ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް މުޙައްމަދު ސޯލިޙް (ދަމާސް ސޯލިޙް) ގެ ދީލަތި އެހީފުޅުގައި "ދާރުލް އިލްމް"ގެ ނަމުގައި އިހަވަންދޫ ސްކޫލުގައި އިމާރާތް ކޮށްދެއްވި ސެންޓަރު ހުޅުވައިފިއެވެ.
ދެ ބުރީގެ މި ސެންޓަރުގައި ދެ ޖިންސްގެ 150 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވެއެވެ. އަދި ވުޟޫކުރަން ދެ ޖިންސަށް ވަކިން އިސްކުރުބަރި ހުރެއެވެ.

މި މަހު 14 ވަނަ ދުވަހު ބޭއްވި "ދާރުލް އިލްމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިޙްގެ އާއިލީ ބޭފުޅުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. ސެންޓަރު ހުޅުވައިދެއްވީ ސޯލިޙެވެ.
"މިއީ މުޙައްމަދު ސޯލިޙްގެ އިހުސާންތެރިކަމާއި އިޚްލާސްތެރިކަން ދައްކުވައިދޭ ފުރިހަމަ މަސައްކަތެއް" "ދާރުލް އިލްމް"އަށް އިޝާރާތް ކުރައްވައި އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އަޙްމަދު ރަޝީދު ވިދާޅުވީ، މަސްޖިދުއް ޒުބައިދާ އަޙްމަދުގެ ނަމުގައި މިސްކިތެއް ވެސް އެރަށުގައި ސޯލިހު ބިނާކޮށްދެއްވާފައިވާ ކަމަށެވެ.
އަޙްމަދު ރަޝީދު ވިދާޅުވީ، ސޯލިޙްގެ އެދިވަޑައިގަތުމަކަށް އެ ސްކޫލުގެ ސީނިއާ މެނޭޖްމަންޓްގެ ޓީމުން ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ސްކޫލުގެ ކަންތައްތައް ކުރިއަށްދާ ގޮތް އޭނާ އެއްސެވިކަމަށެވެ.

"ސްކޫލުން އެދުނީ ނަމާދު ކުރާނެ ކުޑަ ކޮޓަރިއަކަށް. އެފަދަ ތަނެއް ނެތުމުން ކުދިންނާއި މުވައްޒަފުންނަށް ތަކުލީފުތަކާއި އުނދަގޫތަކެއް ކުރިމަތިމުންދާތީ" އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
"ޖަވާބު ދެއްވީ ތިކަން ކޮށްދޭނަމޭ. އެއީ ހަމައެކަނި ނަމާދު ކުރާތަނެއް ނޫނޭ"

އަޙްމަދު ރަޝީދު ވިދާޅުވި ގޮތުގައި އުއްމީދު ކުރެއްވީ، ވެދެއްވާނީ ނަމާދު ކުރާނެ ކޮޓަރިއެއް ހައްދަވަން 50،000 ރުފިޔާގެ އެހީއެއް ކަމަށެވެ. އެހެން ނަމަވެސް އެ ސްކޫލުގެ ގޯތިތެރޭގައި ދެ ބުރިއަށް އިމާރާތެއް އަޅުއްވައި އެތަނަށް ބޭނުންވާ ހުރިހާ ސާމާނަކާއި ވަޞީލަތްތަކަށް ތިން މިލިއަނެއްހާ ރުފިޔާ ސޯލިޙް ޚަރަދުކުރައްވާފައިވާ ކަމަށެވެ. އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލީ މަސައްކަތަށް މަޑުޖެހުމެއް ނެތި ކަމަށް ވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
"ދާރުލް ޢިލްމް"ގެ ނަން ދެއްވައި ބޭނުންފުޅުވީ، ޤުރްއާނުގެ އިލްމާއި ހުލްޤު ހެޔޮ ދަރިންތަކެއް ތަރުބިއްޔަތުކޮށްދޭނެ ތަނަކަށް އެތަން ވާން" އެއީ، ވަކި ފަރުދެއްގެ ފަރާތުން އިހަވަންދޫ ސްކޫލަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެހީކަން ފާހަގަ ކުރައްވައި ޕްރިންސިޕަލް އަޙްމަދު ވިދާޅުވިއެވެ.

"ދާއިމީ ޤުރްއާން ކުލާހެއް އެތަނުގައި ކުރިއަށް ގެންދަން ބޭނުންވާ އެހީތެރިކަން ދެއްވާނެކަމަށް ވެސް ސޯލިހު ވަނީ ވިދާޅުވެފައި" އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އަށް 800 އެއްހާ ދަރިވަރުން އިހަވަންދޫ ސްކޫލުގައި ކިޔަވަމުން އަންނައިރު އެ ހުރިހާ ދަރިވަރުންނާއި އަދި އެ ސްކޫލުގެ ހުރިހާ މުވައްޒަފުން، ސޯލިޙްގެ އެ ހަދިޔާ ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައެވެ. އެހެންވެ ސޯލިޙާއި އޭނާގެ އާއިލާއަށް އިޚްލާސްތެރި ޝުކުރެއް އެ ސްކޫލުން ރައްދުކުރާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލުން ސޯލިހާ ބައްދަލުވުމުގެ މެދުވެރިއަކަށް ވެވަޑައިގެންނެވީ، އިހަވަންދޫ ސްކޫލުގެ ބާނީ އަބްދުއްސަމަދު ހުސައިންގެ ދޮށީ ދަރިކަލުން އިބްރާހިމް ޒުހައިރު ކަމަށެވެ. ޒުހައިރު ކޮށްދެއްވި މަސައްކަތަށް ވެސް އެ ސްކޫލުން ޝުކުރު އަދާކުރެއްވިއެވެ.

އިހަވަންދޫ ސްކޫލުން އަންނަނީ ކިޔެވުމުގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސްކޫލުގައި ވަޞީލަތްތައް އިތުރުކުރުމަކީ އެންމެ އިސްކަންދޭ ކަންތައްތަކެވެ.
advertisment
ހިޔާލު