ނަފުސާނީ ދުޅަހެޔޮކަން: ފެނިތިބެ ނުފެންނަ ކަމަށް ހަދާ އިހުސާސްތަކެއް

ޑރ. އާސިޔަތު މުޙައްމަދު ދީދީ

ކުޑަކުއްޖަކު ނުވަތަ ބޮޑުމީހަކު މީހުންގެ ތެރޭގައި ހިނިތުންވެ، އާންމު ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ އުޅުމަކީ އެމީހެއްގެ ހިތުގެ ފުންމިނުގައި އުފެދިފައިވާ އުދާސްތަކާއި ތަކުލީފުތައް ނެތްކަމުގެ ހެއްކެއް ނޫނެވެ. ވަރަށް ގިނަ ފަހަރަށް ދަރިވަރުން ކުލާހަށް ގޮސް، އެކުވެރިންނާއެކު އުފާވެރިކަން ފާޅުކޮށް، ކިޔެވުމުގެ ކަންކަން ފުރިހަމަކުރި ކަމުގައިވިޔަސް، އެހެން މީހަކަށް ނުފެންނަ ފަދަ ވަރުގަދަ ނަފުސާނީ ތޫފާނެއް އެކުދިންގެ ހިތުގައި އުފެދިފައި އޮވެދާނެއެވެ. މިފަދަ ނަފުސާނީ ދަތިތަކަށް އެކަށީގެންވާ ސަމާލުކަން ނުދެވި ދޫކޮށްލުމުގެ ނަތީޖާއަކީ، އެކުދިންގެ ޅަފުރާގެ އިތުރުން ޒުވާން އުމުރުގެ އުފާވެރިކަން ވެސް ބިރުވެރިކަމާއި ހިތްދަތިކަމުގެ ތެރެއަށް ގެނބިގެން ދިއުމެވެ.

ސްކޫލް ދަރިވަރުންނާއެކު މަސައްކަތް ކުރުމުގައި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ، ނަފުސާނީ ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ އެތައް ދަރިވަރުންނެއް ކުލާސްތަކުގައި ތިބި ފަދައިން، އެފަދަ އިހުސާސްތަކެއްގެ ތެރޭގައި އުޅެމުންދާ އެތައް ބެލެނިވެރިންނެއް ވެސް އުޅޭ ކަމެވެ. މި މައުޟޫޢުގައި ވާހަކަދައްކަން ދަރިވަރުން ފަސްޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެކުދިންގެ ހާލަތުގެ ސަބަބުން މައިންބަފައިން މާޔޫސްވެދާނެ ކަމުގެ ބިރު އޮތުން ހިމެނެއެވެ. އަދި ހަމައެހެންމެ، މުޖުތަމައުގެ ފަރާތުން "ބަލިކަށި" ނުވަތަ "އާދަޔާ ހިލާފު" ކުދިންގެ ގޮތުގައި ލޭބަލް ކުރެވިދާނެ ކަމަށްޓަކައި ކުރެވޭ ކަންބޮޑުވުމަކީ ވެސް މި ވާހަކަތައް ހިތުގައި ފޮރުވައިގެން ތިބެން މަޖުބޫރުވާ ސަބަބެކެވެ.

މީގެ ތެރެއިންވެސް އެންމެ ހިތްދަތި ކަމަކީ، ބެލެނިވެރިން އަމިއްލައަށް މިފަދަ އުނދަގޫތައް ތަހައްމަލު ކުރަމުންދާއިރު، އެކަމުގެ ވޭން ނުހަނު ރަނގަޅަށް އިހުސާސް ކުރެވުނު ނަމަވެސް، އަމިއްލަ ނަފުސައްވެސް އަދި ކުދިންނަށްވެސް ފަރުވާ ހޯދުމަށް ފަސްޖެހޭ ކަމެވެ. މިއީ އަމިއްލަ ނަފުސު ދެކެ ނުވަތަ ދަރިން ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ނަމަވެސް، މީސްތަކުންގެ ފާޑުކިޔުންތަކާއި މުޖުތަމައު ދެކޭ ގޮތާމެދު އޮންނަ ބިރެއްގެ ސަބަބުންނެވެ.

ޖިސްމާނީ ބަލިތަކަކީ އަޅުގަނޑުމެން ވަރަށް ފަސޭހައިން ބަލައިގަންނަ ކަންކަމެވެ. ކުއްޖަކަށް ނޭވާހީއްލުން ނުވަތަ ހަކުރުބަލި ފަދަ ކަމެއް ދިމާވެއްޖެނަމަ، މައިންބަފައިން ވަގުތުން ޑޮކްޓަރީ އެހީތެރިކަން ހޯދައިދެއެވެ. ނަމަވެސް، ތިމާގެ ނުވަތަ ދަރިންގެ ދިރިއުޅުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ރެޔާއި ދުވާލު އެތަކެއް ވޭނެއް ތަހައްމަލު ކުރަމުންދާއިރު ވެސް، އެކަންކަން ނުފެންނަ ކަމަށް ހަދަން މަސައްކަތް ކުރެވެއެވެ. ނިދިނައުމާއި، މެދުނުކެނޑި ކަންބޮޑުވުމާއި، ނާކާމިޔާބީއަށް ބިރުގަތުމާއި، ސަބަބެއް ނެތި ލޮލުން ފައިބާ ކަރުނަ ނުވަތަ އެކަހެރިވުން ފަދަ ކަންކަމަކީ ހަމައެކަނި "ގޮތްދޫނުކުރުން" ނުވަތަ "އަހުލާގީ މައްސަލައެއް" ނޫނެވެ. ބައެއް ކުދިންނަށް މިއީ އުމުރުގެ ގޮތުން ދިމާވާ ވަގުތީ ކަމަކަށް ވެދާނެ ނަމަވެސް، ހުރިހާ ހާލަތަކީ އެއީއެއް ނޫނެވެ. އެހެންކަމުން، ޖިސްމާނީ އެހެން ބަލިތަކަށް ދެވޭ ފަދަ ސަމާލުކަމެއް ނަފުސާނީ ދުޅަހެޔޮކަމަށް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ފަރުވާ ހޯދުމަށް ފަސްޖެހެނީ ކީއްވެ؟

މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައު ދެކޭ ގޮތެވެ. މީހުން ދައްކާފާނެ ވާހަކައަކަށް ނުވަތަ ކުރިމަތިވެދާނެ މަލާމާތަކަށް އޮންނަ ބިރުވެރިކަމެވެ. ބެލެނިވެރިން ކަންބޮޑުވަނީ އެމީހުންގެ ދަރިންނާ މެދު މުޖުތަމައުގެ އެހެން މީހުން ދެކޭނެ ގޮތަކާ މެދުގައެވެ. އަދި އަމިއްލަ ނަފުސަށް ފަރުވާ ހޯދާކަން އެނގިއްޖެނަމަ، މަސައްކަތުގެ މާހައުލުގައި ނުވަތަ އިޖުތިމާއީ ގުޅުންތަކުގެ ތެރޭގައި ފާޑުކިޔުންތައް އަމާޒުވެދާނެތީ ޖެހިލުންވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ނަފުސާނީ ދަތިތަކަށް އެކަށީގެންވާ ފަރުވާ ނުލިބި، ސިއްރުސިއްރުން އެ ހިތްދަތިކަން ދުވަހަކަށް ވުރެ ދުވަހަކަށް ބޮޑުވަމުން ދެއެވެ. ކުރިއާ އަޅާބަލާއިރު މި ވާހަކަތައް ދެކެވޭ މިންވަރު އިތުރުވެ، ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަވި ނަމަވެސް، އަދިވެސް ބޮޑު އިންސައްތައެއް ތިބީ އެހީތެރިކަމަށް ނޭދި ހިމޭނުންކަން ކަށަވަރެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ނަފުސާނީ ބައްޔަކީ ބަލިކަށިކަމެއް ނޫން ކަމެވެ. އެއީ އަހުލާގު ގޯސްވުމެއް ނުވަތަ އީމާންތެރިކަން ކުޑަވުމެއް ވެސް ނޫނެވެ. އެއީ ސިއްހީ ހާލަތެކެވެ. އެހެން ކޮންމެ ޖިސްމާނީ ބައްޔެކޭވެސް އެއްފަދައިން، އެކަމަށް އަޅާލުމާއި، ސަމާލުކަމާއި، އަދި ފަންނީ ބޭސްފަރުވާގެ އެހީތެރިކަން ވެސް ބޭނުންވެއެވެ

އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެކަށީގެންވާ މަގުތަކެއް ފަހިވެފައިވޭތޯ؟

އެހީތެރިކަމަށް އެދެން ބޭނުންވާ އާއިލާތަކަށް އެކަށީގެންވާ ނަފުސާނީ ސިއްހީ ހިދުމަތްތައް ހޯދުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އަތޮޅުތަކުގެ ރަށްރަށުގައި ފަންނީ ފަރުވާ ލިބުން ދަތިވެފައިވާއިރު، ހިދުމަތް ލިބެން ހުރި ހިސާބުތަކުން ގިނަ އާއިލާތަކަށް އެ ފަރުވާގެ ހަރަދުތައް އުފުލުމަކީ ނުހަނު ދަތި ކަމެކެވެ. ބަލިން ފަސޭހަވުމުގެ މުހިންމުކަން އިހުސާސް ކުރެވުނު ނަމަވެސް، އެ ފުރުސަތު އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިފައެއް ނުވެއެވެ. ޖިސްމާނީ ބަލިތަކަށް ބޭނުންވާ ވަސީލަތްތައް ހޮސްޕިޓަލްތަކުގައި ނެތިގެން ކަންބޮޑުވުން ފާޅުކުރާ މިންވަރަށް، ނަފުސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ނުލިބިގެން އަޑުއުފުލާތަނެއް ނުފެނެއެވެ. އަޅުގަނޑުމެންގެ ދަރިންނާއި މުޖުތަމައު ރައްކާތެރިކުރަން ބޭނުންނަމަ، މިފަދަ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކޮށްދިނުމާއި، ފަރުވާގެ އަގުތައް އަތްފޯރާފަށަށް ގެނައުމަކީ ކަމާބެހޭ ފަރާތްތަކުން އިސްކަންދޭންޖެހޭ މުހިންމު ކަމެކެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަސާސީ ހަގީގަތަކީ، ނަފުސާނީ ބައްޔަކީ ފަރުވާކޮށްގެން ރަނގަޅު ކުރެވޭނެ އަދި އެކަމުން އަރައިގަނެވޭނެ ހާލަތެއް ކަމެވެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންޖެހެނީ، މުޖުތަމައުގެ އެއްވެސް މީހަކު ނުވަތަ ކުއްޖަކު، ފަރުވާ ނުލިބުމުގެ ސަބަބުން އެފަދަ ހިތްދަތި ކަމެއްގައި އުޅެން ނުޖެހޭނެ މާހައުލެއް ގާއިމުކުރުމެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މުޖުތަމައުގައި މިފަދަ އެހީތެރިކަން ގާތުން ލިބޭނެ ގޮތްތައް މެދުވެރިވެ، ހޭލުންތެރިކަން އިތުރުވުމެވެ. އަދި އެހެން ކޮންމެ ބައްޔަކާ މެދު ދެކޭ ފަދަ ހަމަހަމަ އުސޫލަކުން ނަފުސާނީ ދުޅަހެޔޮކަމާ މެދު ދެކި، އެކަމަށް ހައްލު ހޯދަން އެންމެން ގުޅިގެން މަސައްކަތް ކުރާ ދުވަހެއް ފެނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *