ތަޢުލީމު ފޯރުކޮށްދިނުމަކީ ދާދި ފަހުން އަމަލުކުރަން ފެށި ތަޢުލީމުގެ ބިލުން ވެސް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އެ ބިލުން ކަށަވަރުކޮށްދީފައި ވަނީ ތައުލީމު ފޯރުކޮށް ދިނުމުގެ އިތުރުން ތައުލީމް ފޯރުކޮށްދޭނެ ވަޞީލަތްތައްވެސް ގާއިމްކުރުމަށެވެ. އަދި ހަމައެއާއެކު ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބެލެނިވެރިޔާގެ ޒިއްމާތަކާއި މަސްއޫލިއްޔަތު ތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެއެވެ. ތައުލީމު ފޯރުކޮށްދެވޭނީ ދައުލަތާއި މައިންބަފައިންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ.

ކޮންމެ މުޖުތަމަޢެއްވެސް ކުރިއަށް ދިއުމުގައި އެ މުޖްތަމަޢުތަކުގައި ހުންނަ ވަކިވަކި ފަރުދުންނާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި އޮންނަ އެކުލުންތެރިކަމާއި ގުޅުންތެރިކަމަކީ އެންމެ މުހިއްމު ރޯލެއް އަދާ ކުރާ އެއްކަމެވެ. ރަށު ކައުންސިލާއި، ސްކޫލްތަކާއި، މިސްކިތާއި، އެހެނިހެންވެސް މުހިއްމު ޚިދުމަތްދޭ ތަންތަނަކީ ވަރަށް މުހިއްމު ތަންތަނެވެ. ޚާއްސަކޮށް ސްކޫލްތަކަކީ ރަށެއްގައިނަމަ އެ ރަށެއްގެ ސްކޫލަކީ އެރަށެއްގެ މުސްތަގުބަލް އަލިކޮށްދޭނޭ ދަންމަރެވެ.
މިހާރަކަށްއައިސް އެކިއެކި ޚިޔާލުތަފާތުވުންތަކާއި ގުޅިގެން ރަށްރަށުގެ ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް ސްކޫލަށް ނުވަދެވޭގޮތް ހަދާފައި ހުންނަ މަންޒަރުތައް މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ. މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހިތާމަކުރަންޖެހޭ ކަމެކެވެ. ދަރިވަރުންނަށް އުނގަންނައިދިނުން ހުއްޓުވުމަކީ ގައުމެއްގެ މުސްތަގުބަލަށް ބަނަ ކޮށްލެވޭފަދަ ނޭދެވޭ ފިޔަވަޅެކެވެ. ދަރިވަރުންގެ ކުރިމަގަށް އެޅޭ ބޮޑު ހުރަހެކެވެ.

ސްކޫލުން ދަރިވަރު އުނގެނޭނީ ހަމައެކަނި ފޮތުން ކިޔަވައިދޭ ފިލާވަޅެއް ނޫނެވެ. ތުއްތު ކުދިންގެ ޢިލްމީ ޖިސްމާނީ އަދި ނަފްސާނީ ތަރައްގީ އަކީ ސްކޫލް މާހައުލުން ކުރިއަރައިދާ ކަންކަމެވެ. އަދި އެހެން މީހުންނާއި ގުޅިގެން އުޅުމާއި، އެކުވެރިކަމާއި އަޅާލުން ފަދަ ދިރިއުޅުމަށް ބޭނުންވާ މުހިއްމު ސިފަތައްވެސް ތުއްތުކުދީން ދަސްކުރާނީ ސްކޫލް މާހައުލުގެ ތެރެއިންނެވެ.
އެއްވެސް ސަބަބަކާހުރެ، ސްކޫލްތައް ބަންދުކޮށް ދަރިވަރުން ސްކޫލަށް ނުވަދެވޭގޮތް ހެދުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަދި ބައެއް ރަށްރަށުގައި ތުއްތު ދަރިވަރުން ޔުނިފޯމްގައި ސްކޫލް ކައިރީގައި ތިބޭ ވަގުތު ތަކުގައިވެސް، ދަރިވަރުންނަށް ފެންނަ ގޮތަށް ސްކޫލް ބަންދުކުރާ މަންޒަރުވެސް މި ފަހަކުން ވަނީ ފެނިފައެވެ. ދަރިވަރުންގެ އުނގެނުމަށް ހުރަސްއެޅުމަކީ ގާނޫނީ ގޮތުންވެސް މަނާ ކަމެކެވެ.

މިއީ ތުއްތު ކުދީންގެ ޅަ ސިކުނޑިތަކަށް ނަގައިގަނެވޭވަރަށް ވުރެ ސީރިއަސް ކަމެކެވެ. އަދި އެކުދިންގެ ވިސްނުމާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްދާނެފަދަ ކަމެކެވެ.
ދިމާވާ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމުގެ ފުރުސަތު ދައުލަތުގެ އެކި މުއައްސަސާތަކުން ހުޅުވާލެވިފައިވާއިރު، ޅަދަރީންގެ މުސްގަޤުބަލް ބަނަވެދާނެ ފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ފަރާތްތަކަކުންވެސް ވިސްނަންޖެހެއެވެ. އެހެން ނޫނީ އެއީ ޖީލެއް ހަލާކުވެދިއުމަށް ދެވޭ ވަރަށް ބޮޑު ބާރެކެވެ.
advertisment
ހިޔާލު