ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އެމްއެންޔޫއާއި އޭސީސީ ގުޅިގެން މަސައްކަތް ކުރަނީ

ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މަސައްކަތް ކުރަން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މި ފަހުމުނާމާގެ ދަށުން، އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވާކްޝޮޕްތައް ބޭއްވަން އޭސީސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް އެމްއެންޔޫއިން ހިންގާނެއެވެ.

އެމްއެންޔޫގެ ފަރާތުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ވިޔަނުދިނުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާއި އެންޓި- ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ވެސް މި ފަހުމުނާމާގައި ހިމަނާފައިވެއެވެ. އަދި ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖާނަލްތައް ޝާޢިއުކުރުމުގައި ވެސް ޔުނިވަރސިޓީން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *