އެމްއެންޔޫގައި ތަޢުލީމީ ދާއިރާއިން މާސްޓަރސްއަށް ކިޔަވަން މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ތައުލީމީ ދާއިރާއިން މާސްޓަރސްއަށް ކިޔަވަން ސްކޮލަރޝިޕެއް މައުމޫން ފައުންޑޭޝަނުން ހަމަޖައްސައިދީފިއެވެ.

މި ސްކޮލަރޝިޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން އަޙްމަދު ފާރިޝް މައުމޫނެވެ.

ފައުމޫން ފައުންޑޭޝަންގެ ފަރާތުން މި އަހަރު ދެނީ މާސްޓަރސް އޮފް އެޑިޔުކޭޝަން އިން ލިޑާރޝިޕް ކޯހުގައި ކިޔަވަން އެއް ފުރުޞަތެވެ. މި ސްކޮލަޝިޕަށް ހުޅުވާލާނީ އެމްއެންޔޫއިންނެވެ.

މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ދިން ސްކޮލަރޝިޕްތަކުގައި ކިޔެވި ދަރިވަރުން ވަނީ ކިޔެވުން ފުރިހަމަ ވެސް ކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް، މައުމޫން ފައުންޑޭޝަނާއެކު ވި އެއްވަސްވުން ސިފަކުރެއްވީ އިލްމީ ދާއިރާ ކުރިއެރުވުމަށާއި ފިކުރީ ތަރިކަ ރައްކާތެރިކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށެއެވެ. ރައީސް މައުމޫން ލިޔުއްވާފައިވާ އަދަބީ، ތާރީޚީ އަދި އިލްމީ ފޮތްތަކަކީ ޤައުމީ ޚަޒާނާއެއް ކަމަށާއި، އެ ފޮތްތައް ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވީތީ އެކަމަށް ޝުކުރުއަދާކުރައްވައި ވިދާޅުވީ، އެއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، މަޢުމޫން ފައުންޑޭޝަނާއެކުވި އެއްބަސްވުމުގެ ސަބަބުން ދަރިވަރުންގެ އަޚްލާޤީ ސިފަތަކާއި މަދަނީ ޒިންމާތައް އަށަގެންނެވުމަށް މަގުފަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށެއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށާއި، ތާރީޚީ އަދި ފިކުރީ ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަން ވެސް ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ.

މެދުކެނޑުމަކަށްފަހު، ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފަށާފައިވާކަން ފައުންޑޭޝަންގެ ވައިސް ޗެއާމަން އޮނަރަބަލް އަޙްމަދު ފާރިޝް މައުމޫން ވަނީ މި ރަސްމިއްޔާތުގައި އިއުލާނުކުރައްވާފައެވެ. އަދި ފައުންޑޭޝަނުން އާކައިވްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި ޔުނިވަރސިޓީގެ ފަންނީ އެހީތެރިކަން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ ފަރާތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި އެއްބަސްވުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި ޚާއްޞަ ޝުކުރެއް އެނާ ވާނީ އަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *