އިންނަމާދޫގައި ބޯޓް-ބިލްޑިންގ ސެންޓަރެއް، ހުޅުދުއްފާރުގައި އެކަމަޑޭޝަން ފެސިލިޓީއެއް ތަރައްޤީކުރަނީ

އިންނަމާދޫގައި ބޯޓް-ބިލްޑިންގ ސެންޓަރެއް ހުޅުދުއްފާރުގައި އެކަމަޑޭޝަން ފެސިލިޓީއެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ދަށުން، ރ. އިންނަމާދޫގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ސެންޓަރެއް ބިނާކުރުމަށާއި، ރ. ހުޅުދުއްފާރުގައި އެކަމަޑޭޝަން ފެސިލިޓީއެއް ތަރައްޤީކުރާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މި މަޝްރޫއުތަކަކީ ދަރިވަރުންނަށް އެ ރަށްތަކުގައި ތިބެގެން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފެށި މަސައްކަތްތަކެކެވެ.

ރ. އިންނަމާދޫ ޓިވެޓް ސެންޓަރު ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ ސަގާފީ އަދި އިޤްތިޞާދީ ގޮތުން މުހިންމު ދާއިރާއެއް ކަމަށްވާ ބޯޓް-ބިލްޑިންގ ނުވަތަ ދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށެވެ. މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ ގޮތުން މި އިމާރާތް ތައްޔާރުކުރާނީ ޕްރީ-ފެބް އުސޫލުންނެވެ. މި އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންވާނެ އެންމެހާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވިފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑައެވެ.

ހުޅުދުއްފާރު އެކަމަޑޭޝަން ފެސިލިޓީއަކީ ދަރިވަރުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަރައްޤީކުރާ ތަނެކެވެ. މި ފެސިލިޓީގައި ތަފާތު މޮޑެލްތަކުގެ އެކަމަޑޭޝަން ހިމެނެއެވެ. އެގޮތުން ދަރިވަރުންގެ އާއިލާތަކަށް އެކުގައި ތިބެވޭނެ ފަދަ 2 ކޮޓަރީގެ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އިތުރުން، ވަކިން ދިރިއުޅެވޭނެ ސްޓޫޑިއޯ އެޕާޓްމަންޓްތައް ހުންނާނެއެވެ. ކޮންމެ އެޕާޓްމަންޓެއްގައިވެސް ކެއްކުމާއި ލޯންޑްރީ ފަދަ އަސާސީ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވުނީ އެމް.ޓީސީސީ އާއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ދެ ރަށުގައި ބިނާކުރެވޭ ވަޞީލަތްތަކުގެ އިތުރުން ރ. އަލިފުއްޓާއި ދުވާފަރުގައި ކުރިއަށްދާ މަޝްރޫއުތަކާއެކު، ރ. އަތޮޅު ވެގެންދާނީ މަތީ ތަޢުލީމު ދިނުމުގައި ފާހަގަކޮށްލެވޭ އަތޮޅަކަށެވެ. މިއީ މި ސަރަޙައްދުގެ ޒުވާނުންގެ މުސްތަޤުބަލަށްޓަކައި އެޅޭ ވަރުގަދަ ބިންގަލެކެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުޞަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމުގައެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖަކު ހުރި ރަށަކުން ނުވަތަ ކައިރި ރަށަކުން މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމެވެ. މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުންނަށް، ވީ އެންމެ އަވަހަކަށް ޑިޒައިންގެ މަސައްކަތްތައް ނިންމައިދެއްވާ އަމަލީ މަސައްކަތް ފެށުމަށް މިނިސްޓަރު ޑރ. ހައިދަރު އިލްތިމާސްކުރައްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *