ކޮވިޑް 19 އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ފެށި ނަމަވެސް އިތުރުހަރަކާތްތައް އޮތީ މަޑުޖައްސާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެޅި ދަރިވަރުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، 14 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕޮރޮގްރާމް އަންނަނީ ކާމިޔާބު ކަމާއެކު ހިންގަމުންނެވެ. ދަރިވަރުންގެ ރައްކާތެރި ކަމަށް އެޅި ހަރުދަނާ ފިޔަވަޅެއްގެ ގޮތުން މުދައްރިސުންގެ އިތުރުން އިދާރީ މުވައްޒަފުން ހިމެނޭހެން ހުރިހާ މުވައްޒަފުން ވެކްސިންގެ ދެޑޯޒް ފުރިހަމަކުރަންޖެހެއެވެ. ބެލެނިވެރިންނަށް ވެސް ސްކޫލްގެ ތެރެއަށް ވަދެވެނީ ވެކްސިން ފުރިހަމަކޮށް ސްކޫލްތަކުން ދޫކުރި ފެހިކާޑް އޮވެގެންނެވެ. ސެޕްޓެމްބަރުން ފެށިގެން މި އުޞޫލު ދަނީ ހިންގަމުންނެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ނިމުމުން ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. އެ ހުއްދައާއެކު ދެވަނަ ޑޯޒް ފުރިހަމަކުރި ސްކޫލްތަކުން މިހާރު ވަނީ އިތުރު ހަރަކާތްތައް ފަށާފައެވެ. އަނެއްބައި ސްކޫލްތަކުން މިހާރު ދަނީ އިތުރު ހަރަކާތައް ރާވައި، ހިންގަން ތައްޔާރު ވަމުންނެވެ.

އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލްގެ މުދައްރިސުންނާއި 14 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިންފުރިހަމަކޮށްފައިވާ ކަމަށެވެ. ވެކްސިން ފުރިހަމަވުމާއެކު އެ ސްކޫލުން މިހާރު ދަނީ އަންނަ ހަފްތާގެ ތެރޭގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ރާވަމުންނެވެ.
" އާންމު ޙާލަތުގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިޔަ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދަން މި ރާވަނީ. ކޭސްތަކެއް ފެނި މޮނިޓަރިންނަށް ނުދާ ހާލަތުގައި އެ ގޮތަށް ކުރިއަށް ގެންދަން ވިސްނާފައި އޮތީ" މުޖުތަބާ ވިދާޅުވިއެވެ.
ސްކޫލްތަކުން އިތުރު ހަރަކާތްތައް މިފެށީ ދޮޅު އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ސްކޫލްތަކުން ކުރިއަށް ގެންދަން މިހާރު ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދުވަސްތައް ފާހަގަކުރުމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލްތަކުގެ ހައުސްތަކުގެ ހަރަކާތްތަކާއި ޔުނީފޯމް ބޮޑީގެ ހަރަކާތްތައް ހިމެނެއެވެ.
advertisment
ހިޔާލު