ކައުންސިލުގެ އެހީގައި މަގޫދޫ ސްކޫލަށް ކޮމްޕިއުޓަރު ލެބެއް

ފ. އަތޮޅު މަގޫދޫ ސްކޫލުގައި ކޮމްޕިއުޓަރު ލެބެއް އެ ރަށު ކައުންސިލުން ޤާއިމްކޮށްދީފިއެވެ.

އެއް ފަހަރާ 27 ދަރިވަރުންނަށް ޚިދުމަތް ދެވޭ ގޮތަށް އަލަށް ހުޅުވި ކޮމްޕިއުޓަރ ލެބްގެ ހުރިހާ މަސައްކަތެއް ވެސް ކައުންސިލުން ކޮށްދިނީ އެ ރަށު ސްކޫލުން ބޭނުންވި ގޮތަށެވެ. ކޮމްޕިއުޓަރ ލެބް ޤާއިމް ކުރަން މަގޫދޫ ކައުންސިލުން ހަތްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މަގޫދޫ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމްޕިއުޓަރ ލެބް ހުޅުވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދެއެވެ.

މަގޫދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރީ 30 ކުދިންނަށް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށް ކަމަށާއި ކުދިންގެ އަދަދަށް ބަލައި 27 އަށް ބަދަލުކުރީ ކަމަށެވެ. ކުރިން ކުލާސްރޫމަކަށް ބޭނުން ކުރި ތަނެއް މަރާމާތުކޮށް ކޮމްޕިއުޓަރު ލެބަކަށް ހެދުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔައީ ކައުންސިލުގެ ފަރާތުން ބަޔަކާ ހަވާލުކޮށްގެން ކަމަށް ފަޔާޒު ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ އިލްމް ފޯރުކޮށް ދިނުމުގެ އިތުރުން އައިސީޓީ ފިލާވަޅުތައް އިންޓަރގުރޭޓް ކޮށްގެން ކުރިއަށް ގެންދަން ވެސް އެތަނުގެ ބޭނުން ހިފާނެ ކަމަށެވެ.  އަދި އެއާ ގުޅުން ހުރި ސެމިނަރތަކާއި ޕީޑީ ސެޝަންތައް ވެސް ކުރިއަށް ގެންދަން އެތަނުގެ ބޭނުން ހިފާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދެއް ދަރިވަރުންނަށް ކޮމްޕިއުޓަރ ސައިންސް ކިޔަވައިދޭން ފެށުމަކީ ވެސް" ފަޔާޒު ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ، އެ ސްކޫލުގެ އުމްރާނީ ތަރައްޤީއާއި ދަރިވަރުންގެ އުނގެނުމަށް ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދުގެ އިތުރުން ކައުންސިލުގެ ހުރިހާ މެމްބަރުންގެ ފަރާތުން ލިބެމުން އަންނަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *