އިނގިރޭސި މާއްދާއިން ކޭމްބްރިޖް ލަރނާސް އެވޯޑް ފުރަތަމަ ފަހަރަށް އަރަބިއްޔާގެ ތިން ދަރިވަރުންނަށް

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ތިން ދަރިވަރުންނަށް ފުރަތަމަ ފަހަރަށް އިނގިރޭސި މާއްދާއިން އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލަރނާސް އެވޯޑް ލިބިއްޖެއެވެ.

މިއީ އެ މަދަރުސާގެ ދަރިވަރުން ކޭމްބްރިޖް އިމްތިޙާނުން މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ.

އޯލެވެލްގައި އެ ސްކޫލުގެ 58 ދަރިވަރުން ބައިވެރިވެފައިވާއިރު، އިނގިރޭސި މާއްދާގައިއިން އޭ ސްޓަރ 20 ދަރިވަރުން 16 ދަރިވަރުންނަށް އޭ 12 ދަރިވަރުންނަަށް ބީ ލިބިފައިވާ ކަމަށެވެ. އަދި 8 ދަރިވަރުންނަށް ސީ ލިބުނުއިރު، އީ ލިބުނީ އެންމެ ހަތަރު ދަރިވަރުންނަށެވެ.

ކޭމްބްރިޖް ލަރނާސް އެވޯޑް ލިބުނު ޢަރަބިއްޔާގެ ދަރިވަރުން

ޢަބްދުއްރަޙުމާނު ބިން ޢަލީ ޝަމީމް- ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ

އަޙްމަދު އަދިއްޔު މުޙައްމަދު ހަސަން- ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ

ޔޫސުފު ބިން މުޙައްމަދު އަމީން- ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ

އަރަބިއްޔާ ސްކޫލުން ބުނީ، ދަރިވަރުންނަށް ލިބުނު ނަތީޖާއަކީ އެ މަދަރުސާގެ އިނގިރޭސި ޑިމާޓްމަންޓުގެ ހުރިހާ ޓީޗަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި އެކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ލީޑިންގ ޓީޗަރުންގެ ދައުރު ބޮޑުކަމަށެވެ.

އެ ސްކޫލުން ބުނީ، އިނގިރޭސި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެ ޑިޕާޓްމަންޓުގެ މަސައްކަތަށް ވެސް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ޢަރަބިއްޔާ ސްކޫލުގައި 800 އެއްހާ ދަރިވަރުން ކިޔަވަމުންދެއެވެ. ޢަރަބިއްޔާއަކީ ޢަރަބި މީޑިއަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *