ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.
މިއީ، ދިވެހި ބޭންކު ބީއެމްއެލްގެ މާލީ އެހީތެރިކަމާއެކު އެރަށަށް ނިސްބަތްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް)ގެ ފަރާތުން ފުރިހަމަކޮށްދިން މުހިންމު މަސައްކަތެކެވެ. ސްޓޫޑިއޯގެ މަސައްކަތްތައް ނިންމައި މިހާރު ދަނީ ބޭނުންކުރަމުންނެއެވެ. ސްޓޫޑިއޯ ހުޅުވަން ޚާއްޞަ ރަސްމިއްޔާތެއް ވެސް އެ ސްކޫލުގައި ބާއްވާފައިވެއެވެ.

ޔޫއައިއެސްގެ ރައީސް އިސްމާއިލް އާދިލް ދަރިވަރު ނޫހަށް ވިދާޅުވީ، މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހެދުމުގެ ޚިޔާލު ދެއްވީ ދ. އޭއީސީގެ ޕްރިންސިޕަލް ކަމަށެވެ. ބީއެމްއްލެގެ ފަންޑަށް ހުށައެޅެނީ ޖަމިއްޔާއެއް މެދުވެރިވެގެން ކަމަށް ވާތީ އެކަމުގައި އިސްނެގީ އެ ޖަމިއްޔާއިން ކަމަށެވެ.
"ޕްރިންސިޕަލް ވިދާޅުވީ، ކުދިންގެ ޓެލެންޑް އެބަހުއްޓޭ. އެކަމަކު ހުރީ ވަރަށް ލިމިޑެޓް ރިސޯސްތަކެކޭ. މީޑިއާ ސްޓޫޑިއޯއެއް ތަރައްޤީ ކުރަން ބޭނުމޭ" އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ހުށައެޅުމާއެކު ދެ ފަރާތުން ގުޅިގެން ޓީމެއް އެކުލަވާލައި ޕްރޮޕޯސަލް ތައްޔާރުކޮށް ބޭންކަށް ހުށައެޅުމުން ބޭންކުގެ މާލީ އެހީ ދޭ މަދު ޕްރޮޕޯސަލްގެ ތެރޭގައި ހިމެނި އެހީ ހަމަޖެހުނު ކަމަށެވެ.

ތިންމަހާއި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސްޓޫޑިއޯގެ މަސައްކަތް ނިންމާލިއިރު، މިނީ ސްޓޫޑިއޯއަކަށް ބޭނުންވާނެ ހުރިހާ ވަޞީލަތެއް ސްކޫލުގައި ކުރިން ހުރި ސާމާނު ހިމަނައިގެން ޤާއިމް ކުރެވިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭގެތެރޭގައި އެޑިޓިންގއަށް ބޭނުންވާ އެންމެ ފަހުގެ ކޮމްޕިއުޓަރު ސިސްޓަމާއި ފަރުނީޗަރާއި ޕޮޑްކާސްޓް ސެޓަޕާއި ލައިވްސްޓްރީމް ކުރަން ބޭނުންވާ ސާމާނުތައް ހިމެނޭ ކަމަށެވެ.
"ބަޔަކަށް ބަރޯސާ ނުވެ ދަރިވަރުން އަމިއްލައަށް މިހާރު ލައިވް އިވެންޓެއް ކުރިއަށް ގެންދެވޭނެ" އިސްމާއިލް ވިދާޅުވިއެވެ.

900 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ ދ. އޭއީސީގެ ދަރިވަރުން އަންނަނީ އެ ސްކޫލުގައި ބާއްވާ މުހިންމު ހަރަކާތްތައް ދަރިވަރުން އަމިއްލައަށް ލައިވް ސްޓްރީމް ކުރަމުންނެވެ. މިހާތަނަށް ލައިވް ސްޓްރީމް ކުރި ހަރަކާތްތަކުގެ ތެރޭގައި އެ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާއާއި ފުޓްބޯޅަ މުބާރާތާއި ޤުރްއާން މުބާރާތް ހިމެނެއެވެ.

ޔޫއައިއެސް އަކީ ކުޑަހުވަދޫއަށް ނިސްބަތްވާ ޖަމިއްޔާއެއް ނަމަވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ދ. އަތޮޅުގެ ހުރިހާ ރަށްތަކާއި ފ. އަދި ތ. އަތޮޅުގައި ވެސް ހިންގައެވެ. ޔޫއައިއެސްއިން އަންނަނީ މި ރޯދަމަހު ކޮންމެ ދުވަހަކު ދެ ހަރަކާތެއް ކުޑަހުވަދޫގައި ވެސް ބާއްވަމުންނެވެ.
advertisment
ހިޔާލު