ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޅ އަތޮޅުގައި ވެސް އެކުލަވާލައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، މަސައްކަތް ކުރަމުން މިދަނީ ޅ. އަތޮޅުގައި ވެސް ކޮމިޓީއެއް ކަނޑައެޅުމަށް ކަމަށާއި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ދެން އެންމެ ގިނައިން ޙާފިޒުން އުފެދެމުން އަންނަނީ ނައިފަރުގައި ކަމަށެވެ. އަދި އެކަން ކުރައްވަނީ، ދަރިވަރުން އިމްތިހާނަށް މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ކަމަށެވެ.
"މާތް ﷲ އިރާދަކުރެއްވިއްޔާ މި އަހަރު ޅ އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޢައްޔަންކުރާނެ"
މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއް ކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުން ކަމަށެވެ.
ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުން ކަމަށާއި ބައެއް ދަރިވަރުން 2 ފޮތް ވެސް ކިޔައިދޭއިރު، ކިޔައިދޭ މިންވަރު ދަރިވަރުގެ ޙާލަތަށް ބަލައި ޤުރުއާން މަރުކަޒުން ކަނޑައަޅާ ކަމަށް ޝަހީދުވިއެވެ.
މާލޭގެ ދެ މަރުކަޒެއްގައި އިމްތިހާން ކޮމިޓީ ކަނޑައެޅިފައި އޮވެއެވެ. އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއެވެ. އޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮވެއެވެ.
ޝަހީމް ލިޔުއްވާފައިވާ ގޮތުގައި މިއަހަރު ޙާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގެ އެންމެހައި ކަންކަމެއްވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
"އަލްޙަމްދު ﷲ. މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު. މިއަހަރުގައި އަލަށް 31 ޙާފިޒުން ދަސްވެނިވާނެ އިންޝާ ﷲ "
ޑރ. ޝަހީމް ވިދާލުވެފައިވެއެވެ.
ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރުކުރަން ސަރުކާރުން އިސްކަމެއްގެ ގޮތުން ހާފިޒުންގެ އަލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
advertisment
ހިޔާލު