އޭލެވެލްގެ މެއި/ ޖޫން އިމްތިޙާނަށް ހުޅުވާލައިފި، އަމިއްލަ ގޮތުން ބައިވެރިވާން 3000 ރުފިޔާ ދައްކަންޖެހޭ

އޭލެވެލްގެ މެއި/ ޖޫން އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީ)އިން ހުޅުވާލައިފިއެވެ.

5 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މެއި/ޖޫންގައި އެޑެކްސެލްގެ އޭލެވެލް އިމްތިޙާނު ރާއްޖޭގައި ބާއްވާއިރު، ބައިވެރިވާ ކޮންމެ ކެންޑިޑޭޓެއްގެ އަތުން 3000 ރުފިޔާ ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ނަގަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ބައިވެރިވާ ކޮންމެ މާއްދާއަކަށް ފީ ދައްކަންޖެހެއެވެ.

ޑީޕީން ކުރި އިއުލާނުގައި ބުނެފައިވަނީ، އަންނަ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި (އަމިއްލަ ގޮތުން) ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުން ފެށިގެން 2026 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ. ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ޑީޕީގެ އިއުލާނާއެކު ސިލަބަހަށް ނަގާ ފީ ވެސް ހިމަނާފައިވެއެވެ.

މާއްދާތަކަށް ނަގާ ސިލަބަސް ފީތައް:
  • އެކައުންޓިންގ

ޔުނިޓް: 1 2،080 ރުފިޔާ

ޔުނިޓް: 2 4،160 ރުފިޔާ

  • ބައޮލޮޖީ، ކެމިސްޓްރީ، މެތެމެޓިކްސް، ފިޒިކްސް

ޔުނިޓް: 1 830 ރުފިޔާ

ޔުނިޓް: 2 1،660 ރުފިޔާ

ޔުނިޓް: 3 2،490 ރުފިޔާ

ޔުނިޓް: 4 3320 ރުފިޔާ

ޔުނިޓް: 5 4150 ރުފިޔާ

ޔުނިޓް: 6 4980 ރުފިޔާ

  • އިކޮނޮމިކްސް، ބިޒްނަސް ސްޓަޑީޒް، ހިސްޓްރީ، ޖިއޮގްރަފީ، އިންގްލިޝް، ލިޓަރޭޗަރ، އިންގްލިޝް ލޭންގުއޭޖް
  • ޔުނިޓް: 1 1160 ރުފިޔާ
  • ޔުނިޓް: 2 2320 ރުފިޔާ
  • ޔުނިޓް: 3 3480 ރުފިޔާ
  • ޔުނިޓް: 4 4640 ރުފިޔާ

އޭލެވެލްގެ މެއި/ޖޫން ސީރީޒް އަލުން ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ، އެ އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހިމެނޭހެން ޕެޓިޝަނެއް ތައްޔާރުކުރަމުން ދަނިކޮށެވެ.

މެއި/ޖޫން ގެ އޭލެވެލް އިމްތިޙާނު ބާއްވަން ނިންމައި އެޑިޔުކޭޝަން މިނިސްޓްރީން އޭރު ބުނީ، ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް ހަދަން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000 ރުފިޔާ ޚަރަދުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *