އަވަސް ތަރުޖަމާ: މުޙައްމަދު ޤުބާދު އަބޫބަކުރު
ޖަދަލުކުރަން ލޯބިކުރާ މީހުން އަބަދުވެސް ކުރާ ސުވާލެއް އޮވެއެވެ. މާތްالله އަހަރެމެން ކާން އަނގައާއި ދަތްތަކާއި މަޢިދާ އާއި ބަނޑު ހައްދަވާފައި، ރޯދަ ހިފުމަށް އަންގަވައިފާނެ ހެއްޔެވެ؟ އަހަރެމެންނަށް ޓަކައި ރީތިކަމާއި ޝަހަވާތުތަކާއި އެދުންވެރިކަން އުފެއްދެވުމަށް ފަހު، ދެން އަހަރެމެންގެ ނަޒަރު ތިރިކޮށް، ޢިއްފަތްތެރިވާން އަންގަވާފާނެ ހެއްޔެވެ؟ މިއީ ބުއްދި ގަބޫލުކުރާ ހަމަ އެއް ހެއްޔެވެ؟ އަޅުގަނޑު އެމީހުންނަށް ބުނެލާން ބޭނުންވަނީ، އާނއެކެވެ. ބުއްދި ގަބޫލުކުރާ ހަމައެކަނި "ހަމަ" އަކީ، އެއީއެވެ. މާތް الله ތިބާއަށް ޓަކައި އަސް ހެއްދެވީ ތިބާ ދުއްވުމަށެވެ. އެ އަސް ތިބާ ގެ ބުރިކަށްޓަށް ސަވާރުވެ ދުއްވުމަށް ޓަކައެއް ނޫނެވެ. ތިބާ އޭތި ކިޔަމަންކުރުމަށެވެ. އޭތި، ތިބާ އަޅުވެތިކޮށް ކިޔަމަންތެރިކުރުމަކަށް ނޫނެވެ. ތިބާގެ ހަށިގަނޑަކީ ތިބާގެ އަހެވެ. ތިބާ ދުއްވުމަށާއި، ބޭނުންވެއްޖެ ހިނދަކު މަތަކުރުމަށެވެ. ކުރުގޮތަކަށް ބުނާނަމަ، ތިބާގެ ހަށިގަނޑަކީ، ތިބާގެ މަޤްޞަދުތަކާ އެއްގޮތަށް ބޭނުންކުރުމަށް ހައްދަވާފައިވާ އެއްޗެކެވެ. ޖިސްމާއި ހަށިގަނޑާއި އެހަށިގަނޑު އެދުންތައް ތިބާ މަތަކޮށް ކޮންޓްރޯލުކުރަން ޖެހެއެވެ.
ފަހެ، ބަނޑުގެ ނުވަތަ ގޮހޮރުގެ އެދުންތައް ކޮންޓްރޯލް ކުރުމާއި، ޝަހަވާތުތަކާއި ހަވާނަފުސު ހަމަ މަގަށް އެޅުވުމަކީ، ފުރިހަމަ އިންސާނެއްކަން އަންގައިދޭ ސިފަތަކެކެވެ.
ތިބާއަކީ، ހަގީގީ އިންސާނެއް ކަން ހާމަވެ ލޯތަކަށް ފާޅުވާ ވަގުތަކީ، ތިބާ ލޯބިކުރާކަމަކާ ނުވަތަ އެއްޗަކާ ނުލައި، ތިބާ ހޭދަކުރާ ވަގުތެވެ. ކެތްކުރާ ވަގުތެވެ. ތިބާގެ ހަމައެކަނި ކަންބޮޑުވުމަކީ ތިބާގެ ބަނޑާއި އެނޫންވެސް ޝަހުވާނީ އެދުންތަކަށް އިޖާބަދިނުން ކަމުގައިވާނަމަ، ތިބާއީ "އިންސާނެއް" ނޫނެވެ. ތިބާއީ ޙައިވާނެކެވެ. ހައިވާނުވެސް ހުއިބޮނޑިއެއް ފެނުމާއެކު، ކާންފަށާނެއެވެ. ލަޓިބުރި ދައްކައިލުމާއެކު، ފަސްޖެހިލާނެއެވެ. މިއަށް ކިޔާނީ އިންސާނިއްޔަތެއް ނޫނެވެ. ޙައިވާނިއްޔަތެވެ. ތިބާ ހައްދަވާފައިވަނީ، މި ދަރަޖައަށް ވެއްޓޭކަށް ނޫނެވެ.
އިމާމު އިބުނުލް ޤައްޔިމު މަދާރިޖުއްސާލިކީން ގައި ގެންނަވާފައިވާ އަޘަރެއް ނުވަތަ ބަސްފުޅެއް ގައި ވެއެވެ. “އޭ އާދަމުގެ ދަރިޔާއެވެ. "ތިމަން الله ކަލޭގެ ހެއްދެވީ، ތިމަން اللهَށްޓަކައެވެ. ދެންހުރި ހުރިހާ އެއްޗެއް އުފެއްދެވީ ކަލޭގެއަށްޓަކައެވެ."
މާތް الله އެކަލާނގެ ހެއްދެވި ޠަބީޢީ ޤާނޫނުތަކާއި ވަސީލަތްތަކާއި ޚަޒާނާތަކާއި މުޅި ޠަބީޢަތް ނުވަތަ ނޭޗަރު އެކަލާނގެ ވަނީ، އަހަރެމެން އިންސާނުންނަށް ޚިދުމަތްތެރިކޮށްދެއްވާފައެވެ. އެއީ، ހަމައެކަނި އެމަތިވެރި އިލާހަށް އަޅުކަން ޚާލިޞްކުރުމަށެވެ.
ދިރިއުޅުމަކީ، މާތްالله މަޢުރިފާކޮށް ދެނެގަތުމުގެ ދަތުރެކެވެ. ރޯދައަކީ މި ދަތުރުގެ ފުރަތަމަ ތަމްރީނެވެ. ނުވަތަ ރޫޙާނީ ކަސްރަތެވެ. އެއީ އަހަށް ސަވާރުވުމުގެ ކުރިން އެއަށް ދުވުމުގެ ތަމްރީނުދީ ފަރިތަކުރުވާ ބީދައިންނެވެ. ފަހެ، އިންސާނާގެ ހަށިގަނޑަކީ، އެކަލާނގެ އާ ބައްދަލުވުމަށް ކުރާ ދަތުރުގައި، ސަވާރުވާ ސަވާރީއެވެ.
މުސްލިމުމީހާ، ރޯދައަށް ހުންނައިރު، ކަރުހިއްކުމާއި ބަނޑުހައިހޫނުކަން ތަހަންމަލުކުރަނީ، اللهَށް އަޅުވެތިވުމުގެ ތަމްރީނު ލިބިގަތުމަށެވެ. ރަނގަޅު އަޚްލާޤާއި ކިޔަމަންތެރިކަމުގެ ފިލާވަޅު ލިބިގަތުމަށެވެ.
މިމޭރުމުން ބަލާއިރު މާތްވެގެންވާ ރަމަޟާން މަހަކީ، މާތް الله އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މައްސަރެވެ. އަޅުކަމުގެ މައްސަރެވެ. ތަޤުވާގެ މައްސަރެވެ.
ރޯދަހިފަންޖެހޭނީ މި މަތިވެރި މާނަތަކާއި ލަނޑުދަނޑިތައް ހާސިލުވާގޮތަށެވެ.
ރޯދަމަހާ ދިމާކޮށް ރޯދައާ ގުޅުމެއްނެތް ޑްރާމާތަކާއި ޕްރޮގްރާމްތައް އުފެއްދުމަކީ، އިސްވެދެންނެވި ފަދައިން، ރޯދަ ފަރުޟުކުރެއްވުމުގެ ޙިކުމަތާއި އަރައިރުންވާ ކަންތައްތަކެކެވެ.
ރޯދަވެރިޔާ ރޯދަހިފަނީ، ހެއްދެވި ޚާލިޤުވަންތަ ފަރާތް ހަނދުމަކުރުމަށެވެ. ޒިކުރުކުރުމަށެވެ. ރޭއަޅުކަންކުރުމަށެވެ. ކީރިތި ޤުރުއާންކިޔަވައި، އޭގެ މާނަތަކާމެދު ވިސްނާފިކުރުކޮށް ތަދައްބުރުކުރުމަށެވެ.
ނޯޓް: މިއީ މިސްރުގެ އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރު މުޞްޠަފާ މަޙްމޫދު ރަޙިމަޙު الله ލިޔުއްވާފައިވާ ލިޔުއްވުމެެއްގެ ތަރުޖަމާއެކެވެ.
advertisment
ހިޔާލު