މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދީފިއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދޭންފެށުމުން މެދުއިރުމަތި ވަނީ ހަމަނުޖެހުންތައް އިތުރުވެފައެވެ. މިކަމާ ގުޅިގެން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކިޔަވާކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމީ މުއައްސަސާތަކާ މެދުކެނޑުމެއް ނެތި ގުޅުން ބަހައްޓަމުންދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ، ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ކަންތައްތައް ކުރިއަށް ގެންދަން ޚާއްޞަ ކޮމިޓީއެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަކީ އެ ކޮމިޓީގެ އެންމެ މުހިންމު ބޭނުމެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.
advertisment
ހިޔާލު