަތުގެ މުސްތަޤުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައެޅުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ޒުވާނުންނަށް އިލްތިމާސްކޮށްފިއެވެ.
މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށާއި އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް އެ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި، އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މި ދަނީ ފެންނަމުންނެވެ. މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އަޚުވަންތަ ބަޔަކަށްވާންޖެހެއެވެ. އުންމަތުގެ ސަފުތައް ބަދަހިކުރާންޖެހެއެވެ. އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވާންޖެހޭނެއެވެ. މުޞީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވާންޖެހޭނެއެވެ. އިސްލާމީ އުންމަތަށް ނަޞްރެއްލިބޭނީ އުންމަތް އެކަތިގަނޑަކަށްވެގެންނެވެ. ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެއެވެ.

ޒުވާނުންނަށް އިލްތިމާސްކޮށް ބުނެފައިވެއެވެ. އުންމަތުގެ މުސްތަޤުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައަޅާންޖެހެއެވެ. ރަމަޟާން މަހަކީ ނަޞްރާއި ފަތަޙައިގެ މައްސަރެވެ. ރަމަޟާން މަހަކީ ތަރުބަވީ މަދުރަސާއެކެވެ. މިއީ ޒުވާނުންގެ ނަފްސުތައް ތަރުބިޔަތު ކުރަން އޮތް ރަނުގެ ފުރުޞަތެކެވެ. މައިންބަފައިން ތިޔަ ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ޙަޤީޤަތަކަށް ހަދަން މުރާލިކަމާ އެކު ތެދުވާށެވެ! ތިޔަ ޒުވާނުންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ހެޔޮލަފާ ޚުލްޤު ރަނގަޅު ބަޔަކަށް ވާށެވެ! މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން އެއްކިބާވާށެވެ! ޖަމާޢަތުގައި ނަމާދު ކުރުމަށް ފަރުވާތެރިވާށެވެ! ރިވެތި އަޚުލާޤުން ޒީނަތްތެރިވާށެވެ! ޢިލްމާއި ފިކުރީ ގޮތުން ކުރިއަރައިދާން މަސައްކަތްކުރާށެވެ! މިއީ ޢިލްމުގެ ޤަރުނެވެ. އިސްލާމީ ސަޤާފަތާއި ޙަޟާރަތު އިޢާދަވެ މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބޭނީ، އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ދެ ޖިންސުގެ މުސްލިމު ޒުވާނުން ޢިލްމާއި ފަންނިއްޔާތުގައި ކުރިއަރައިގެންނެވެ. ރަމަޟާންމަހަކީ އަހަރެމެންގެ ވިސްނުމާއި ފިކުރު ހެޔޮމަގަށް ގެންނާން އޮތް އެންމެ ހެޔޮ ވަގުތެވެ. ޢަޒުމު ވަރުގަދަ ބަޔަކަށް ވަމާ ހިނގާށެވެ!
މިއަދުގެ ޚުޠުބާ ބިނާކުރީ ރަމަޟާން މަހުގެ ފަހު ދިހައަށެވެ. އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ވަނީ ޚާއްޞަކުރައްވައިފައެވެ. އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަހެވެ. އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިއެވެ. އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިއެވެ.
މުސްލިމް އަޚުންނޭވެ! ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެކެވެ. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެކެވެ.
ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރުކަން ބަޔާން ކުރައްވައި ޚުޠުބާގައި ބާރުއެޅީ ހޭދަކުރުމަށެވެ. ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމަށެވެ. މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވެގަތުމަށެވެ. ފިޠުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެކެވެ. ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ޚަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ. އެއީ ބޮލަކަށް ޞާޢެއްގެ މިންވަރެވެ. މި ޒަމާނުގެ ގޮތުން ނަމަ އެއީ، ދެ ކިލޯ ހަތަރު ސަތޭކަ ގުރާމެވެ.
advertisment
ހިޔާލު